ހަބަރު

ރައީސަށް ތުހުމަތުވާ ހިޔާނާތުގެ އާ ވާހަކަތަކެއް ނާޒިމް ފެންމަތިކުރައްވައިފި

Oct 21, 2018
12

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް އާ ވާހަކަތަކެއް ހާމަ ކުރައްވައިފި އެވެ.

ރައީސް ޔާމީންއާ ވަރަށް އަރިސްކޮށް އުޅުއްވި ނާޒިމް ވަނީ ހިޔާނާތުގެ މައްސަލަތަކެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފަ އެވެ. ނަމަވެސް އޭނާ ބޭސްފަރުވާއަށް ފުރާވަޑައިގަތް ގޮތަށް މިހާރު އުޅުއްވަނީ އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގަ އެވެ.

ލަންޑަނުގައި ހުންނަވައިގެން ނާޒިމް ޓްވީޓާ މެދުވެރިކޮށް މިއަދު ނެރުނު ބަޔާނުގައި ވަނީ ނާޒިމް އާއި ރައީސް ޔާމީން އެންމެ ފަހުން ރައީސް އޮފީހުގައި ކުރެއްވި ބައްދަލުވުމުގައި އެމަނިކުފާނާއެކު ދެއްކެވި ވާހަކަތައް ބަޔާންކޮށްފަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެކި ތަންތަނުންނާއި މީސްމީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުން ގެންދަވާ ކަމާއި އެކަން ރައީސްއަށް އެނގިވަޑައިގަންނަވާތޯ އެމަނިކުފާނާ ސުވާލު ކުރެއްވި ކަމަށެވެ. އަދި އެ ފައިސާ ރައީސް ޔާމީންއަށް ބަރާބަރަށް ހަމައަށް ލިބިވަޑައިގަންނަވާތޯ ވެސް ނާޒިމް ރައީސް އަރިހުގައި ސުވާލު ކުރެއްވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖަވާބުގައި ރައީސް ޔާމީން އެކަމަށް އެއްބަސްވެވަޑައިގަތް ކަމަށާއި ވަރަށް ތަފްސީލުކޮށް އެ ވާހަކަތައް ދެއްކެވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ފައިސާ ފޮނުއްވާ ފަރާތްތަކުގެ މިސާލެއްގެ ގޮތުން ރައީސް ހަތަރު ވިޔަފާރިވެރިއެއްގެ ނަން ރައީސް ޔާމީން ވަރަށް ފަރިތަކަމާއެކު ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެ ހަތަރު ވިޔަފާރިވެރިންގެ ނަންތައް ވެސް ބަޔާނުގައި ހާމަކޮށްފައިވެ އެވެ.

"އެބޭފުޅުން އެކީ އަދަދުތަކުން އެއް ލައްކަ ނުވަތަ ދެ ލައްކަ ޑޮލަރު ޕްލެޖް ކުރެއްވުމުން، އެ ފައިސާ ކަލެކްޓްކުރަން ފޮނުއްވަނީ އަދީބު ކަމަށާއި، އެކަން އަދީބު އާއި ހަވާލު ކުރައްވާފައިވާ ކަމަށާއި، އަދި އެފައިސާ ބަރާބަރަށް، ހަމައަށް ރައީސް ޔާމީނުއަށް ލިބިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވި،" އެ ބަޔާނުގައިވެ އެވެ.

