ބޭރު ކުޅިވަރު

މޮރީނިއޯއަކީ މަށަށް ވުރެ މާ މޮޅު ކޯޗެއް: ސާރީ

Oct 20, 2018

މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވުނު ނަމަވެސް، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ޖޯޒޭ މޮރީނިއޯ މީގެ ކުރިން ހޯދާފައިވާ ކާމިޔާބީތަކާއެކު އޭނާއަކީ މާ މޮޅު ކޯޗެއް ކަމަށް، ޗެލްސީގެ ކޯޗު މަރީޒިއޯ ސާރީ ބުނެފި އެވެ.

މިއަދު ހަވީރު ޔުނައިޓެޑާއި ދެކޮޅަށް ޗެލްސީއިން ނުކުންނަ މެޗުގެ ކުރިން، ސާރީ ބުނީ މޮރީނިއޯއަށް ލިބިފައިވާ ތަށީގެ އަދަދަށް ބަލާއިރު، މޮރީނިއޯ އަކީ އޭނާއަށް ވުރެ މާ މޮޅު ކޯޗެއް ކަމަށާއި، އަދިވެސް "ސްޕެޝަލް ވަން" ކަމަށެވެ.

"އޭނާ ހޯދާފައިވާ ކާމިޔާބީތަކާމެދު ދެބަސްވެވޭނެ ހަމައެއް ނެތް، މިވަގުތަށް ބަލާއިރު، އޭނާއަކީ މަށަށް ވުރެ މާ މޮޅު ކޯޗެއް، އެކަން ބަދަލުކުރަން މަ އެބަޖެހޭ މުސްތަގުބަލުގައި މަސައްކަތްތަކެއް ކުރަން، އެކަމަކު މި ދަނޑިވަޅުގައި މޮރީނިއޯއަކީ މަށަށް ވުރެ މޮޅު ކޯޗެއް،" މެޗުގެ ކުރިން މީޑިއާ އާއި ވާހަކަ ދައްކަމުން ކުރީގެ ނެޕޮލީގެ ކޯޗު ސާރީ ބުންޏެވެ.

މި ސީޒަނުގައި ޗެލްސީއާއި ހަވާލުވި ސާރީގެ އިރުޝާދުގެ ދަށުން، ޗެލްސީއިން ވަނީ އަދި އެއްވެސް މެޗަކުން ބަލިނުވެ އެވެ. ޓޭބަލްގެ ދެވަނައިގައި އޮތީ، ހަމައެކަނި ގޯލުގެ ތަފާތުންނެވެ.

ދެ ޓީމުގެ ކުޅުމުގެ ސްޓައިލުގެ ތަފާތު ބޮޑު ނަމަވެސް، ސާރީ ބުނީ ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗު އޭނާގެ ޓީމަށް ފަސޭހަނުވާނެ ކަމަށާއި، ޗެލްސީގެ ކޯޗުކަން ދެ ފަހަރެއްގެ މަތިން ކޮށްފައިވާ މޮރީނިއޯގެ ޔުނައިޓެޑަށް ވަރަށް ސަމާލުވާންޖެހޭނެ ކަމަށް ސާރީ ވަނީ ބުނެފަ އެވެ.