ރާއްޖޭގެ ޓޫރިޒަމް ތާރީހު 1972 އިން ފެށިގެން، މިއަދާ ހަމައަށް 44 އަހަރުވީ އެވެ. ޓޫރިޒަމްގެ ދިގު ތާރީހުގައި ރާއްޖެ މިހާރުވެފައިވަނީ ޓޫރިޒަމްގައި ދުނިޔޭގެ ބްރޭންޑެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ޓޫރިޒަމް ބައްޓަން ވެފައިވަނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އޮންނަ ކޮންވެންޝަން ޓޫރިޒަމް އަށެވެ. ނަމަވެސް ރާއްޖެ އަށް އެންމެ ރަނގަޅު ޓޫރިޒަމް ޕްރޮޑަކްޓުގައި އޮތީ އޮތް ނުލަ އެވެ. އެއީ އިސްލާމިކް ޓޫރިޒަމް ނުވަތަ "ހަލާލް" ޓޫރިޒަމް އެވެ. ސުވާލަކީ ރާއްޖެ އަށް މި ބާވަތުގެ ޓޫރިޒަމް ނުގެނެ ވެނީ ކީއްވެގެން ހެއްޔެވެ؟
"ރާއްޖެ އަށް ވުރެ އިސްލާމިކް ޓޫރިޒަމް ގެންނަން އެކަށީގެންވާ ގައުމެއް ނެތް ދުނިޔެއަކު. އެކަމަކު މަސައްކަތް ނުކުރާތީ ނުވެ އޮތީ. މިސާލަކަށް އެންމެ ފަހުން ބޭއްވި އައިޓީބީ ފެއާގެ ކޮރެއާ ސްޓޯލެއްގައި ޖަހާފައި ހުރި 'ހަލާލް ކޮރެއާ'. އެމީހުން ހަލާލް ޓޫރިޒަމް ޕްރޮމޯޓް ކުރަނީ. އެހެންވެ ރާއްޖެއަށް މިކަން ވާނެ،" ރާއްޖޭގައި ގެސްޓްހައުސް ޕްރޮމޯޓް ކުރަން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުން ގެންދާ، މޯލްޑިވްސް ގެޓަވޭސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފަހުން ހަލާލް ޓޫރިޒަމް ޕްރޮޑަކްޓެއްގެ ގޮތުގައި ރިސޯޓެއް ހަދަން މަސައްކަތް ކުރީ ގާކޮށިބީ ބިޔާ ފަޅު ރަށެއްގަ އެވެ. އޭޑީކޭ ކުންފުންޏާއި ތުރުކީ ކުންފުންޏަކުން ކުރި މަސައްކަތްވެސް އެންމެ ފަހުން ވަނީ ހުއްޓިފަ އެވެ. އެހެންވެ، މި ބާވަތުގެ ވިޔަފާރި ޕްރޮމޮޓް ކުރާކަށް ވެސް ރާއްޖެ އިން މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް ދުނިޔޭގެ ބާޒާރަށް ބަލާއިރު، މި ވިޔަފާރިއަކީ މިހާރު އެންމެ "ޓްރެންޑިން" އެންމެ ފައިދާކުރާ ވިޔަފާރި އެވެ.
ހަލާލް ޓޫރިޒަމަށް އޮތް ފުރުސަތު އަންގައިދޭން ގްލޯބަލް މުސްލިމް ޓްރެވަލް އިންޑެކްސް (ޖީއެމްޓީއައި) ދިރާސާ ދައްކާ ގޮތުން 2015 ވަނަ އަހަރު 117 މިލިއަން މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރި އެވެ. އަދި 2020 ވަނަ އަހަރު މި އަދަދު 168 މިލިއަނަށް އިތުރުވާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި 2020 ވަނަ އަހަރުގެ ނިޔަލަށް ހަލާލް ޓޫރިޒަމް މާކެޓަށް ކުރާ ހޭދަ 200 ބިލިއަން ޑޮލަރަށް އަރާނެ އެވެ. މިދިޔަ ހޯމަ ދުވަހު ދެކުނު އެފްރިކާގެ ކޭޕްޓަރުންގައި "ހަލާލް ޓޫރިޒަމް" ހަފުތާއެއް ބޭއްވި އެވެ. އެ ބައްދަލުވުމަށްފަހު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރު އަންނަންވާއިރަށް ހަލާތް ޓޫރިޒަމްގެ ސްޕެންޑިން ޕަވާ، ނުވަތަ ހޭދަ ކުރާ މިންވަރު ތިން ޓްރިލިއަން ޑޮލަރަށް އަރާނެ އެވެ.
