ހަބަރު

ބޮޑެތި މަރުތައް ތަހުގީގުކުރަން އެހީތެރިވެދެން ތައްޔާރު: އުގެއިލް

ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އަމިއްލަ ފޯރުންތެރިކަން ހުރި މިންވަރުން އެހީ ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށް ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެ އެވެ.

ޕްރޮފެސަރު މިއަދު ލިޔުއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ޑރ އަފްރާޝީމާއި، ޔާމީން ރަޝީދާއި ގެއްލިފައިވާ ނޫސްވެރިޔާ، އަހުމަދު ރިލްވާނުގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކުގެ ހަގީގަތް ފުރުހަމަ ތަހުގީގުތަކުގެ އަލީގައި ދެނެގަންނަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި އެހީދޭންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އަމިއްލަ ފެންވަރު ހުރި މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށެވެ.

މި ފަހުން ރާއްޖޭގައި ހިނގާފައިވާ މަރުގެ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން އުގެއިލް ފާހަގަކުރައްވާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތް ނިމި، އަފްރާޝީމް ގަތުލުކޮށްލި ކަމަށް އިއުތިރާފްވި، ހުސެން ހުމާމް މަރަން ސުޕްރީމް ކޯޓުން ވެސް ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތުވި ބައެއް މީހުން ދައުވާ ސާބިތު ނުވެ ސަލާމަތްވި އެވެ. ނުހޯދެނީ އެ މަރަަށް ފައިސާ ހަރަދުކުރި ބަޔަކެވެ. އެ ބަޔަކު ހޯދުމަށް ފުލުހުން މައްސަލަ ބަލާ ކަމަށް އަބަދުވެސް އަންނަނީ ބުނަމުންނެވެ. އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގެ ޝަރީއަތްތައް ވެސް މަޑުޖެހިފައި އޮތުމަށްފަހު މިހާރު ކުރިއަށް އެބަދެ އެވެ.