ހަބަރު

ގައުމަށް ހަމަޖެހުން އޮތީ އެކެއް ފެބްރުއަރީގެ އަމުރު ރިވިއުކޮށްގެން: މާރިޔާ

ގައުމަށް ޖަމަޖެހުން ލިބޭނީ ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ރިވިއުކޮށްގެން ކަމަށް ރައްޔިތުން މަޖިލީހުގެ މައްޗަންގޯޅި ދާއިރާގެ މެންބަރު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކެއް ފެބްރުއަރީގެ އަމުރުގައި ވަނީ، އިދިކޮޅު ލީޑަރުންގެ މައްސަލަ އަލުން ބެލޭނެ އިންތިޒާމް ހަމަޖައްސައި އެފަރާތްތައް ވަގުތުން ދޫކޮށް މިނިވަން ކުރުމަށާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާ ކޮށް ބެލުމުގެ ބާރު ޖުޑީޝިއަލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް އެ އަމުރާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވަނީ ކުއްލި ހާލަތު އިއުލާންކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށްފަހު ސިޔާސީ ނުވަ ހައްޔަރީން ދޫކޮށްލުމަށް އަމުރުގައި ހިމެނޭ ބަޔާއި ފަނޑިޔާރުންގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެފައިވާ ބައިވެސް ސުޕްރީމް ކޯޓްގައި ބާކީ ތިބި ފަނޑިޔާރުން މެދުވެރި ކުރައްވައި ބާތިލްކޮށްފަ އެވެ.

ރައްޔިތުން މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ، ގައުމަށް ހަމަޖެހުން ލިބޭނީ އިދިކޮޅު ހަތަރު ލީޑަރުންނަށް އިންސާފުލިބި މިނިވަންވުމުން ކަމަށެވެ. ކުރީގެ ރައީސް ނަޝީދާއި އަދާލަތު ޕާޓިގެ ރައީސް ޝެއިހް އިމްރާނަށް ކޮށްފައިވާ ސިޔާސީ ހުކުމަށް އިންސާފު ހޯދައިދީ ވަގުތުން މިނިވަން ކުރުމަށް ސައުދު ވަނީ ގޮވާލާފަ އެވެ.

ސައުދުގެ ޓްވީޓް ރީޓްވީޓް ކުރައްވައި މާރިޔާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެކެއް ފެބްރުއަރީގެ އަމުރުގައި ހިމެނޭ ސިޔާސީ ލީޑަރުން ދޫކޮށްލުމުގެ ބައި ސުޕްްރީމް ކޯޓުގެ ފަނޑިޔާރުންނަށް ލިބިފައިވާ ބާރާއި އިހްތިސޯސްގެ ދަށުން އަލުން ރިވިއުކޮށް ހުކުމެއް ނެރެދިނުމަކީ ގައުމަށް ހަމަޖެހުންލިބި ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، ދިވެހިން ބޭނުންވަނީ ގައުމަށް ހަމަޖެހުން ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ދޫކޮށްލުމަށް ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިނެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް ދޫކޮށްލުމަށް ވެސް އެ އަމުރުފައި ވަނީ ބުނެފަ އެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ބޮޑު ބައެއް ބާތިލް ކުރުމަށްފަހު ބާކީ އޮތް ތިން ބައި ބާތިލްނުކޮށް ސަސްޕެންޑްކޮށްފައި ބޭއްވި އެވެ. ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ވަނީ އެ ތިން ބައި ބާތިލް ކޮށްދިނުމަށް އެދި ދުސްތޫރީ މައްސަލައެއް ވައްދާފަ އެވެ. އެއީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު ހުކުމް ބާތިލްކުރި ބަޔާއި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ އެ 12 މެންބަރުންނާއެކު މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެންގި ބަޔާއި ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމުގެ ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމުގެ ބަޔެވެ. އޭގެ ތެރެއިން ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރީ ފުރަތަމަ ދެ ބަޔެވެ. ފަހު ބައި ބާތިލެއް ނުކުރި އެވެ. މިހާރު ސުޕްރީމް ކޯޓުގެ އެކެއް ފެބުރުއަރީ އަމުރުގައި ބާތިލްނުކޮށް އޮތީ އެ ބައި އެކަންޏެވެ.