ނިއުރޭޑިއަންޓް

މުސާރަ ނުދީ އިމްރާންގެ ކޮންޓްރެކްޓް ނިއުއިން އުވާލައިފި

ނިއު ރޭޑިއަންޓުން، އެ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދަށް މުސާރަ ނުދީ އޮތުމުން، އެކަން ހައްލު ކޮށްދިނުމަށް އޭނާ އެދިފައި ވަނިކޮށް މައްސަލަ ހައްލުކޮށް ނުދީ ކުލަބުން އޭނާގެ ކޮންޓްރެކްޓް ބާތިލު ކޮށްފި އެވެ.

މަހު މުސާރައިގެ ބަދަލުގައި އިމްރާންއަށް ނިއު އިން ދެނީ ސީޒަންގެ ވަކި މުއްދަތުތަކަކުން ދޭ ޕޭމަންޓެކެވެ. ޕޭމަންޓް ނުދޭ މައްސަލަ ތަކުރާރުވާން ފެށުމުން، އޭނާ ވަނީ އެ މައްސަލަ ހައްލުކޮށް ދިނުމަށް ކުލަބަށް ލިޔުމުން ހުށަހަޅާފަ އެވެ.

އޭނާ ހުށަހެޅި މުައްދަތު ފާއިތުވުމުން، އޭނާ ވަނީ ކުލަބުގެ ޕްރެކްޓިހަށް ނިކުތުން ހުއްޓާލާފަ އެވެ. އެއަށް ފަހުވެސް މައްސަލަ ހައްލު ނުވުމުން އެންމެފަހުން އޭނާ ވަނީ މައްސަލަ ހައްލުކޮށް ދިނުމަށް އެދި އެފްއޭއެމް ޕްލޭއާސް ކޮމިޓީއަށް މައްސަލަ ހުށަހަޅާފަ އެވެ.

"ޕްރެކްޓިސް މެދު ކަނޑާލި ސަބަބުވެސް ކުލަބަށް އެންގިން، ޕޭމަންޓް ނުލިބެންޏާ ފައިސާ ހޯދުމަށް ވަގުތު ބޭނުންވާތީ މިވަގުތު ކުލަބު ޕްރެކްޓިސް މެދުކަނޑަލަން ޖެހުނު ކަމަށް އެންގީ." އިމްރާން ބުންޏެވެ.

އޭނާ ބުނީ ނިއު ރޭޑިއަންޓަކީ އޭނާ ވަރަށް ކުޅޭ ހިތުން ކުޅޭ ވަރަށް ލޯބިވާ ކުލަބެއް ކަމަށާއި ނަމަވެސް ޕޭމަންޓް ނުލިބި އިތުރު މުއްދަތުތަކެއް ފާއިތުވެ ދިއުމުންވެސް މައްސަލަ ހުށަނާޅާއި އޭނާ މަޑުކުރި ކަމަށެވެ. މައްސަލަ ހުށަހެޅީ އެނޫން އެހެން ގޮތެއް ނެތުމުން ކަމަށެވެ.

"އަޅުގަނޑު ވާނީ ކުލަބުގެ މޭނޭޖުމެންޓަށް ހުރިހާ ކަމެއް ބަރާބަރަށް ލިޔުމުން އަންގަފައި، މައްސަލަ ހުށަހެޅުމުގެ ކުރިންވެސް އެކަން އެންގިން، ނަމަވެސް ހައްލެއް ނުލިބުނީމަ އެންމެ ފަހުން މައްސަލަ ހުށަހެޅީ." ނިއު އަށް ގިނަ ތަށިތަކެއް ހޯދައިދިން އިމްރާން ބުންޏެވެ.

އޭނާގެ ފަރާތުން ކުލަބަށް ލިޔުމުން ފޮނުވި މައްސަލައަށް، ކުލަބުން ޖަވާބު ދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކުލަބުން އޭނާއަށް އަންގާފައި ވަނީ ކޮންޓްރެކްޓް ބާތިލު ކޮށްފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓް ބާތިލު ކުރުމަށްފަހުވެސް އޭނާއަށް ދޭން ޖެހޭ މުސާރަ ދީފައެއް ނުވެ އެވެ.

"ނޫން ލިޔުމަކުންވެސް އަދި އަނގަ ބަހުންވެސް ޖަވާބު ދީފައެއް ނުވޭ،" ލިޔުމުން ހުށަހެޅި މައްސަލައަށް ކުލަބުން ޖަވާބު ދީފައިވޭތޯ 'އަވަސް' އިން ސުވާލު ކުރުމުން އޭނާ ބުންޏެވެ. "އިއްޔަ ލިބުނި ސިޓީއެއް އޭގައި އޮތީ ކޮންޓްރެކުޓް ބާތިލު ކުރިކަން އަންގާފަ."

އިމްރާންގެ ކޮންޓްރެކްޓު ބާތިލު ކުރުމުން އެކަމާ ބެހޭގޮތުން ނިއުގެ އޮފިޝަލަކަށް ގުޅުމުން އޭނާ ވަނީ، މީޑިއާތަކުން ކުލަބުތަކުގެ ހައްގެއް އޮތް ކަމަށް ނުދެކޭ ކަމަށް ތުހުމަތު ކޮށްފަ އެވެ.

"މިޑިއާތައް ވާހަކަ ދައްކަނީ ކުޅުންތެރިޔާ ހިމާޔަތް ކޮށްފަ، ކުލަބުތަކުގެ ސައިޑުން ވާހަކައެއް ނުދައްކާ،" އޭނާ ބުންޏެވެ. "ސީނިއާ ކުޅުންތެރިޔަކާ ބަލާފައި އިމްރާންގެ ފަރާތުން ފެންނަން ޖެހޭ ލީޑާޝިޕެއް ނުފެނޭ، އެވަރުގެ ކުޅުންތެރިޔަކު ޕްރެކްޓިހަށް ނުނިކުމެ ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން."

އޭނާ ބުނީ އިމްރާން އަށް ދޭން ޖެހޭ ޕޭމަންޓް ހަމަޖެއްސުމަށް ކޮމިޓީއެއްގެ ބެލުމުގެ ދަށުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް މުސާރަ ދެވޭނެ ތާރީހެއް އޭނާ ނުބެނެއެވެ.

އެނގިފައިވާ ގޮތުގައި އޭޕްރީލް މަހުގައި އިމްރާންއަށް ދޭން ޖެހޭ ޕޭމަންޓް އަދިވެސް ނުދެ އެވެ. އަހަރު ނިމެން އޮތީ ދެ މަހެވެ.

އިމްރާންގެ އިތުރުން ނިއުގެ ބައެއް އެހެން ކުޅުންތެރިންނަށްވެސް މުސާރަ ނުލިބެ އެވެ. މުސާރައިގެ މައްސަލައިގައި އެ ޓީމުގެ ބައެއް ކުޅުންތެރިންވެސް ގަވާއިދުން ޕްރެކްޓިހަށް ނުނިކުމެ އެވެ.