ދުނިޔެ

ސައުދީ ނޫސްވެރިޔާ "މަރާލި" ރެކޯޑިން ހޯދަން އެމެރިކާއިން އެދިއްޖެ

Oct 18, 2018

ވޮޝިންގްޓަން (އޮކްޓޯބަރު 18) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޫގްޖީ މަރާލާފައިވާ ކަމަށް ތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯ ރެކޯޑިން ހޯދުމަށް އެމެރިކާއިން ތުރުކީ ސަރުކާރުގައި އެދެފި އެވެ.

ތުުރުކީ ސަރުކާރާ ގުޅުން އޮންނަ ނޫހެއް ކަމަށްވާ ޑެއިލީ ސަބާހް ނޫހުން ހޮނިހިރުދުވަހު ބުނީ ޚަޝޫގީ މި އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ވަނުމުގެ ކުރިންް އޭނާ ވަނީ އޭނާގެ އަތުކުރީގައި އޮތް އެޕަލް ގަޑީގައިވާ ރެކޯޑަރު އޮން ކޮށްފައެވެ. އަދި ބުނީ އޭނާއާ ސުވާލުކޮށް އަނިޔާކޮށް މަރައިލި އިރުގެ ހުރިހާ އަޑުތަކެއް އެ ގަޑިއަށް ރެކޯޑްވެ، އޭނާގެ ފޯނަށާއި އައި ކްލައުޑަށް އޯޑިއޯ ފައިލް ގޮސްފައިވާ ކަމަށެވެ.

"އެފަދަ ރެކޯޑިން އެއް އޮތް ނަމަ. އެ ރެކޯޑިންގް ދިނުމަށް ވަނީ އެދިފައި،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްޔެ ވިދާޅުވި އެވެ.

ޚަޝޫގީ ގެއްލުނު ހާދިސާއާ ގުޅިގެންް އެމެރިކާ އާއި އިނގިރޭސިވިލާތުން ވެސް ވަނީ ނުރުހުން ފާޅުކޮށް ސައުދީ ސަރުކާރަށް ސުވާލުތައް ކުރިމަތިކޮށްފަ އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ސައުދީ އާއި ތުރުކީއަށް ކުރެއްވި ދަތުރުފުޅަށްފަހު އެކަމާ ގުޅޭ ރިޕޯޓެއް ދެއްވާނެ ކަމަށެވެ.

ޚަޝޫގީ ގެއްލުނު ހާދިސާއާ ގުޅޭ ހަގީގަތް އަންނަ ހަފްތާގެ ތެރޭގައި ހާމަވެގެންދާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ސީއެންއެންއަށް މައުލޫމާތު ދިން ތުރުކީގެ އޮފިޝަލުންނާ ހަވާލާދީ އެ އެޖެންސީގެ ރިޕޯޓުގައި ބުނެފައި ވަނީ ތަހުގީގުގައި ހެދުނު ގޯހެއްގެ ސަބަބުން ޚަޝޫގްޖީ މަރުވުމުން ސައުދީ އޮފިސަރުން އޭނާގެ ހަށިގަނޑު ވަނީ ކުދިކުދިކޮށް ކޮށާލާފައި އެވެ.

ނަމަވެސް އެއަށް ފަހު އެހަށިގަނޑުގެ ބައިތަކަށް ހެދި ގޮތަކާ ބެހޭ ގޮތުން ތުރުކީ އޮފިޝަލުން ވަކި އެއްޗެއް ނުބުނެ އެވެ. ޚަޝޫގްޖީ ގެއްލުނުތާ ދެހަފުތާ ފަހުން ތުރުކީ ފުލުހުން އަންގާރަ ދުވަހުގެ ރޭ ވަނީ ނުވަ ގަޑިއިރު ވަންދެން ސައުދީ ކޮންސިއުލޭޓް ތެރެ ބަލައި ފާސްކޮށްފައި އެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތުރުކީ އޮފިޝަލުން އެތަނުން ގެންދިޔަ ތަކެތީގެ ތެރޭގައި ކޮންސިއުލޭޓްގެ ގޯތިތެރެއިން ވެއްޔާއި ބަގީޗާގައި ހުރި ދަނގަޑު ދޮރެއް ވެސް ހިމެނެއެވެ.