ދުނިޔޭގައި ހަލާލް ޓޫރިޒަމްގެ ދުވެލި ހަލުވި!
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2010 ވަނަ އަހަރު ދުނިޔޭގެ އެކި ހިސާބުތަކަށް ދިޔަ ޓޫރިސްޓުންގެ ނުވަ ޕަސެންޓް ހިއްސާކުރީ ހަލާލް ޓޫރިޒަމް މާކެޓަށް ދަތުރު ކުރި މީހުންނެވެ. މި އަހަރު ދަތުރުކުރި މުސްލިމުން 90 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި 2011 ވަނަ އަހަރު 12.3 ޕަސެންޓް ހިއްސާކޮށްފައިވާއިރު، 126 ބިލިއަން ޑޮލަރު ހޭދަކުރި އެވެ. އަދި 2013 ވަނަ އަހަރު 13 ޕަސެންޓް ހިއްސާކުރި އެވެ. މި އަހަރުގެ ހޭދަވަނީ 126 ބިލިއަން ޑޮލަރަށް އަރާފަ އެވެ. މި ކުރިއެރުން ލިބެމުންދާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ އިސްލާމިކް ޓޫރިޒަމް މާކެޓު ހޯދުމަށް އިންވެސްޓްމަންޓްތައް ވެސް ފުޅާ ކުރަމުންނެވެ.
ރާއްޖޭގައި ހަލާލް ޓޫރިޒަމް ޕްރޮޑްކްޓެއް ނެތްނަމަވެސް، މުސްލިމް ނޫން ގައުމުތަކުގައި މި ވިޔަފާރި ވަނީ މެކުހަށް ޖަހާފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2010 ވަނަ އަހަރު ދުނިޔޭގެ އެކި ހިސާބުތަކަށް ދިޔަ ޓޫރިސްޓުންގެ ނުވަ ޕަސެންޓް ހިއްސާކުރީ ހަލާލް ޓޫރިޒަމް މާކެޓަށް ދަތުރު ކުރި މީހުންނެވެ. މި އަހަރު ދަތުރުކުރި މުސްލިމުން 90 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި 2011 ވަނަ އަހަރު 12.3 ޕަސެންޓް ހިއްސާކޮށްފައިވާއިރު، 126 ބިލިއަން ޑޮލަރު ހޭދަކުރި އެވެ. އަދި 2013 ވަނަ އަހަރު 13 ޕަސެންޓް ހިއްސާކުރި އެވެ. މި އަހަރުގެ ހޭދަވަނީ 126 ބިލިއަން ޑޮލަރަށް އަރާފަ އެވެ. މި ކުރިއެރުން ލިބެމުންދާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ އިސްލާމިކް ޓޫރިޒަމް މާކެޓު ހޯދުމަށް އިންވެސްޓްމަންޓްތައް ވެސް ފުޅާ ކުރަމުންނެވެ.
ކުރިން ވާހަކަ ދެއްކެވި ޑރ. ސަނީ ވިދާޅުވީ ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށްވުމަކީ މި ޓޫރިޒަމް އިޝްތިހާރު ކުރަން އޮތް "ރަން ގަނޑެއް" ކަމަށެވެ.
"ދުނިޔޭގެ އެންމެ ބޮޑު އެއް މުސްލިކް ޕްރޮޕިއުލޭޝަން މި އޮތީ އިންޑޮނޭޝިއާ އާއި މެލޭޝިއާގައި. އެ ތަންތަނުން އެއާއޭޝިއާ ފަދަ ފްލައިޓްތައް ރާއްޖެ އާދެ. އެހެންވީއިރު ދެން ހަމަ ކުރަން މިޖެހޭ ކަމަކީ މިތަންތަން ހަދައި އިޝްތިހާރު ކޮށްލުން. މުސްލިމުން އެހެން ގައުމުތަކަށް ދާއިރު ބިރެއް އޮތޭ މުސްލިމް ނޫން ގައުމެއްނަމަ. ހަލާލް ނޫން އެއްޗެއް ކެވިދާނެ ކަމަށް. އެކަމަކު ރާއްޖޭގައި އެބިރެއް މިހާރަކުވެސް ނެތް. ރިސޯޓުތަކުގައި ބޮޑު އަކުރުން ޖަހާފައި އެބަހުރޭ. ޕޯކް އެޅި އެއްޗެއް ވީއްޔާ. އެހެންވީމަ، ރާއްޖޭގައި ވަކި ރިސޯޓެއް ހަދައިފިނަމަ، އެ ސަކްސަސްއަކަށް ވާނެ،" ސަނީ ވިދާޅުވި އެވެ.