ރައީސް ޔާމީންއާ އެ ދުވަހު އަސްލު ބައްދަލު ކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން އަދީބު ފަސް މިލިއަން ޑޮލަރަށްވާ، 77.1 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށާއި އެފައިސާގެ ތެރެއިން ބައެއް، ނުވަތަ ޖުމްލަ 77.1 މިލިއަން ރުފިޔާ، ރައީސް ޔާމީންއަށް ލިބިވަޑައިގަތްތޯ ސުވާލު ކުރުމަށް ކަމަށް ނާޒިމް ރައީސް އަރިހުގައި ދެންނެވި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރައްވާ އެމްޕީއެލް އާއި ގުޅުންހުރި އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް ރައީސް ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ރައީސް އެކަން އިންކާރު ކުރެއްވުމުން 'ފައިސާ ލިބޭނެ ގޮތް ހަމަޖައްސާ، އަދި އެ ފައިސާ ހަމަޖެހުމުން އަދީބު ފޮނުއްވާކަމަށާއި އަދީބު ކަލެކްޓްކުރާ ހުރިހާ ފައިސާއެއް ޔާމީނުއަށް ލިބޭ ކަމަށް ހަމަދެންމެ ވިދާޅުތީމު ނޫންތޯ' އަޅުގަނޑު ދެންނެވިން، އަޅުގަނޑު މިފަދައިން ދެންނެވުމުން ރައީސް ޔާމީނުގެ މޫނުފުޅުގެ ކުލަވަރު ބަދަލުވެ، އެމަނިކުފާނު ވިދާޅުވި ބަސް ދިފާއުކުރައްވަން ފެއްޓެވި، މިގޮތުން ވަރަށް ދިފާއީ ރާގެއްގައި، '%100 ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކުން އަބަދު ފައިސާ ނަގާނީ ކިހިނެތް؟ އެކަމެއް ނުކުރެވޭނެއެއްނު' މިހެން ވިދާޅުވެ، އަޅުގަނޑު ދެއްކި ވާހަކަތަކަށް ސާފު ޖަވާބެއް ނުދެއްވާ، އެކަމަކު ހިތްހަމަނުޖެހުމާއެކު އެ ވާހަކަ ދިފާއުކުރައްވަން ފެއްޓެވި،" ނާޒިމްގެ ބަޔާނުގައިވެ އެވެ.

އެ ހިޔަނާތުގައި ރައީސް ޔާމީން ބައިވެރިވާކަމުގެ ހެކި ރައްޔިތުން މަޖިލީހުގައި އޭރު ނާޒިމް ބޭނުންކުރާ އޮފީހުގެ މޭޒުމަތީގައި އޮތް ސިޓީއުރައެއްގެ ތެރޭގައި ހުންނާނެ ކަމަށާއި މާލިއްޔަތު ކޮމެޓީގެ މުގައްރިރުކަމަށް ވާތީ، ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން އެފަދަ މައުލޫމާތުތައް ލިބޭ ކަމަށް ރައީސް ޔާމީނަށް ދެންނެވި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެ ސިޓީ އުރައިގައި ޕޭމަންޓް ވައުޗަރާއި، އެމްއެމްޕީއާރުސީގެ ޗެކްތަކުގެ ކޮޕީ އާއި، އެމްޕީއެލް ބޯޑު ރިޒޮލިއުޝަންގެ ކޮޕީ ފަދަ އެކަމާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކުގެ ކޮޕީ އެބަހުރި ކަމަށާއި، އަޅުގަނޑު އެނބުރި މަޖިލީހުގެ އިދާރާއަށް ގޮސް އެ ސިޓީ އުރަ ރައީސް ޔާމީނު އަތްޕުޅަށް ފޮނުއްވައި ދެއްވާނެ ކަމަށް ވެސް ނާޒިމް ރައީސް ޔާމީންއަށް ދެންނެވި އެވެ.

"އަޅުގަނޑު މިފަދަ ސާބިތުކަމާއެކު ދެންނެވުމުން އެހެންވިއްޔާ ތިކަން ހިނގާފައިވާ ގޮތް ކިޔައިދޭށޭ ރައީސް ޔާމީނު ވިދާޅުވި، ރައީސް ޔާމީނު މިގޮތަށް އެދިވަޑައިގަތުމުން، އަޅުގަނޑު ވަރަށް ސާފުކޮށް މިކަން ހިނގާ ގޮތް ދެންނެވިން،" ނާޒިމް ވިދާޅުވި އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީ އިން ކުރިއަށް ތާރީހު ޖަހާފައިވާ ޑޮލަރު ޗެކު ދިނުމަށްފަހު އެމްޕީއެލް އިން ފަސް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ އަދީބު ހޯއްދަވާ، އެފައިސާ އަދީބު ގެ ގާތް އަދި އަމިއްލަ މަސްލަހަތު އޮތް ފަރާތްތަކެއްގެ ބެންކު އެކައުންޓްތަކަށް ޖަމާކުރަމުންދާ ކަމަށެވެ. އަދ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނުގެ ކެމްޕޭނަށް ހަރަދުކުރި ވިޔަފާރިވެރިއެއްގެ އެކައުންޓަށް އެ ފައިސާގެ ތެރެއިން 2.5 މިލިއަން ޑޮލަރު އެމްޕީއެލްއިން ފައިސާ ނެގިތާ ތިން ދުވަސްތެރޭގައި ޖަމާވެފައިވާ ކަމަށް ނާޒިމް ރައީސް ޔާމީންއަށް ދެންނެވި އެވެ.

