ކަނޑު ހުރަސްކޮށް މިހައިތަނަށް އެޅި އެންމެ ދިގު ބްރިޖް ޗައިނާއިން މިއަދު ހުޅުވަައިފި އެވެ.
ޗައިނާގެ ބާރުގެ ދަށުގައި އޮންނަ އެހެން ނަމަވެސް ދާހިލީ މިނިވަންކަން ކޮންމެވެސް ވަރަކަށް ދީފައިވާ ދެތަން ކަމަށްވާ ހޮންކޮންގް އާއި މަކާއޯ ޗައިނާގެ މައިރަށާއި ގުޅުވައިލުމަށް ބިނާކޮށްފައިވާ "ހޮންގްކޮންގް ޒޫހައި މަކާއޯ ބްރިޖް ހުޅުވީ އެކަަމަށް ޓަކައި ޒޫހައި ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ބްރިޖް ހުޅުވިކަން ރަސްމީކޮށް އިއުލާނު ކުރެއްވީ ޗައިނާގެ ރައީސް ޝީޖިންޕިން އެވެ.
ހޮންކޮން- ޒޫހައި- މަކާއޯ ބްރިޖްގައި މައިގަނޑު ތިން މަސައްކަތެއް ހިމެނެއެވެ. އެއީ 22.9 ކިލޯމީޓަރުގެ މައި ފާލަމާއި 6.7 ކިލޯމީޓަރުގެ ޓަނަލާއި އާޓިފިޝަލް ޖަޒީރާއެކެވެ. އެ ޖަޒީރާއާ އެކު ބްރިޖްގެ ޖުމްލަ ދިގުމިނަކީ 55 ކިލޯމީޓަރެވެ.
ދިގު މިނުގައި 2741 މީޓަރު ހުންނަ ގޮންބެއި ޓަނަލްގެ މަސައްކަތް ނިމުނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ޗައިނާ ރޭލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަނުން ބުނާ ގޮތުގައި، ނުކުންނަން އޮންނަ އަނގަމަތީގައި 336.8 އަކަމީޓަރު ހުންނަ އެ ޓަނަލަކީ ދުނިޔޭގައި މިހައިތަނަށަށް ހުޅުވާ އެންމެ ދިގު ހައިވޭ ޓަނަލެވެ.
ޓަނަލުގެ މަސައްކަތް ނިމުމަކީ ޗައިނާއިން އަނެއްކާ ވެސް ދުނިޔޭގެ ރެކޯޑެއް ގާއިމް ކުރުމުގެ ފެށުމެވެ. އެ މަސައްކަތާއެކު ނިންމާ އެ ލެވުނީ ޗައިނާގެ ބާރުގެ ދަށުގައި އޮންނަ ސަރަހަައްދުތަކުގެ ތެރެއިން ދެމެދުގައި ކަނޑު އޮތުމުގެ ސަބަބުން އެކަހެރިވެފައިވާ ދެރަށް، މައިރަށާ ގުޅުވައިލުމުގެ މަސައްކަތެވެ. އެގޮތުން ގުޅުވައި އެ ލެވުނީ ހޮންކޮންއާއި ޒޫހައިއާއި މަކާއޯއެވެ.
ޒޫހައިއާއި ހޮންކޮންގާއި މަކާއޯ ގުޅުވާލަދޭ 55 ކިލޯމީޓަރުގެ ދިގު ބްރިޖްގެ މަސައްކަތުގައި ނިމުމުގެ ސިއްކަ ޖެހުނީ އެ ޓަނަލްގެ މަސައްކަތް ފުރިހަމަ ވުމުންނެވެ. އެ ބްރިޖަކީ ޕާލް ރިވާ ނަމަކަށް ކިޔާ ކޯރު ކަނޑަށް ގޮސް ނިމޭ ސަރަހައްދުން ފަށައިގެން ގޮސް ހޮންކޮންގްއާ ހަމައަށް އަޅާފައިވާ ބްރިޖެކެވެ. ވަރަށް ދަތި އުނދަގުލުން ނޫނީ މަސައްކަތް ނުކުރެވޭ ފަދަ އެތައް މާހައުލެއް ހުރަސްކޮށް އަޅާފައިވާ އެ ބްރިޖްގެ މަސައްކަތުގެ ތެރެއިން ޓަނަލްގެ މަސައްކަަތަށް އެކަނިވެސް ފަސް އަހަރު ހޭދަވިއެވެ.
އެކަމަކު ބްރިޖް ހުޅުވުމުން ލިބެން އޮތް ފަސޭހަތަކަށް ބަލާއިރު އެކަމަށް ކުރި ހިންމަތުގެ ފުރިހަމަ އަގެއް ލިބެއެވެ. އެގޮތުން ޒޫހައި އިން ފުރައިގެން ކަނޑުމަގުން ތިން ގަޑި އިރުން ކުރި ދަތުރު ދެން ކުރުވެގެންދާނީ އެންމެ 30 މިނެޓަށެވެ. އެގޮތުން ޕާލް ރިވާގެ އައްސޭރީގައިވާ ޝަހަރުތަކާއި ހޮންކޮންއާއި މަކާއޯއާ ދެމެދު ހިނގާ އިގުތިސާދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރުވެގެންދާނެ އެވެ. ނަތީޖާއަކީ ބާރަށް ކުރިއަރަމުން އަންނަ އިގުތިސާދީ ސަރަހައްދަކަށް އެ ސަރަހައްދު ބަދަލުވެގެން ދިއުމެވެ.
ޗައިނާގެ އިންޖިނޭރުން ދެކޭ ގޮތުގައި ހޮންކޮން-ޒޫހައި-މަކާއޯ ބްރިޖަކީ އިންޖިނޭރިންގެ ދާއިރާއިން ކުރެވިފައިވާ އަޖާއިބު ކުރުވަނިވި މަސައްކަތެކެވެ. އެ މަސައްކަތަށް ޗައިނާއިން ވަނީ އެވަރަށް ވަގުތާއި ފައިސާވެސް ހަރަދުކޮށްފަ އެވެ. އެގޮތުން ބްރިޖްގެ މަސަައްކަތް ފަށަން ހަމަ އެކަނި ތައްޔާރުވުމަަށް ހަ އަހަރު ދުވަސް ހޭދަކުރި އެވެ. އަދި ބްރިޖް ބިނާކުރުމުގެ މަަސައްކަތަށް އިތުރު އަށް އަހަރު ހޭދަކުރި އެވެ.