ހަބަރު

ހައިކޯޓުގެ އުތުރުގޮފީގެ ޝަރީއަތްތައް ފަށައިފި

ހައިކޯޓުގެ އުތުރުގޮފި ހުޅުވައި، ޝަރީއަތްތައް ފަށައިފި އެވެ. ހައިކޯޓުގެ އުތުރުގޮފި ހުޅުވާފައިވަނީ މިއަދު ހެނދުނު ބޭއްވި، ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ.

ހައިކޯޓު އުތުރުގޮފި ހުޅުވުމަށާއި، އަދި ޝަރީއަތް ފެށުމަށްޓަކައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ވަފުދެއް ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެންފަ އެވެ. އެވަފުދުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންނަކީ، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަލީ ސަމީރެވެ. ދިދަ ނަންގަވައި ދެއްވީ އެވަފަދުގެ އިސްފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އެ ރަސްމިއްޔާތުގައި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީއަތްތައް ފެށުމުން، އެސަރަހައްދުގެ ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފް ކުރުމަށް ރައްޔިތުންނަށް ވަރަށްބޮޑަށް ފަސޭހަވެގެން ދާނެކަމަށެވެ. އަދި އުތުރު ގޮފީގައި ޝަރީއަތް މިއަދު ފެށުނީ އުއްތަމަ ފަނޑިޔާރާއި ހައިކޯޓުގެ އިސްފަނޑިޔާރުގެ އަގުހުރި މަސައްކަތުންކަން ފާހަގަ ކުރައްވައި އެ ދެބޭފުޅުންނަށް އޭނާ ޝުކުރުއަދާ ކުރެއްވި އެވެ.

ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީޢަތް ފެށުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ ކައުންސިލް އިދާރާގެ ރައީސްގެ އިތުރުން ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ ތެރެއިން ޕޮލިސް، ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓު އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ ކުޅުދުއްފުށީ ގޮފީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހައިކޯޓުގެ އުތުރުގޮފީގެ ފުރަތަމަ ޝަރީއަތުގެ މަޖިލިސް ފަށާފައިވަނީ، މިއަދު ހެނދުނު 9:00 ގައެވެ. ތަފާތު ހަތް މަސައްލައެއްގެ އަޑުއެހުން މިއަދު ކުރިއަށް ދާނެ އެވެ. އެ ވަފުދުގެ މަސައްކަތް މި މަހުގެ 25ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލު ކޮށްފަ އެވެ.

ޝަރީޢަތްތައް ހައިކޯޓުގެ އުތުރު ގޮފީގައި ފެށިގެން މިދިޔައީ، ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިއްބެވުމުގެ ބަދަލުގައި، ގޮފިތަކަށް ވަފުދު ފޮނުއްވައިގެން ޝަރީއަތް ހންގުމަށް މި އަހަރު ފެބުރުއަރީ މަހު ސުޕްރީމް ކޯޓުން ކަނޑައެޅުއްވުމާ ގުޅިގެންނެވެ.

ކުޅުއްދުއްފުށީގައި ހުންނަ ހައިކޯޓުގެ އުތުރު ގޮފިން ބަލާނީ، ހއ، ހދ، ށ، ނ، ރ، އަދި ބ، އަތޮޅުގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާ މައްސަލަތުކުގެ ތެރެއިން އިސްތިއުނާފު ކުރުމަށް ހުށަހަޅާ މައްސަލަތަކެވެ.