ދުނިޔެ

ބާރުގަދަ ތޫފާން "ވިލާ" މެކްސިކޯއަށް އަރަނީ

ކެޓަގަރީ 4 ގެ ބާރުމިން ހުރި ތޫފާނެއް މެކްސިކޯގެ ޕެސިފިކް ކަނޑުގެ އައްސޭރި ސަރަހައްދަށް އަރަން ތައްޔާރުވެއްޖެއެވެ.

އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރުން ބުނީ ކޮންމެވެސް " ހަރިކޭން ވިލާ"ގެ ނަންދީފައިވާ އެ ތޫފާނުގެ ބާރު ހޯމަ ދުވަހު ކޮންމެވެސް ވަރަކަށް ދަށްވި ކަމަށާއި އެހެން ނަމަވެސް އަންގާރަ ދުވަހު މެކްސިކޯއަށް އަރާނީ ނުރައްކާތެރި ބާރުގަދަ ތޫފާނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެތޫފާނުގެ ސަބަބުން ބޯ ވާރެއާއި ގަދަވައިގެ އިތުރުން ބޮޑެތި ރާޅުތައް މެކްސިކޯއަށް އަރާނެ ކަމަށް އެސެންޓަރުން ލަފާކޮށްފައި ވެއެވެ.

ތޫފާން ވިލާގެ ވައި ކުރިން ހުރީ ގަޑިއަކު 160 މޭލުގެ ބާރުމިނުގައެވެ. އޭރު އެތޫފާން ހުރީ ކެޓަގަރި 5 ގެ ތޫފާނެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު ތޫފާން ކެޓަގަރީ 4 އަކަށް ބަދަލުވެ، ވައި ހުރީ ގަޑިއަކު 145 މޭލުގެ ބާރުުމިނުގައެވެ. އެގޮތުން މިހާރު އެތޫފާނަކީގެ މީގެ ދެހަފުތާ ކުރިން އެމެރިކާގެ ފްލޮރިޑާއަށް އެރި ތޫފާން މިޝޭލް ފަދަ ތޫފާނެކެވެ.

ނެޝަނަލް ހަރިކޭން ސެންޓަރުން ވަނީ ތޫފާން ވިލާގެ ބާރުގަދަވިލެއް އަވަސްކަމުން ހައިރާންކަން ފާޅުކޮށްފައެވެ. އެތޫފާން މިދިޔަ ހޮނިހިރު ދުވަހު ހުރީ ޓްރޮޕިކަލް ސްޓޯމް އެއްގެ ގޮތުގައެވެ. ނަމަވެސް އޭގެ ދެދުވަސް ފަހުން އެތޫފާން ވަނީ ކެޓަގަރީ 5 ގެ ތޫފާނަކަށް ބަދަލުވެފައެވެ.

ތޫފާން ވިލާ މިހާރު ހުރީ މެކްސިކޯގެ ޕެސިފިކް އައްސޭރީގެ ކައިރީގައިވާ އައިލާސް މަރީއާސް ނަމަކަށް ކިޔާ ޖަޒީރާތަކުގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 85 މޭލު ބޭރުގައެވެ. އެތޫފާން ދަތުރުކުރަމުން ދަނީ ގަޑިއަކު އަށް މޭލުގެ ބާރުމިނުގައެވެ. އެތޫފާނުގެ ސަބަބުން މެކްސިކޯގެ ސްޓޭޓްތައްކަމަށްވާ ޖަލިސްކޯ، ނަޔަރިޓް އަދި ސިނަލޯއާއަށް ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތައް ހިނގާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.