ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ ރާވައިގެން ކަމަށް ސައުދީ ސަރުކާރުން އެއްބަސްވެއްޖެއެވެ.
މި އޮކްޓޯބަރުމަހުގެ ދެވަނަ ދުވަހު ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ފަހު ޚާޝުގްޖީ އެތަނުން ނުނިކުމެ ގެއްލިފައިވާ ކަމަށް ތުރުކީއާއި ބައިނަލް އަގުވާމީ މީޑިއާތަކުން ފުރަތަމަަ ރިޕޯޓްކުރުމުން ސައުދީ ސަރުކާރުން އެކަން ދޮގުކުރިއެވެ. އެގޮތުން އޭރު ބުނަމުން ދިޔައީ އޭނާ އެ ކޮންސިއުލޭޓުން ނުކުމެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް ތުރުކީ ފުލުހުން އެމައްސަލަ ތަހުގީގުކޮށް އޭނާގެ މަރާލާފައިވާކަން ނުރަސްމީ ގޮތުން މީޑިއާތަކަށް ހާމަކުރުމުން ސައުދީން ވަނީ އޭނާ މަރުވިކަމަށް އެއްބަސްވެފައެވެ. ދެން ވެސް ބުނީ އޭނާ މަރުވީ ތަޅާފޮޅުމެއްގެ ތެރެއިން ކަމަށެވެ. ރާވައިގެން އޭނާ މަރާލީ ކަމަކަށް އެއްބަހެއް ނުވެއެވެ.
ނަމަވެސް އާދީއްތަ ދުވަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސައުދީ ފޮރިން މިނިސްޓަރު އާދިލު އަލް ޖުބައިރު ވިދާޅުވީ ޚާޝުގްޖީ މަރާލާފައި ވަނީ އަނިޔާވެރި މަކަރުވެރި އޮޕަރޭޝަނެއްގައި ކަަމަށެވެ. އަދި އެއީ ބޮޑު ގޯހެއް ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް ޖުބަައިރު ވިދާޅުވީ ޚާޝުގްޖީ މަރައިލި ހާދިސާ ހިނގި އިރު ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާނަށް އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޚާޝުގްޖީ މަރާލީ ރާވައިގެން ކަމަށް ސައުދީން އެއްބަސްވެފައި ވާއިރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާދީއްތަ ދުވަހު ވިދާޅުވީ އެހާދިސާގެ ތެދު ހަގީގަތް އަންގާރަދުވަހު ހާމަކުރާނެ ކަމަށެވެ.