އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރެއްގައި އިކޮނޮމިކް މިނިސްޓަރު ކަަމުގެ މަގާމުގައި ހުންނަވާނީ ކުރީގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކަމުގެ އިޝާރާތެއް އޭނާ އަމިއްލައަށް ދެއްވައިފި އެވެ.
ޖާބިރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ އިކޮނޮމިކް މިނިސްޓަރު ކަމުގެ ދަށުން ޖަޒީރާ ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކޮށްދޭނެ ކަމަށެވެ. އެގޮތުން ޑޮލަރުގެ އަގު ދަށްކޮށް ދިވެހިން ޑޮލަރަށް ސަލާން ޖަހަން ނުޖެހޭ ދުވަސްތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ރައްޔިތުން އުޅޭނީ ފައިވް ސްޓާ ފެންވަރުގައި ކަމަށް ވެސް ޖާބިރު ވިދާޅުވި
އެވެ.
ޖާބިރުގެ ޓްވީޓަށް އެތަށް ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީ އާއި ކޯލިޝަންގެ ބައެއް ސަޕޯޓަރުން ވެސް ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އިކޮނޮމިކް މިނިސްޓަރު ކަމަށް ޖާބިރު އައްޔަން ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް މީހުން ބުންޏެވެ. އަނެއްބައި މީހުން ބުނެފައި ވަނީ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ އެޓާނީ ޖެނަރަލް ދިޔާނާ ސައީދު ކެބިނެޓުގައި މަސައްކަތް ކުރުމަށް ފަހު ޖާބިރު ވިޔަފާރި ކަންތަކުގައި އުޅުން ރަނގަޅުވާނެ ކަމަށް ވެސް ބުނެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޖާބިރުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އަދި އިދިކޮޅު ކޯލިޝަންއަކުން މިހާތަނަކަށް ކެބިނެޓެއް އިއުލަނެއް ވެސް ނުކުރެ އެވެ.
ޖާބިރަކީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންއާ ވަރަށް އަރިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް ރައީސް ޔާމީންއާ މައްސަލަތަކެއް ޖެހުމަށް ފަހު އޭނާ އުޅުއްވީ ކުރީގެ މުހައްމަދު ނަޝީދު އަރިހުގައި އިނގިރޭސިވިލާތުގަ އެވެ. ކެމްޕެއިން ދުވަސްވަރުގައި ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ޖާބިރެވެ.