އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމަށް ޝައުގުވެރިވި އަބްދުﷲ ޖާބިރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ ދެމެދު މައްސަލައެއް ޖެހި، ސޯޝަލް މީޑިއާގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވައިފި އެވެ.
ދެ ބޭފުޅުންގެ މެދުގައި ޖެހުނު މައްސަލައެއް ސާފެއް ނުވެ އެވެ. އެންމެ ފުރަތަމަ އެކަން ސޯޝަލް މީޑިއާޔާ ހަމައަށް ގެންނެވީ ޖާބިރެވެ. ޖާބިރު ކުރެއްވި ޓްވީޓެއްގައި ފައްޔާޒަށް ބޮޑު ތުހުމަތެއް ކުރެއްވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ މަންމައަށް ހުތުބަހުސް ނިސްބަތްކޮށް ފައްޔާޒު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެހެންވެ، ފައްޔާޒު މިނިސްޓަރުގެ މަގާމުން ދުރުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމުރު ކުރައްވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.
ޖާބިރަކީ ރައީސް ސޯލިހުގެ ހާއްސަ އެންވޯއީ އެކެވެ. ޖާބިރު އޭގެ ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައްޔާޒު މަގާމުން ވަކި ކުރުން ނޫން ގޮތެއް ރައީސް ސޯލިހަށް ނޯންނާނެ ކަމަށާއި ރައީސް ސޯލިހު ވެރިކަމަށް ގެނައީ އޭނާ ވެސް ހަރަދުކޮށްގެން ކަމަށެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒު ވެސް ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި އޭނާ ހުންނެވިހާ ދުވަހަކު އެއްވެސް މީހަކަށް ނާޖައިޒް ފައިދާ ލިބޭނެ އެއްވެސް މަގެއް ނޯންނާނެ ކަމަށެވެ.
އަދި އޭނާއަކީ އޭނާއާ މުއާމަލާތް ކުރާ މޭރުމުން އެ ފަރާތަކާ މުއާމަލާތް ކުރާނެ މީހެއް ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.
ދެ ބޭފުޅުންގެ ދެމެދު މައްސަލަ ޖެހުނު ސަބަބެއް ސާފުވެފައިނުވާއިރު ޖާބިރު ވަނީ އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމަށް ވަޑައިގަންނަވަން ބޭނުންވާކަން މީޑިއާގައި މީގެކުރިން ހާމަ ކުރައްވާފަ އެވެ. ނަމަވެސް އެ މިނިސްޓަރުގެ ގޮތުގައި ރައީސް ސޯލިހު އިހްތިޔާރު ކުރެއްވީ ގަމު ދާއިރާގެ ކުރީގެ މެންބަރު ފައްޔާޒެވެ.