ވިޔަފާރި

އެމެރިކާ މާކެޓުން ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް

އެމެރިކާ އިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ މަހުވެސް ބޮޑުތަން އިތުރު ވެއްޖެ އެވެ.

ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އެންމެ އަވަހަށް އިތުުރުވަމުންދާ އެމެރިކާގެ މާކެޓުން މިދިޔަ މަހު ރާއްޖެ އަށް 3,133 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 2,744 މީހުންނާ އަޅާބަލާއިރު
14.2 ޕަސެންޓުގެ އިތުރު ވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެމެރިކާއިން 30,199 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ މިިދިޔަ އަހަރުގެ މި މުއްދަތުގައި އައި 27,407 މީހުންނާ އަޅާބަލާއިރު 10.2 ޕަސެންޓް އިތުރު ވުމެކެވެ.

އެމެރިކާ މާކެޓުން އަަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެފައިމިވަނީ އެ މާކެޓަށް ހާއްސަކޮށް އޮންލައިން މެދުވެރިކޮށް ކުރިއަށް ގެންދާ ކެމްޕޭން ތަކުގެ ސަބަބުންނެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް އެމްއެމްޕީއާރުސީއިން ކުރިއަށް ގެންދާ މި ކެމްޕޭންތަކުގެ ނަޖީތާ ރަނގަޅު ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1,080,459 މީހުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ މި މުއްދަތުގައި އައި 998,009 މީހުންނާ އަޅާ ބަލާއިރު 8.3 ޕަސެންޓް އިތުރު ވުމެކެވެ. އަދި ސެޕްޓެމްބަރު މަހު އެކަނި 107,620 މީހުން އައިސްފައިވެ އެވެ. މިއަދަދަކީ މިދިޔަ އަހަރު އައި 105,984 މީހުންނާ ބަލާއިރު 1.5 ޕަސެންޓް އިތުރު ވުމެކެވެ.