ވިޔަފާރި

އުރީދޫ އިން ނިރު އެކްސެލެރެޓާގެ ދެވަނަ ފިޔަވަހި ފަށައިފި

Oct 24, 2018

ދިވެހި މުޖުތަމައަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހޯދައިދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ނިރު އެކްސެލެރޭޓާ ޕްރޮގްރާމްގެ ދެވަނަ މަރުހަލާ ފަށައިފި އެވެ.

އުރީދޫ އާއި ޑައިލޮގް އެކްސިއާޓާ ގެ އައިޑިއާމާޓް ގުޅިގެން ކުރިއަށްގެންދިޔަ ނިރު ހެކަތަންގައި ވާދަކޮށް ހޮވުނު ހަތަރު ޓީމްގެ ބައިވެރިވުމާއި އެކު، ބާރަ ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއް މިއަދު ވަނީ ފަށައިފައެވެ. ނިރުގެ ބައިވެރިންނަށް ހާއްސަ ހެޑްކުއާޓަރސްގައި ބޭއްވޭ މި ޓްރެއިނިންގެ އިތުރުން، އެކްސެލެރޭޓަރަށް ހޮވާލެވުނު ޓީމްތަކަށް ސީޑް ފަންޑިންގް، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕާޓުންގެ ފަރާތުން
ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެ އެވެ.

"ނިރު އެކްސެލެރޭޓަރ ޕްރޮގްރާމަށް ހޮވިފައިވާ ހަތަރު ޓީމަށް ނިރު ހެޑްކުއާޓަރޒް އަށް މަރުޙަބާ ކިޔައި، އެ ބައިވެރިންގެ ވިޔަފާރިތައް ބިނާ ކުރުމަށް ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭގައި އެހީތެރިވެދޭނެ މެންޓަރޝިޕް ޕްރޮގްރާމް ފެށިގެންދިއުމާއި އެކު، މިއަދަކީ ވަރަށް ހާއްސަ ދުވަހެއް. ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފަސޭހަކަމާއި ކުރިއެރުން ގެނެސްދޭނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކުރުމަށް މި ހުނަރުވެރި ޓީމްތަކުން ކުރާ ބުރަ މަސައްކަތަށް، އެހީތެރިކަން ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ޝަރަފެއް." އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވިއެވެ.

ނިރު އެކްސެލެރޭޓާރގައި ބައިވެރިވުމަށް ފުރުސަތު ލިބިފައިވާ ހަތަރު ޓީމަކީ:

ކައުރީ: މާލީ ކަންކަމާއި ބެހޭ ސުވާލުތަކަށް، ފަސޭހައިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ޗެޓްބޮޓެއް
ކުނބު: ފަސޭހަކަމާއި އެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓްނަގައި، އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެއް
ޖަވާބު އެކެޑެމީ: ޖޯގްރަފީގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އޮންލައިންކޮށް ދިވެހިބަހުން ކިޔަވައިދޭ ޕްލެޓްފޯމެއް
ފްލޯބޯ: އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއުޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެއް

ބާރަ ހަފްތާގެ ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ. އަދި ނިރު އެކްސެލެރޭޓަރު ފުރިހަމަކުރުމަށް ފަހުވެސް، ދިގުމުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނާޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެއެވެ. ޑިޖިޓަލް ދުނިޔޭގައި ބައިވެރިވުން އިތުރުކޮށް، ޑިޖިޓަލް އާލާތްތައް މެދުވެރިކޮށް ކުރިއެރުން ހޯދުމަށް ދިވެހިންނަށް އެއްބާރުލުންދިނުމަށްޓަކައި، ނިރު އެކްސެލެރޭޓަ ސްމާޓް ސިޓީޒް ޕްރޮޖެކްޓް، މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް، ޑިޖިޓަލް ލިޓަރަސީ ޕްރޮގްރާމް ފަދަ ގިނަ ހަރަކާތްތަކެއް އުރީދޫ އިން ކުރިއަށްގެންދެ އެވެ.