ހަބަރު

ފަސްއަހަރަސް ފެންނަ ފެނުމަށް ދެ އަހަރު!

ފަސް އަހަރުގެ މަރްޔަމް ފަރްހީން އަކީ، ލ ފޮނަދޫ، ބަސީރީ ހިޔާ، އާމިނަތު ނަސްވާ އާއި މުހައްމަދު ރަޝީދަށް ލިބުނު ހަތް ކުދިންގެ ތެރެއިން ހަމައެކަނި އަންހެންކުއްޖާ އެވެ. ވިސްނުމާއި އުޅުމާއި މިޒާޖުގެ ގޮތުން ފަރްހީން އެކޭ އެ އުމުރުގެ އެހެން ކުދިންނެކޭ މާބޮޑު ފަރަގެއް ނެތެވެ. އެންމެ ކަމެއް ފިޔަވަ އެވެ. އުމުރުން ފަސް އަހަރު ވީއިރު އަދިވެސް ފަރްހީން ހީވަނީ ދެ އަހަރުގެ ތުއްތު ކުއްޖެއް ހެންނެވެ. އިސްކޮޅުން އެންމެ ދެ ފޫޓުގެ ފަރްހީންގެ ބުރަދަނުގައި ވެސް ހުންނަނީ އެންމެ ނުވަ ކިލޯ އެވެ. ފަރްހީންގެ ބައްޔަކީ ޑްވާފިޒަމް ނުވަތަ އާދަޔާ ހިލާފަށް އިސްކޮޅުން ކުރުވުމުގެ ސަބަބުން ދިމާވާ ސިއްހީ ހާލަތެކެވެ. ދަރިފުޅުގެ ހެދިބޮޑުވުމަށް އެޅިފައިވާ މި ހުރަހާމެދު ހިތްދަތިވެފައި ހުރި ނަސްވާ އޭނާގެ ދަރިފުޅަށް ފަރުވާއެއް ހޯދުމަށް މިވީ ފަސް އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފި އެވެ.

"ފަރްހީނަށް ފަރުވާކުރަން ވަރަށް ބައިވަރު މަސައްކަތް ކުރެވިއްޖެ. އިންޑިއާއަށް ތިން ފަހަރުމަތިން ދެވިއްޖެ. ޓްރީޓޮޕް އަށް ދައްކާފަ ވަރަށް ފަހުން ރަށަށް މި އައީ. ފަރްހީންގެ އުމުރުން އަދި ވަރަށް ކުޑަވީމަ ޑޮކްޓަރުން ބުނަނީ އޭނަގެ އުމުރުން 12 އަހަރު ވަންދެން އެންމެ ދުވަހެއްވެސް ވައްޓާނުލައި ގްރޯތް ހޯމޯން ވެކްސިން ދީފިނަމަ ފުދޭ ވަރަކަށް ރަނގަޅުވާނެ ކަމަށް،" ނަސްވާ "އަވަސް" އަށް ކިޔައިދިނެވެ.

އޭނާގެ ހުރި ހަމަ އެކަނި އަންހެންދަރިފުޅުގެ މުސްތަގްބަލާމެދު ނަސްވާ ފޮނި އުންމީދުތަކެއް ކުރެ އެވެ. އެހެން ނަމަވެސް އުފެދުމުގައި ހުރި އުނިކަމުގެ ސަބަބުން ޕްރީސްކޫލް އުމުރުގައި ހުރި ފަރްހީނަށް އެހެން ކުދިންގެ ދިމާކުރުންތަކާ ހުރެ ސްކޫލަށް ފޮނުވުން ވެސް ދަތިވެ އެންމެ ފަހުން ނަސްވާ އަށް ޖެހުނީ ފަރްހީން ސްކޫލަށް ފޮނުވުން ވެސް ހުއްޓާލާށެވެ.

ފަރްހީން އަކީ އޭނަގެ ބަލި ހާލަތާ ގުޅިގެން އެހެނިހެން ސިއްހީ މައްސަލަތައް ވެސް ތަހައްމަލުކުރަންޖެހިފައިވާ ކުއްޖެކެވެ. އަވަސް އަވަހަށް ވަރުބަލިވުމާއި، ރަނގަޅަށް ނުކެވި މާބޮޑަށް ހަށިގަނޑު ވަރުދެރަވުން ފަދަ ކަންކަން އަބަދު ދިމާވެ އެވެ. އޭގެ ސަބަބުން ފަރްހީން އަބަދު ގެންގުޅެންޖެހެނީ އުރާލައިގެންނެވެ.

