ބޭރު ކުޅިވަރު

10 އަހަރު ފަހުން މެސީ، ރޮނާލްޑޯ ނެތި އެލްކްލަސިކޯ

Oct 27, 2018

އެލްކްލަސިކޯ އަކީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވާދަވެރި ކުރިމަތިލުންކަމުގައި ސިފަ ކުރުމަކީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި، ސްޕެއިންގެ އެންމެ ބިޔަ، އަދި ތާރީހީ ދެ ކުލަބުގެ ދެކޮޅުގައި، ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވިދާލި ވިދާލުން މި ވަނީ ނިމުމަކަށް އައިސްފައި އެވެ.

ނުވަ އަހަރުގެ ތެރޭގައި 450 ލަނޑު ޖަހައިދީ، ހަތަރު ޗެމްޕިއަންސް ލީގާއެކު 15 ތަށި ކާމިޔާބު ކުރުމުގައި އިސްދައުރެއް އަދާކޮށް ދިނުމަށްފަހު ރޮނާލްޑޯ މިހާރު ވަނީ ޔުވެންޓަސަށް ބަދަލުވެފައި އެވެ.

އާދީއްތަ ދުވަހު، ރޮނާލްޑޯ ނެތުމުގެ ހިޔަނި އެލްކްލަސިކޯއަށް އެޅިފައިވަނިކޮށް، އެ މެޗަށް ވަނީ އިތުރު ހީނަރުކަމެއް އައިސްފައި އެވެ. ބާސެލޯނާގެ މެސީ އަށް ވެސް ވަނީ އަނިޔާގެ ސަބަބުން އެ މެޗު ކުޅުމުގެ ފުރުސަތު ގެއްލިފައި އެވެ.

އެންމެ ފަހުން މެސީ އާއި ރޮނާލްޑޯ ނެތި، އެލްކްލަސިކޯ އެއް ކުޅެފައިވަނީ 2007 ވަނަ އަހަރު އެވެ. ހޫލިއޯ ބަޕްޓިސްޓާގެ ލަނޑުން އެ މެޗު ކާމިޔާބުކުރީ މެޑްރިޑް އެވެ. އެ މެޗުގައި ފާހަގަކޮށްލެވޭ އިތުރު ނަންތަކުގެ ތެރޭގައި، ޑެކޯ، ޒެމްބްރޮޓާ، ހައިންޒޭ އަދި ވޭން ނިސްޓަލްރޯއީ ހިމެނެ އެވެ.

އޭގެ ފަހުން، އެލްކްލަސިކޯ ވެގެން ގޮސްފައިވަނީ މެސީ އާއި ރޮނާލްޑޯގެ ރަސްކަމުގެ ތަހުތަށެވެ. އެލްކްލަސިކޯގެ އެންމެ ފާހަގަކުރެވޭ ކުޅުންތެރިއަކީ ވެސް މެސީ އެވެ. ސީދާ މެޑްރިޑާއި ދެކޮޅަށް 26 ލަނޑު ޖަހައިދީފައިވާއިރު، 14 އެސިސްޓު ވެސް މެސީ ވަނީ ތަނަވަސްކޮށްދީފައި އެވެ. ޖެހިޖެހިގެން އެލްކްލަސިކޯގައި ލަނޑުޖެހި ރެކޯޑް އޮތީ ރޮނާލްޑޯ އަތުގައި އެވެ.