ހަބަރު

އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަގާމާ ހަވާލުވެއްޖެ

އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު އެލައިނާ ބީ ޓިޕްލިޒް މަގާމުގެ ހުވާކުރައްވައިފި އެވެ.

އެމެރިކާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އެލައިނާ ނޮމިނޭޓް ކުރީ މިދިޔަ މޭމަހުއެވެ. އަދި އެމަގާމަށް އޭނާ ހަމަޖައްސަން އެމެރިކާގެ ސެނެޓުން ރުހުން ދިނީ މިދިޔަ ސެޕްޓެމްބަރުމަހު އެވެ. ޑިޕްލޮމެޓިކް ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި އެލައިނާ މިހާތަނަށް ހުންނެވީ އެމެރިކާއިން ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ. އޭނާ ކުރިން ވަނީ އަފްޣާނިސްތާނާއި ޕާކިސްތާނާއިޮ ބަންގްލަދޭޝްގައި ވެސް މަސައްކަތްކުރައްވާފަ އެވެ. އޭގެ އިތުރުންވެސް އޭޝިއާގެ ބައެއް އެހެން ގައުުމުތަކުގައި އޭނާ މަސައްކަތްކުރައްވާފައިވެ އެވެ.

އެމެރިކާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރުކަމުގެ މަގާމުގައި މިހައިތަނަށް ހުންނެވީ އިންޑިއާ ދަރިކޮޅުގެ އަތުލް ކެޝަޕް އެވެ. އޭނާ އެމަގާމަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ. އޭނާ ސަފީރުކަމުގައި ހޭދަކުރެއްވި މުއްދަތުގައި ރާއްޖެއާއި ސްރީލަންކާގެ އިންސާނީ ހައްގުތަކުގެ ކަންތައްތަކުގައި ގިނަގިނައިން ވާހަކަ ދައްކަވައި އުޅުއްވި އެވެ. އެގޮތުންް ރައީސް ޔާމީނުގެ ސަރުކާރަށް ގިނަ ފާޑުކިއުންތަކެއް އަމާޒުކުރެއްވި ބޭފުޅެއްގެ ގޮތުގައި ކެޝަޕް ވަނީ ފާހަގަކުރެވިފަ އެވެ.