ހަބަރު

ހައިކޯޓުގެ އުތުރުގޮފީގެ ޝަރީއަތްތައް މާދަމާ ފަށާނީ

ހައިކޯޓް އުުތުރު ގޮފީގެ މަސައްކަތްތައް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ. ހައިކޯޓްގެ އުތުރު ގޮފި ގާއިމް ކޮށްފައިވަނީ ހދ. ކުޅުދުއްފުށީގައި އެވެ.

ހައިކޯޓުން ބުނީ، ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ހިންގުމުގެ ހުރިހާ އިންތިޒާމެއް ފުރިހަމަ ކުރުމަށް ފަހު ޝަރީޢަތްތައް ފެށުމަށް ތައްޔާރުވެފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުން ފާސްކޮށްފައިވާ ގަރާރުގައިވާ ގޮތުގެ މަތީން ކަމަށެވެ.

ހައިކޯޓުގެ އުތުރު ގޮފިން ބަލާނީ ހއ، ހދ، ށ، ނ، ރ އަދި ބ. އަތޮޅަށް ނިސްބަތްވާ މައްސަލަތަކެވެ. ހައިކޯޓުން ބުނީ ހައިކޯޓުގެ އުތުރުގޮއްޕަށް ވަޑައިގަންނަވާ ޝަރުއީ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަލީ ސަމީރު ކަމަށެވެ. އެބޭފުޅުން މިހާރު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެންފަ އެވެ.

ހައިކޯޓުން ބުނީ، ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން އެގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއނާފުކުރުމަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ. އުތުރުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ އިސްތިއުނާފުގެ މަރުހަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައް އަވަސްވެ މައްސަލަތަކާއި ގުޅިގެން މައްސަލައިގެ ހިމެނޭ ހަސްމުން ކުރަން ޖެހޭ ހަރަދުތައް ކުޑަވެގެންދާނެ ކަމަށެވެ.

އައްޑޫ ސިޓީގައި ގާއިމް ކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތަށް ހުއްޓިފައި އޮތުމަށްފަހު އަލުން ފެށުމަށްވެސް ސުޕުރީމް ކޯޓުން ވަނީ މީގެ ކުރިން ވަނީ އަންގައިފަ އެވެ.