އެ ވިޔަފާރިވެރިއަކީ ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުގެ ޑޭޓަޑްޗެކު ނެގުމަށްފަހު، 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް ރައީސް ޔާމީނު ބޭނުންވި ފައިސާ ދިން ފަރާތްކަމުން، އެ ފަދައިން އަދީބު އަމަލުކުރަމުން ގެންދާ ގެންދިޔުމުން ދޭހަވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރައީސް ޔާމީނުގެ ކެމްޕޭނުގެ ދަރަނިތައް މިހާރު ހަލާސްކުރަމުން ދަނީ ސީދާ ދިވެހި ރައްޔިތުންގެ ފައިސާއިން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަން ހާމަ ވާނެ ކަމަށާއި ބޮޑު ހިޔާނާތް މިހާރުން މިހާރަށް ހުއްޓުވާދެއްވުމަށް ރައީސް ޔާމީނު އަރިހުގައި އެދިވަޑައިގަތް ކަމަށް ވެސް ނާޒިމް އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ނާޒިމް ވިދާޅުވީ 2014 އެޕްރީލް 28 ވަނަ ދުވަހު، އޭނާ ރައީސް ޔާމީން އަރިހުގައި އެ ވާހަކަތައް ދެންނެވި އިރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މިންވަރަކީ ފަސް މިލިއަން ޑޮލަރު ކަމަށެވެ. އަދި ފަސް މިލިއަން ޑޮލަރުން ފެށިފައި އޮތް ހިޔާނާތެއް، 18 މަސްފަހުން މުޅި ގައުމަށް ހާމަވެގެންދިޔައިރު 80 މިލިއަން ޑޮލަރަށްވުރެ މަތިވެ، އެމްއެމްޕީއާރުސީގެ ތެރެއިން މުޅި ދައުލަތް ލޫޓުވާލީ ސީދާ ރައީސް ޔާމީނުއަށް އެކަމުގެ ހުރިހާ ހަގީގަތްތަކެއް އެނގިހާމަވެ، އެކަމަށް ވާގިވެރިވާ ހާލުގައި ހުންނަވައިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި 25 އަހަރަށް ބަންދު ކުރުމަށް އޭނާއަށް ހުކުމެއް އިއްވީ ވެސް ފަރުދީ ޒިންމާ އަދާކޮށް އެ ވާހަކަތައް ވިދާޅުވުމުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އެ ވާހަކަތައް އޭރުގެ އޮޑިޓާ ޖެނަރަލް ނިޔާޒް އިބްރާހިމްއަށް ތަފްސީލުކޮށް ދަންނަވާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެ މައްސަލައާ ގުޅުން ހުރި ލިޔެކިޔުންތަކުގެ ކޮޕީ އޭނާއާ ހަވާލުކޮށް އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދިވަޑައިގަތް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"މި މައްސަލަ ތަހުގީގު ކުރަން ފެށިކަން ރައީސް ޔާމީނުއަށް ހަމަ އެ ދުވަހުގެ މެންދުރުފަހު އެނގިވަޑައިގަތުމުން، އަޅުގަނޑަށް މެސެޖެއް ކުރެއްވި، އެ މެސެޖުގައި އޮތީ ނާޒިމް ދެންނެވި މައްސަލަ އޮޑިޓް އޮފީހުން ބަލަން ފަށައިފި، ދެން އޮޑިޓް އޮފީހުން ބުނަނީ ކީކޭތޯ ބަލަމާ، މިފަދައިން،" ނާޒިމް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް އެމްޕީއެލްގެ 77.1 އާއި އެމްޓީޑީސީގެ 1 މިލިއަން ޑޮލަރު ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތްތަކާއި ގުޅޭ ހާއްސަ ރިޕޯޓު ނެރުން އިރު އެ މައްސަލާގައި ރައީސް ޔާމީންއަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަން ވެސް ނާޒިމް ފާހަގަ ކުރި އެވެ. ނަމަވެސް އެ ހުރިހާ ކަމަކީ ސީދާ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ނާޖާއިޒް ފައިދާ ލިބޭ ގޮތަށް ކުރެއްވި ކަމެއް ކަމަަށް ވެސް ނާޒިމް ތުހުމަތު ކުރެއްވި އެވެ.