ބޭރު ކުޅިވަރު

މެސީއަށް އަނިޔާވުމުން ބާސާގެ މޮޅަށް ހިޔަނި އެޅިއްޖެ

Oct 21, 2018

މެޗުގެ ފުރަތަމަ ހާފުގައި ލިއަނަލް މެސީއަށް އަނިޔާވެ އިއްޔެ ސެވިއްޔާ އާއި ދެކޮޅަށް ކުޅުނު މެޗުން ބާސަލޯނާ މޮޅުވި ނަމަވެސް، މެޗުގެ ކާމިޔާބީއަށް ހިޔަނި އެޅިއްޖެ އެވެ.

އާޖަންޓީނާގެ ތަރި މެސީއަށް އަނިޔާވީ މެޗުގެ 17 ވަނަ މިނެޓުގަ އެވެ. ދަނޑުމަތީގައި ފަރުވާ ދިނުމަށްފަހު، މެސީ ވަނަ ބަދަލުކޮށްފައި އެވެ. ދަނޑު މައްޗަށް ވެއްޓި ޖެހުނު ގޮތުން، މެސީގެ އަތުގައި ރެނދުލާފައިވާކަމަށް ބާސަ އިން ވަނީ ފަހުން ބުނެފައި އެވެ.

އެ އަނިޔާގެ ސަބަބުން، އަންނަ ހަފްތާގައި ވާދަވެރި ރިއަލް މެޑްރިޑާއި، ޗެމްޕިއަންސް ލީގުގައި އިޓަލީގެ އިންޓާ މިލާނާއި ދެކޮޅަށް ކުޅޭ މުހިންމު ދެ މެޗުން މެސީއަށް ވަނީ ފުރުސަތު ގެއްލިފައި އެވެ.

މެސީ ނެތި ވެސް ބާސާ އިން ވަނީ 2-4 އިން ސެވިއްޔާގެ މައްޗަށް ކުރި ހޯދާފައި އެވެ.

ބާސާ މެޗުން މޮޅުވި ނަމަވެސް، ވާދަވެރި ރެއަލް މެޑިރިޑު ވަނީ ރޭގެ މެޗުން ލެވަންޓޭ އަތުން 1-2 އިން ބަލިވެފައި އެވެ. އިއްޔެގެ ނަތީޖާ އާއެކު، ޖެހިޖެހިގެން ފަސް މެޗުން ބަލިވެ އައު ކޯޗު ހުލެން ލޮޕެޓެގީ ވަކި ކުރުމަށް ގޮވާ އަޑުތައް ވަނީ އިތުރުވެފައި އެވެ.