އަހުމަދު ޝަރީފް އާދަމް

ޝަރީފް ޕީޕީއެމްއަށް: ހިޔާލީ ދުނިޔެއިން ނުކުމޭ

އިލެކްޝަން ކޮމިޝަން، އީސީގެ ރައީސް އަހުމަދު ޝަރީފް، ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެފައިވާ ޕީޕީއެމްއަށް ބަހުގެ ހަމަލާއެއް ޓްވިޓާ މެދުވެރިކޮށް ދެއްވައިފި އެވެ.

ޝަރީފް މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، "ހިޔާލީ ދުނިޔެއިން ނުކުމެ މަޖިލިސް އިންތިހާބަށް ސީރިއަސް މަސައްކަތަކެއް ކުރުން މާ ބުއްދިވެރި، ހަގީގަތް ގަބޫލު ކުރައްވާ،" ކަމަށެވެ.

ޓްވީޓްގައި ޕީޕީއެމްގެ ނަން ޝަރީފް ބޭނުންކޮށްފައިނުވީ ނަމަވެސް އެއީ ޕީޕީއެމްއަށް އަމާޒުކޮށް ދައްކާފައިވާ ވާހަކައެއްކަން ސާފުވެ އެވެ. ޝަރީފް އެހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ އިންތިހާބީ މައްސަލަތަކެއް ފުލުހަށް ތަހުގީގު ކުރަން ހުށަހަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނިކޮށެވެ.

މިއަދު ސުޕްރީމް ކޯޓުން ވަނީ އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބާތިލްކުރެވެން ނެތް ކަމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ޖިނާއީ މައްސަލައެއް ހިމެނޭނަމަ ފުލުހަށް ހުށަހެޅުމަށާއި ކޮރަޕްޝަންގެ މައްސަލައެއް ހިމެނޭނަމަ އެކަމެއް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅަން ހުރަހެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.

އެކަމާ ގުޅިގެން ޕީޕީއެމްއިން އިލެކްޝަން ކޮމިޝަންގެ މައްޗަށް ކުރާ ތުހުމަތުތައް ތަހުގީގު ކުރަން ފުލުހަށް ހުށަހަޅާނެކަން މިރޭ ރަސްމީކޮށް ވެސް ޕީޕީއެމްއިން ވަނީ އިއުލާންކޮށްފަ އެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ހޯދައި އިންސާފު ހޯދުމަށް ދާން ޖެހުނު ކޮންމެ ދިމާލަކަށް ޕީޕީއެމްއިން ދާނެ ކަމަށެވެ. އަދި އެ ޕާޓީއަކީ ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރާ ޕާޓީއެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވުމަށް ކުރީގައި ޕީޕީއެމްގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި ޝަރީފް ގޮވާލައްވާފައިވާތީ އަބްދުލްރަހީމް ވިދާޅުވީ އެ ޕާޓީއިން ތައްޔާރުވާންޖެހޭ އިންތިހާބާއި އެ ޕާޓީއިން ކަން ކުރާނެ ގޮތެއް އެހެން މީހަކަށް ނޭންގޭނެ ކަމަށެވެ.