އިގްތިސޯދު

އަތޮޅުތަކުގައި ފަގީރުކަން ބޮޑު، 8.12 ޕަސެންޓަކީ ފަގީރުން

ރާއްޖޭގެ އާބާދީގެ 8.2 މީހުންނަކީ ފަގީރުންގެ ގޮތުގައި ތިބިއިރު، ފަގީރުން އެންމެ ގިނައީ ގދ. އަތޮޅުގައި ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދިރާސާއަކުން ދައްކައިފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި، "ފަގީރުކަމުގެ މިންގަނޑު އަދި ފަގީރުންގެ ނިސްބަތް" ދެނެގަތުމަށްޓަކައި 2016 ވަނަ އަހަރު ހެދި ދިރާސާ އިން ދެއްކި ގޮތުގައި ދުވާލަކަށް ބޮލަކަށް ޖެހޭ މީޑިއަން ހަރަދުގެ ދެބައިކުޅައެއްބައި ނުވަތަ 74 ރުފިޔާ އަށްވުރެ ދަށުން ހަރަދުކުރާ މީހުންނަކީ ފަގީރުންގެގޮތުގައި ބަލާނަމަ ރާއްޖޭގެ އާބާދީގެ 2.8 ޕަސެންޓް މީހުންނަކީ ފަގީރުންނެވެ. އަދި މާލެ އަށް ބަލާއިރު މާލޭގެ އާބާދީގެ 7.1 ޕަސެންޓް މީހުންނަކީ ފަގީރުންނެވެ. އަދި އަތޮޅުތަކަށް ބަލާއިރު އަތޮޅުތަކުގެ އާބާދީގެ 8.12 ޕަސެންޓް މީހުންނަކީ ފަގީރުންނެވެ.

ނޭޝަނަލް ޕަވަޓީ ލައިން އަށް ބަލާ އެކުލަވާލެވިފައިވާ ވަކިވަކި އަތޮޅުތަކުގެ ޕަވަޓީ ރޭޓްތަކަށް ބަލާއިރު ފަގީރުންގެ ނިސްބަތް އެންމެ މަތީ ގދ. އަތޮޅުގަ އެވެ. އަދި ފަގީރުކަން އެންމެ ދަށީ ނ. އަތޮޅުގަ އެވެ. ފަގީރުން އެންމެ ގިނައީ ހުވަދު އަތޮޅުގައި ކަމަށް ދެއްކިއިރު އެއީ އެއް އަތޮޅެއްގެ މައްޗަށް ބަލާއިރު ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅެވެ.

ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯ އިން ބުނީ އަޕަ މިޑްލް އިންކަމް ގައުމުތަކުން ބަލަންޖެހޭ އިންޓަނޭޝަންލް ޕަވަރޓީ ލައިން ނުވަތަ 70 ރުފިޔާ އަށް ވުރެ ދަށުން ހަރަދުކުރާ މީހުންނަކީ ފަގީރުންގެގޮތުގައި ބަލާނަމަ ރާއްޖޭގެ އާބާދީގެ 6.6 ޕަސެންޓް މީހުންނަކީ ފަގީރުންނެވެ. މާލޭ އަށް ބަލާއިރު މާލޭގެ އާބާދީގެ 5.1 ޕަސެންޓް މީހުންނަކީ ފަގީރުންނެވެ. އަތޮޅުތަކަށް ބަލާއިރު އަތޮޅުތަކުގެ އާބާދީގެ 10.4 ޕަސެންޓް މީހުންނަކީ ފަގީރުންނެވެ.