ރަނގަޅު ކަމެއް ކުރާނަމަ ކުރަންވީ ކަމަކީ ވީއެންމެ އަވަހަކަށް ޕީޕީއެމް އުވާލުން ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، އިންތިހާބު ބާތިލުކުރާނެ ޖާގައެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމް ކުރުމުން ޕީޕީއެމްގެ ކައުންސިލް ވައިބާ ގުރޫޕް ތެރޭގައި ދެކެވުނު ވާހަކައެއްގެ ތެރޭގަ އެވެ. އެ ޗެޓްލޮގް ސޯޝަލް މީޑިއާގައި ލީކްވެފައިވާއިރު އެއީ އަސްލު ޗެޓްލޮގެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ މިރޭ ވަނީ މީޑިއާއަށް ޔަގީންކޮށް ދެއްވާފަ އެވެ.
ޕީޕީއެމްގެ ކައުންސިލް ވައިބާ ގުރޫޕަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގެ ކޮޕީއަށް ލުމާއެކު، ރައީސް އަބްދުﷲ ޔާމީން ވަނީ އެއްވެސް ބޭފުޅަކު މާޔޫސްނުވާން ވިދާޅުވެފަ އެވެ.
އޭގެފަހުން މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ފަލާހް ވިދާޅުވީ، ކަމެއް ރަނގަޅަށްކުރާނަމަ މިރޭ ޕީޕީއެމްގެ ކައުންސިލް ކުއްލި ބައްދަލުވުމެއް ބާއްވައި ޕީޕީއެމް އުވާލަން މާދަމާ އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ނިންމަވީ ކަމަށެވެ.
ފަލާހް އެގޮތަށް ވިދާޅުވުމުން ރައީސް ޔާމީންވަނީ "ފަލާހް، ވަޓް؟" ވިދާޅުވެ އެއަށް ރިޕްލައި ކުރައްވާފަ އެވެ. ރައީސްގެ އެ ސުވާލަށް ފަލާހު ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ފަލާހު މިފަދައިން ވާހަކަ ދެއްކެވީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން އަވަސްއިން ފަލާހަށް ގުޅުމުން ވިދާޅުވީ އެއީ އޭނާގެ މެސެޖެއް ކަމަށާއި އޭގައި ދޮގެއް ނެތް ކަމަށެވެ.
ފަލާހު އެހެން ވިދާޅުވި ނަމަވެސް ޕީޕީއެމް ކައުންސިިލް ބައްދަލުވުމަކުން ޕާޓީ އުވައެއް ނުލެވޭނެ އެވެ. އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީ އުވާލަން ނިންމޭނީ ކައުންސިލާއި ޒުވާނުންގެ ހަރަކާތާއި އަންހެނުންގެ ހަރަކާތާއި ދީނީ ގޮފީގެ ތިންކޮށްފަ ދެބައި އަގުލަބިއްޔަތުން ގަރާރެއް ފާސްކޮށް ގައުމީ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ.
އެކަމާ ގުޅިގެން ޕާޓީގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ވަކިވަކި ފަރުދުން އަމިއްލަ ހިޔާލަކީ ޕާޓީގެ ނިންމުން ނޫން ކަމަށެވެ.