ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެންބަރުންގެ ސޮޔާ އެކު މާދަމާ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ސޮއިކުރި މެންބަރުންގެ ތެރޭގައި ޕީޕީއެމްގެ ބައެއް މެންބަރުން ހިމެނެ އެވެ. އެގޮތުން ޖުމުލަ 45 މެންބަރުންގެ ސޮޔާއެކު މާދަމާ މަޖިލީހަށް އެ މައްސަލަ ވައްދާނެ އެވެ.
މަޖިލީހުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ކަމުގެ މައްސަލަ ހުށަހެޅޭނީ 15 މެންބަރުންގެ ސޮޔާއެކުގަ އެވެ. ނަމަވެސް މިދިޔަ އަހަރު އަ އަދަދަށް ސޮއި ހޯދައިގެން މަސީހު ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމުން ޕީޕީއެމް އިން ވަނީ އެ އަދަދު 42 އަކަށް ހަދާ ގަވައިދު ބަދަލުކޮށްފަ އެވެ.
މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި 43 މެންބަރުންގެ ސޮޔާއެކު މަސީހު ވަކި ކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅުމުން 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިހާރު ވަނީ ހަތަރު މެންބަރުންގެ ގޮނޑި ސަލާމަތްކޮށްފަ އެވެ.
މަޖިލީސް މިހާރު އެތުރިފައިވާ ގޮތަށް ބަލާއިރު ޕީޕީއެމްގައި ފަޅީގައި ތިބީ 34 މެންބަރުންނެވެ. އެއީ މަސީހާއި ފާރިސް މައުމޫން ނުހިމަނަ އެވެ. އިދިކޮޅުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީ އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން އަދި ސަލާމަތްވި ހަތަރު ގޮނޑި ހިމަނައިގެން އިދިކޮޅަށް ވެސް ލިބެނީ 36 މެންބަރުންނެވެ. އެހެންކަމުން މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން 45 ހަމަވާނީ ޕީޕީއެމްގެ އަށް ވަރަކަށް މެންބަރުންގެ ސޮޔާއެކުގަ އެވެ.
ޖުމްހޫރީ ޕާޓީގެ ޕީޖީގެ ޑެޕިއުޓީ ލީޑަރު ކުރިން ވިދާޅުވެފައި ވަނީ މަސީހުގެ އިތުބާރު ނެތް މައްސަލާގައި ސޮއި ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ޕީޕީއެމްގެ ގިނަ މެންބަރުން ވެސް ބައިވެރިވާނެ ކަމަށް އޭނާ ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މަސީހު އަމިއްލަފުޅަށް ރީތި ގޮތުގައި އިސްތިއުފާ ދެއްވާ ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރިޔާޒު ވިދާޅުވެފައިވެ އެވެ.