"އަވަސް" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ލެޓްސްގޯ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވީ ރާއްޖެ އަށް ހަލާލް ޓޫރިޒަމް މާކެޓު މުހިންމު ކަމަށެވެ.
"ޑްރައި ރިސޯޓެއް ރާއްޖޭގައި ހެދި ދާނެ. މީގައި މުޅި ކޮންސެޕްޓް ހުންނާނީ އިސްލާމިކްކޮށް. ހާއްސަކޮށް އާއިލާއެއްކޮށް ގޮސް ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް ހުންނަނީ. އެހެންވެ ބުނެވޭނީ މިއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި. ރަނގަޅު މާކެޓު ވެސް ހޯދިދާނެ،" ރިޔާޒު ވިދާޅުވި އެވެ.
ބޭނުން ވަނީ ހިތްވަރެއް
ދިވެހިންގެ ބުރަ މަސައްކަތުން 1972 ވަނަ އަހަރުން ފެށިގެން ޓޫރިޒަމްވެސް ގެނައީ އެވެ. އެއިރު ދުނިޔެ ގޮވީ ރާއްޖެއަށް ނުވާ ކަމަށެވެ. ނަމަވެސް މިއަދު އެ ސާބިތުކޮށްދެނީ ދިވެހިންނަށްވާނެ ކަމަށެވެ. އަދި މިފަހުގެ ތާރީހުގައި ސަރުކާރުން މާކަބޮޑު އެއްބާރުލުމެއް ނުދިންނަމަވެސް ގެސްޓްހައުސްވެސް ފަތުއަޑުކިޔާފަ ދަނީ ކުރިއަށެވެ.
ރާއްޖޭގައި ގެސްޓްހައުސް ޕްރޮމޯޓް ކުރަން ފުރަތަމަ ދުވަހުން ފެށިގެން އެންމެ ބުރަކޮށް މަސައްކަތް ކުރި، މޯލްޑިވްސް ގެޓަވޭސްގެ ސީއީއޯ ސަނީ ވިދާޅުވީ ގެސްޓްހައުސް ތަރައްގީވުމަކީ މީގެ މިސާލެއް ކަމަށެވެ.
"ސަފާރީ ވިޔަފާރި ވެސް ގެސްޓްހައުސްވެސް އެދަނީ ކުރިއަށް. އެކަމަކު ހަލާލް ޓޫރިޒަމް ގެންނައިރު ޖެހޭނެ ފިސާރި ރަނގަޅަށް ޕްލޭންކޮށް، އިޝްތިހާރު ކުރަން. އޭރުން ތައިލެންޑުގައި އެކަންވަންޏާ ރާއްޖޭގައި ވާނެ. އެކަމަށް އަޅުގަނޑުމެން މިތިބީ މަސައްކަތް ކޮށްދޭން ތައްޔާރަށް،" ސަނީ ވިދާޅުވި އެވެ.
ހަމަގައުމުވެސް ޓޫރިޒަމް އިންޑަސްޓްރީ ތިބީ ތައްޔާރަށެވެ. މަސައްކަތް ކުރީމަ އިންވެސްޓަރުންވެސް ވާނެ އެވެ. މިހާރު ކުރަން ޖެހޭ ކަމަކީ އަލަށް ރާއްޖެ ހިންގަން ހަވާލުވާ ސަރުކާރުން މިކަމުގައި އިހުލާސްތެރި މަސައްކަތްތަކެއް ކުރުމެވެ. ހަމަ ގައިމުވެސް އިސްލާމިކް ރިސޯޓު ހަދަން އެންމެ ރަނގަޅު "ސުވަރުގެ" އަކީ ރާއްޖެ އެވެ.