ދުނިޔެ

ޚާޝުގްޖީ ކޮންސިއުލޭޓަށްދާން އެންގީ މަރަން ރާވައިގެން: އުރުދުޣާން

ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލީ ދުރާލާ ރާވައިގެން ކަމަށާއި އޭނާ އެތަނަށް ދާން އެންގީވެސް މަރާލަން ރާވައިގެން ކަަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީ ޕާލަމެންޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ ކައިވެނި ކުރުމަަށް ބޭނުންވާ ލިޔެކިއުންތައް ފުރިހަމަ ކުރުމަށް ޚާޝުގްޖީ ސައުދީ ކޮންސިއުލޭޓަށް ފުރަތަމަ ދިޔައީ ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި ވިދާޅުވީ އޭނާ މަރައިލުމުގެ ރޭވުން ރާވަން ފެށީ އެދުވަހުން ފެށިގެން ކަމަށް ދެކެވަޑައިގަންނަވާ ކަަމަށެވެ.

"އަޅުގަނޑު ދެކެނީ އޭނާގެ ގަތުލު ރާވައި އެކަމުގެ މަގު ޗާޓް ކުރަހަން ފެށީ އެވަގުތުން ފެށިގެން ކަމަށް،" އޭނާ ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ ސައުދީ ކޮންސިއުލޭޓްގެ ބައެއް އޮފިޝަލުން ވަރަށް އަވަހަށް އެނބުރި ސައުދީ އަރަބިއްޔާއަށް ދިޔަ ކަަމަށާއި އެމީހުން ދިޔައީ ރޭވުން ފުރިހަމަ ކުރަން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިއަދުގެ ތަގުރީރުގައި އުރުދުޣާން ވަނީ ސައުދީ ސަރުކާރަށް ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފަ އެވެ. އެގޮތުން ސައުދީ އަރަބިއްޔާއިން އޭރުގައި ތުރުކީއަށް އައި 15 މީހުން އައީ ކީއްވެތޯ އާއި އިސްތަންބޫލުގައި އެމީހުން އެއްތަންވީ ކީއްވެތޯ ސުވާލުކުރެއްވި އެވެ. އަދި އެމީހުންނަށް އެގޮތަށް ކަންތައް ކުރަން އިރުޝާދު ދިނީ ކާކުތޯ ވެސް ސުވާލުކުރެއްވި އެވެ. އަދި ޚާޝުޖުގްޖީގެ ހަށިގަނޑު އިސްތަންބޫލް މީހަކާ ހަވާލުކުރި ކަމަށް ބުނެފައި ވާއިރު އެމީހެއްގެ ނަމަކީ ކޮބައިތޯ ވެސް ސުވާލުކުރެއްވި އެވެ. ދެން ވިދާޅުވީ އެހުރިހާ ސުވާލެއްގެ ޖަވާބު ލިބެން ޖެހޭ ކަމަށެވެ.

ޚާޝުގްޖީ މަރާލި ހާދިސާއާ ގުޅޭ ގޮތުން ތުރުކީ ފުލުހުން ނުރަސްމީކޮށް ނޫސްތަކަށް ދީފައިވާ ގިނަ މައުލޫމާތުތަކެއް އުރުދުޣާން ތެދުކުރެއްވި އެވެ. އަދި ވިދާޅުވީ އޭނާ މަރާލާފައި އެވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށެވެ.

ޚާޝުގްޖީގެ ގާތިލުންގެ ޝަރީއަތް އިސްތަންބޫލުގައި ކުރުމަށް ވެސް އުރުދުޣާން ހުށަހެޅުއްވި އެވެ. އަދި އެމީހުންގެ ނަންތަ ހާމަކުރުމަށް އޭނާ ސައުދީ އަރަބިއްޔާއަށް އޭނާ ގޮވައިލެއްވި އެވެ. ކޮންސިއުލޭޓަށް ޚާޝުގްޖީ ވަނުމަށް ފަހު އޭނާގެ ހަބަރެއް ނުވެގެން ތުރުކީގެ ކަބާ ބެހޭ ފަރާތްތަކަށް އެންގި ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީއާ ހެދި އޭރުގައި އެތަނަށް ނުވަދެވުނުކަން ވެސް އުރުދުޣާން ފާހަގަ ކުރެއްވި އެވެ.

ޖަމާލް ޚާޝުގްޖީއަކީ ސައުދީ ޝާހީއާއިލައާ ކުރިން ގާތް ގުޅުމެއް އޮތް އަދި އެއާއިލާއިން ހިންގާ މީޑިއާތަކުގައި އިސް މަގާމުތަކެއް އަދާކޮށްފައިވާ މީހެކެވެ. ނަމަވެސް ފަހުން އެއާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަން ފެށުމަށް ފަހު އޭނާ އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި އެވެ. އޭގެ ފަހުން ސައުދީ އަރަބިއްޔާގެ ނުފޫޒު ގަދަ ވަލީއަހުދު އަމީރު މުޙައްމަދު ބިން ސަލްމާނަށް ފާޑުކިޔައި ކޮލަމްތައް ވެސް ލިއުނެވެ.