އިންޑިއާ

ދިވެހި ބަހުން މޯދީ ޓްވީޓް ކުރައްވައި ސަމާލުކަން ހޯއްދަވައިފި

އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދުރަ މޯދީ ތާނަ އަކުރުން ލިޔުއްވައި މިއަދު ޓްވީޓެއް ކުރައްވައިފި އެވެ. އެ ޓްވީޓް މޯދީ ކުރެއްވީ އިންޑިއާގެ މިނިވަން ކަމުގެ ބާނީ މަހާތްމާ ގާންދީގެ 150 ވަނަ އުފަން ދުވަހުގެ މުނާސަބަތުގައި އިންޑިއާ ސަރުކާރުން ނެރުނު ލަވަޔަކާ ގުޅުވައިފަ އެވެ.

އިންޑިއާގެ ފޮރިން އެފެއާޒް ނެރެފައިވާ ބަޔާނުގައިވާ ގޮތުގައި ގާންދީގެ އުފަން ދުވަހާ ދިމާކޮށް މި އަހަރު ނެރެފައިވާ ލަވައަކީ ގާންދީއަށް އެންމެ ކަމުދާ ބަޖަން ކަމުގައިވާ "ވައިޝްނަވް ޖާން ތޯ"އަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ.

ފަސް މިނެޓްގެ ދިގު އެ ލަވައިގައި 124 ގައުމެއްގެ އާޓިސްޓުން ފެނިގެންދެ އެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. ރާއްޖޭގެ މަންޒަރުތައް ވެސް އެ ލަވައިގައި ދައްކުވައިދޭއިރު ރާއްޖެ ތަމްސީލްކޮށް އެ ލަވަ ކިޔުމުގައި ބައިވެރިވެފައިވަނީ މުހައްމަދު ޝާހިދު އާއި މަރިޔަމް ވަހީދާ އެވެ.

ފަސް މިނެޓްގެ މެޑެލީ ލަވައިގެ އިތުރުން ވަކިވަކި ގައުމުތަކުގެ އާޓިސްޓުންގެ "ވައިޝްނަވް ޖާން ތޯ" ލަވަ ވެސް ވަނީ އިންޑިއާއިން ތައްޔާރުކޮށްފަ އެވެ. ރާއްޖޭގެ ދެ އާޓިސްޓުންގެ އެކަނި ފެންނަ ލަވައެއް ވެސް މިހާރު ވަނީ ނެރެފަ އެވެ. އެ ލަވަތައް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޔޫޓިއުޕް ޕޭޖަށް ވަނީ އަޕްލޯޑްކޮށްފަ އެވެ.

މޯދީ މިއަދު ދިވެހިން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގާންދީގެ ސުލްހައިގެ ފަލްސަފާ އާއި ދެމެހެއްޓެނިވި ތަރައްގީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކަމަށެވެ.

ތާނަ އަކުރު ބޭނުންކޮށްގެން ޓްވީޓް ކުރެއްވުމުގެ ކުރިން ލެޓިން ބޭނުންކޮށްގެން ދިވެހިން އެހެން ޓްވީޓެއް މޯދީ ކުރައްވާފައިވެ އެވެ. އެއީ ރާއްޖޭގެ އެ ދެ އާޓިސްޓުން ތައާރަފްކޮށްދެއްވުމަށް ކުރެއްވި ޓްވީޓެކެވެ.

މޯދީ ވަނީ އެ ލަވައިގައި ދެން ލަވަ ކިޔާފައިވާ އެހެން ގައުމުތަކުގެ އާޓިސްޓުން ތައާރަފްކޮށް ދެއްވުމުގެ ގޮތުން ވެސް އެކި ގައުމުތަކުގެ ބަހުން ޓްވީޓް ކުރައްވާފަ އެވެ. ނަމަވެސް އެންމެ ބޮޑު ސަމާލު ކަމެއް ލިބިގެން ގޮސްފައިވަނީ މޯދީ ތާނަ އަކުރުން ކުރައްވާފައިވާ ޓްވީޓަށެވެ.