ރައީސް މުހައްމަދު ނަޝީދު

ނަޝީދު މިނިވަންކުރަން މިއަދު މަޖިލީހަށް ގަރާރެއް ހުށަހަޅަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅަން ނިންމައިފި އެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި މި ގަރާރު މަޖިލީހަށް ވައްދަނީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކުރި ކަމަށް ބުނެ ރައީސް ނަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ސާވިތުކޮށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ ތާއިދުކޮށްފަ އެވެ.

ނަމަވެސް ރައީސް ނަޝީދަށް ސުޕްރީމް ކޯޓަށް މައްސަލަ އަލުން ރިވިއު ކުރަން ހުށަހެޅޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ އެވެ.

އެމްޑީޕީއިން ބުނެފައިވާ ގޮތުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގަ އެވެ. އެކަމަށްޓަކައި އެމްޑީޕީއިން ކުރަންޖެހޭ ސިޔާސީ މަސައްކަތްތައް ކުރަމުންދާ ކަމަށް ޕާޓީއިން ވަނީ ބުނެފަ އެވެ.