ދުނިޔެ

ނޫސްވެރިޔާ މަރުވެފައިވާކަމަށް އެންމެފަހުން ސައުދީން އެއްބަސްވެއްޖެ

Oct 20, 2018
5

ރިޔާދު (އޮކްޓޯބަރު 20) - ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޫގްޖީ މަރުވެފައިވާކަމަށް ސައުދީ ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ސައުދީ ޝާހީއާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށްް ބޮޑަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ޖަމާލް ޚަޝޫގްޖީ ގެއްލުނީ ތުރުކީގެ އިސްތަންބޫލްގައި ހުންނަަ ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހުގައި އެވެ.

ޚަޝޫގްޖީ ކޮންސިއުލޭޓަށް ދިޔަތާ 18 ދުވަސް ފަހުން، އެ މައްސަލާގައި ކުރި ތަހުގީގަކާއި ހަވާލާދީ ސައުދީގެ ދައުލަތުގެ މީޑިއާ އިން ބުނިގޮތުގައި، ނޫސްވެރިޔާ އާއި ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާއި ދެމެދު ހިނގި "މާރާމާރީއެއްގައި" ޚަޝޫގްޖީ މަރުވެފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން، 18 ސައުދީ އޮފިޝަލުން ހައްޔަރުކޮށްފައިވާއިރު، ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު އަމީރު މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ސައުދީގެ ޖާސޫސީ އިދާރާ އަލުން އެކުލަވާލުމަށް، ވަލީ އަހުދު އިސްވެ ހުންނަވައިގެން، ކެބިނެޓު މިނިސްޓަރުން ހިމެނޭ ކޮމިޓީއެއް ރަސްގެފާނު ސަލްމާން އުފައްދަވާފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެ އެވެ.

ޚަޝޫގީ ގެއްލުނު ހާދިސާއާ ގުޅިގެންް އެމެރިކާ އާއި އިނގިރޭސިވިލާތުން ވެސް ވަނީ ނުރުހުން ފާޅުކޮށް ސައުދީ ސަރުކާރަށް ސުވާލުތައް ކުރިމަތިކޮށްފަ އެވެ.

ނޫސްވެރިޔާ މަރުވެފައިވާކަމަށް އެއްބަސްވުމާއި ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސައުދީ ސަރުކާރުގެ އަވަސް ތަހުގީގަށް ތައުރީފު ކުރައްވައިފަ އެވެ. އަދި ނޫސްވެރިޔާ މަރާލާފައިވާނަމަ، ސައުދީއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް ޓްރަމްޕް ކުރިން ވިދާޅުވި ނަމަވެސް، ޓްރަމްޕް ވަނީ ސައުދީއަށް ފިޔަވަޅު އަޅައިފިނަމަ އެމެރިކާގެ އިގުތިސާދަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ރާގު މުޅިން ބަދަކުރައްވައިފަ އެވެ.

އޮކްޓޯބަރު 2 ގައި ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަން ކަމަށްވެ އެވެ. އޭނާ ކައިވެނި ކުރަން އުޅޭ އަންހެން މީހާއާއެކު އެމްބަސީއަށް ދިޔަ ނަމަވެސް، އަންހެން މީހާ މަޑުކުރީ އިމާރާތުގެ ބޭރުގައިކަމަށް ވެސްވެ އެވެ. ޖަމާލް އިމާރާތުން ނުކުމެފައިނުވާ ކަމަށް އެ އަންހެން މިހާ މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.

ނަމަވެސް، މިހާތަނަށް ސައުދީ ސަރުކާރުން ބުނަމުން ގެންދިޔައީ، ލިޔެކިޔުންތައް ފުރިހަމަކޮށްގެން ހަމަ އެ ދުވަހު ޖަމާލް އެމްބަސީއިން ނުކުމެފައިވާ ކަމަށެވެ.