ދުނިޔެ

ނޫސްވެރިޔާގެ މަރުގެ ހަގީގަތް އަންގާރަދުވަހު ހާމަކުރާނަން: އުރުދުޣާން

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރާ ބެހޭ ތެދު ހަގީގަތް ހާމަކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ޚާޝުގްޖީ ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ނުނިކުމެ ގެއްލުނުކަން އެނގުމުން ދުނިޔޭގެ ސަމާލުކަމަށް އެކަންް އައި ނަމަވެސް އަދި އޭނާ މަރުވި ކަމަށް ސައުދީން އެއްބަސްވުމަށް ފަހުގައި ވެސް އެކަމާ ބެހޭ ގޮތުން އުރުދުޣާން ހުންނެވީ ވާހަކަފުޅު ނުދައްކަވައެވެ. އެހެން ނަމަވެސް އާދީއްތަ ދުވަހު އޭނާ ވިދާޅުވީ ޚާޝުގްޖީގެ މަރާ ބެހޭ ގޮތުން އޭނާ އަންގާރަދުވަހު ބަޔާނެއް ދެއްވާނެ ކަމަށާއި އެ ބަޔާން ދެއްވާނީ ޕާޓީގެ ބައްދަލުވުމެއްގައި ކަމަށެވެ.

" އަޅުގަނޑު މިކަމާ ގުޅޭ ގޮތުންް ދޭ ބަޔާން އަންގާރަދުވަހު ޕާޓީ ގްރޫޕް ބައްދަލުވުމުގައި ދޭނަން،" އިސްތަންްބޫލުގައި ކުރެއްވި ތަގުގީރެއްގައި އުރުދުޣާން ވިދާޅުވި ކަަމަށް އަލްޖަޒީރާ ބުންޏެވެ.

އޭނާ ވިދާޅުވީ ޚާޝުގްޖީގެ މަރާ ބެހޭ ގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދޭން ޖެހޭ ކަމަށެވެ.

" 15 މީހުން އައީ ކީއްވެ؟ 18 މީހުން ހައްޔަރު ކުރީ ކީއްވެ؟ މިކަންތައްތައް ތަފުސީލުކޮށް ކިޔައިދޭން ޖެހޭ،" އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ސައުދީ ޕަބްލިކް ޕްރޮސެކިއޓާގެ އޮފީހުން ބުނެފައި ވަނީ ޚާޝުގްޖީގެ މަރާ ގުޅިގެން 18 މީހުން ހައްޔަރުކޮށްފަައިވާ ކަމަށެެވެ.

ޚާޝުގްޖީގެ މަރާ ގުޅޭ ގޮތުންް ތުރުކީ ފުލުހުން ކުރި ތަހުގީގުތަކުން އެނގިފައިވާ ގިނަ ކަންތައްތަކެއް މީޑިއާއަށް ތިލަވެފައިވާއިރު އެ މައުލޫމާތުތައް ރަސްމީކޮށް ހާމަކުރައްވާނެ ކަމަށް ތުރުކީގެ އިސް ބޭފުޅަކު ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ.

ތުރުކީ ސަރުކާރާ ގުޅުންް އޮންނަ ނޫހަކުން ބުނެފައި ވަނީ ޚާޝުގްޖީ މަރައިލުމުގެ ކުރިން އޭނާގެ އިނގިލިތައް ބުރިކޮށްލި ކަމާއި އޭނާ މަރައިލީ ބޯބުރިކޮށްލައިގެންކަން އެހާދިސާގެ އޯޑިއޯ ރެކޯޑިން އިން އެނގޭ ކަމަށެވެ.