ވިޔަފާރި

ރާއްޖޭގެ އިންފްލޭޝަން 1.38 ޕަސެންޓް މައްޗަށް ޖެހިލައިފި

މި އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.38 ޕަސެންޓް މަތިވި ކަމަށް، ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުއޯ އިން ބުނެފި އެވެ.

ރާއްޖޭގެ ތަފާސް ހިސާބުތައް ބަލަހައްޓާ ގައުމީ އިދާރާ، ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުއޯ އިން ބުނި ގޮތުގައި އޮގަސްޓް މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 1.38 ޕަސެންޓުގަ އެވެ. ނަމަވެސް ޖުލައި މަހު ހުރީ 0.54 ޕަސެންޓުގަ އެވެ. އަދި މަހުގެ އަގުތައް ނުލައި ބަލާނަމަ އޮގަސްޓް މަހު އިންފްލޭޝަން ހުރީ 1.36 ޕަސެންޓު މަތީގަ އެވެ. ނަމަވެސް ޖުލައި މަހު މި އަދަދު ހުރީ 0.13 ޕަސެންޓުގަ އެވެ.

މުދަލާއި ހިދުމަތުގެ އަގުގެ މައްޗަށް ބަލައި ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުއޯ އިން ބުނި ގޮތުގައި އޮގަސްޓް މަހު މައިގަނޑު ގޮތެއްގައި އިންފްލޭޝަން މަތިވެފައިވަނީ ތަރުކާރީގެ ބާވަތްތަކުގެ އެވެ. ތަރުކާރީގެ އަގުތައް ވަނީ 60.81 ޕަސެންޓް މަތިވެފަ އެވެ. އަދި ދެން މަތިވެފައިވަނީ ކަނޑުމަހުގެ ބާވަތްތައް 1.58 ޕަސެންޓް އަދި ކިރާއި ޗީޒް އަދި ބިހުގެ ބާވަތްތައް 1.47 ޕަސެންޓުގެ އިތުރުން ފޯނާއި ފެކްސް ފަދަ އާލަތްތަކުން 7.61 ޕަސެންޓު އަދި ކާބޯތަކެތީގެ ބާވަތްތަކުން 1.75 ޕަސެންޓުގެ އިތުރުން ގޭގެ ކުލި 0.26 ޕަސެންޓު އަދި ކެފޭ އާއި ރެސްޓޯރެންޓުގެ ބައިން 0.18 ޕަސެންޓު އަދި އަންނައުނުގެ ބައިން 0.24 ޕަސެންޓެވެ.

މި މުއްދަތުގައި އަގުތައް ދަށަށް ގޮސްފައިވަނީ މޭވާގެ އަގުތައް ވަނީ 1.89 ޕަސެންޓް ވެއްޓިފަ އެވެ. އަދި ސައިކަލްގެ އަގުތައް 1.03 ޕަސެންޓު ވެއްޓުނުއިރު، ގޯތިގެދޮރުގައި ބޭނުންކުރާ މޯޓަރުފަދަ އާލާތްތަކުގެ އަގުތައް ވަނީ 0.87 ޕަސެންޓް ވެއްޓިފަ އެވެ.