މި ހުރިހާ ކަމަކާ ވިސްނަން ނަސްވާއަށް ޖެހިފައިވަނީ އޭނާ އާއި ފިރިމީހާއަށް ލިބިފައި ތިބި އިތުރު ހަ ފިރިހެންކުދިން ބެލުމުގެ ބުރަވެސް އުފުލަމުން އެވެ. އެ ހުރިހާކުދިން ވެސް އަދި ކުޑަ އެވެ. އެންމެ ބޮޑު ކުއްޖާއަށް ވެސް 16 އަހަރެވެ. ފިރިމީހާ ރަޝީދު ކައްދޫ އެއާޕޯޓުގައި ވަޒީފާ އަދާކޮށްފައި އަތަށް ލިބޭ މަދު ފައިސާކޮޅުން އާއިލާގެ ހަރަދުތައް ހިފެހެއްޓެނީ ކިރިޔާ އެވެ. ފަރްހީން ޑޮކްޓަރަށް ދައްކަން އިންޑިއާއަށް ދާން ނެގި ލޯނުތައް އަދިވެސް ރަޝީދުގެ ބޮލުން ނުދެ އެވެ. ދަރިފުޅުގެ ފަރުވާއަށް ހެޔޮ އެދޭ މީހުންގެ އެހީއަށް ސަލާންޖަހަން ނަސްވާ އަށް މަޖުބޫރިވި ހިސާބަކީ މިއެވެ. ފަރުހީންއަށް ފަރުވާއެއް ލިބޭނެ ކަމުގެ ކުޑަވެސް އުންމީދެއް އޮތް ނަމަ އެ ދިމާލަކަށް ދާން ނަސްވާގެ ދެމަފިރިން ތިބީ ކަމަރު ބަދެގެން އެވެ.

"އުންމީދެއް ކުރިމަތީގައި ފެންނަން އޮތީމަ އެއާ ހަމައަށް ނުގޮސް ތިބެން ހިތެއް ނޭދޭ. މިހާރުވެސް ފަރްހީން މި ބޭނުންކުރާ ބޭސް ފުޅިއެއް މިލިބެނީ 1000ރ އަށް. ދެން އޭނަގެ އުމުރުން 12 އަހަރުވަންދެން ކޮންމެ ދުވާލަކު ދޭން ޑޮކްޓަރުން މިހާރު ރެފާކޮށްފައިވާ ގްރޯތް ހޯމޯން އިންޖެކްޝަނެއްގެ އަގަކީ 840 ރ. މިއީ ރާއްޖެއިން ނުލިބޭ ފަރުވާއެއް ވީމަ 12 އަހަރު ވަންދެން ކޮންމެ ހަމަހަކުން ބޭރަށް ގޮސް ޓެސްޓު ހަދަންޖެހޭ،" ނަސްވާގެ ހާލަތު ބަޔާންކޮށްދިނެވެ. "އެންސްޕާއަށް ވެސް އެދެފިން. އަދި ޖަވާބެއް ނުދޭ. އެކަމަކު އެންސްޕާއިން މީގެ ކުރިން ވެސް އެހީ ދިން،"

މި ހުރިހާ ހަރަދުތަކެއް ކުރިމަތީގައި ފެންނަން އޮތަސް ހަރަދުތަކަށްވުރެ ދަރިފުޅުގެ މުސްތަގްބަލް އޭނާއަށް ފެންނަލެއް މާސާފެވެ. ފަރްހީންގެ ދިރިއުޅުން އުޖާލާކުރުމަށް ނަސްވާ އާދޭހާ އެކު އެދެނީ ދީލަތި އެހީއަށެވެ. ފަރްހީންގެ ފަރުވާއަށް ފެށޭ ނޮވެމްބަރު މަހުގެ ފަހުކޮޅު އިންޑިއާ އަށް ފުރަން އެދެމަފިރިން އަންނަނީ މިހާރު ތައްޔާރުވަމުން އެވެ.