ދުނިޔެ

އިންޑިއާއާ ހެދި ލަންކާ ސަރުކާރުގައި ކޯޅުމެއް ފެށިއްޖެ

އިންޑިއާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ގާއިމްކުރަން ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އެއްްބަސްވެވަޑައި ނުގެންނެވުމުން ވެރިކަން ކުރާ އިއްތިހާދުގައި ބައިބައިވުމެއް އުފެދިއްޖެއެވެ.

ސްރީލަންކާގެ ވެރިކަން ކުރާ ޕާޓީތަކުގެ އިއްތިހާދުގައި މިއަހަރު ކުރީކޮޅުވެސް ބައިބައިވުން އުފެދުނެވެ. އޭރުގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިތުބާރު ނެތްކަމަށް ފާސްކުރަން ޕާލަމެންޓަށް ހުށަަހެޅައި އެކަން ވަނީ ފާސްނުވެފައެވެ.

ލަންކާގެ ސަންޑޭ ޓައިމްސް ނޫހުން އާދީއްތަދުވަހު ބުނީ ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ ސްރީލަންކާ ފްރީޑަމް ޕާޓީ( އެސްއެލްއެފްޕީ) އާއި ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ކަމަށާއި ސިޔާސީ ފަރާތްތަކުން މިހާރު ބަލަމުން އަންނަނީ ރައީސް ސިރިސޭނާ ދެން އަޅުއްވާނެ ފިޔަވަޅަކަށް ކަމަަށެވެ. އެސްއެލްއެފްޕީއަކީ ރައީސް ސިރިސޭނާ އިސްކޮށް ހުންނަވާ ޕާޓީއެވެ. އަދި ޔޫއެންޕީއަކީ ބޮޑުވަޒީރު ރަނިލްގެ ޕާޓީއެވެ.

ލަންކާގެ ވެރިކަން ކުރާ އިއްތިހާދުގައި މިފަހަރު ބައިބައިވުން އުފެދުނީ އީސްޓް ކޮންޓެއިނާ ޓާމިނަލް ނަމަކަށް ކިޔާ ޓާމިނަލް އެއް ހިންގުން އިންޑިއާ ކުުންފުންޏަކާއި ޖަޕާނުގެ ކުންފުންޏެއް ގުޅިގެން އުފައްދާ ޖޮއިންޓް ވެންޗާއަކާ ހަވާލުކުރަން ރަނިލް އެދިވަޑައިގެންނެވުމުން ސިރިސޭނާ އެކަމާ ދެކޮޅު ހެއްދެވުމުންނެވެ. އެކަމުގެ ބަހުސް ކުރީ މިދިޔަ އަންގާރަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. އިންޑިއާގެ ޖާސޫސީ އިދާރާއިން ސިރިސޭނާ އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމަށް ވެސް އޭނާ ވަނީ އެ ބައްދަލުވުމުގައި ތުހުމަތު ކުރައްވާފައެވެެ.

ސިރިސޭނާގެ އެ ތުހުމަތު އިންޑިއާއިން ވަނީ ދޮގުކޮށްފައެވެ.

ސަންޑޭ ޓައިމްސް ނޫހުން ބުނީ ކޮންޓެއިނާ ޓާމިނަލް އިންޑިއާއި ޖަޕާނުގެ ކުންފުންޏާ ހަވާލުކުރުމުގެ ބަހުސްގެ ކުރިން ވެސް ސިރިސޭނާ ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ޕާޓީއާ އެކު އިއްތިހާދެއް އުފައްދަން ރާޖަޕަކްސާއާ އެކު ވާހަކަ ދައްކަވަން ފަށްޓަވާފައި ކަމަށެވެ. އެގޮތުން މަޝްވަރާކުރައްވާފައި ވަނީ ވަގުތީ އިއްތިހާދު އުފައްދައި ރަނިލް ބޮޑުވަޒީރުކަމުން ދުރުކޮށް އެމަގާމަށް ރާޖަޕަކްސާ ގެނައުމަށް ކަމަށް ވެސް އެނޫހުން ބުންޏެވެ.

ނަމަވެސް ސިރިސޭނާއާއި ރާޖަޕަކްސާގެ އެ ރޭއްވެވުން ކާމިޔާބު ކުރެއްވޭ ވަރަށް ޕާލަމެންޓް މެމްބަރުންގެ ރުހުން ހޯއްދެވޭނެ ކަން އަދި ކަށަވަރެއް ނުވެއެވެ.