ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. އެ ގަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ ޕީޕީއެމްގެ މެންބަރުން ހިމެނޭ ގޮތަށް 49 މެންބަރުން ސޮޔާއެކުގަ އެވެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ގަރާރުގައި ރައީސް ނަޝީދާ މެދު ފުލުހުންނާއި ކޯޓުތަކުން އަމަލުކޮށްފައިވާ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. އަދި ގާނޫން އަސާސީ އާއި ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ހިލާފަށް އެމަނިކުފާނުގެ މައްޗައް ޝަރީއަތް ހިންގާ ހުކުމްކޮށްފައިވާ ކަމަށް ބުނެ އެކަމުގެ ތަފްސީލްތައް ވެސް ވަނީ ހިމަނާފަ އެވެ.
އެކަންކަމަށް ރިއާޔަތްކޮށް ގަރާރުގައި އިގުރާރުވެފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ބާތިލްކޮށްދިނުމަށާއި އެމަނިކުފާނު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަކަށް ވަޑައިގެން އެނބުރި ރާއްޖެއަށް ވަޑައިގެންފައިނުވާތީ ކަމަށްބުނެ ކްރިމިނަލް ކޯޓުން 29 އޮގަސްޓް 2016 ވަނަ ދުވަހު ނެރެފައިވާ ހައްޔަރު އަމުރު ބާތިލުކޮށްދިނުމަށެވެ. އަދި 2010 އަހަރު ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މުލަކު ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މާމިލިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގާނޫނާ ހިލާފަށް ހައްޔަރުކުރިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުުފުލާފައިވާ ޓެރަރިޒަމްގެ މައްސަލަ ބާތިލްކޮށްދިނުމަށެވެ.
އެ މައްސަލަތައް އަދުލްއިންސާފު ގާއިމް ކުރުމުގެ ދާއިރާގެ ތެރެއިން ކުރިޔަށް ގެންދިޔުމަަށާއި އެ މައްސަލަތައް ބެލުމަށް ޕްރޮސެކިއުޓާ ޖެނަރަލް އަށާއި ސުޕްރީމް ކޯޓަށް ގަރާރުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ގަރާރުގައިވާ ގޮތުން ގާނޫނާ ހިލާފަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުން 2015 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު ރައީސް ނަޝީދު ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާ އިރު 24 ގަޑިއިރު ފާއިތުވެ ދިޔަ ފަހުން ވެސް އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނުނިންމަ އެވެ. އޭގެ ފަހުން 23 ފެބްރުއަރީ 2015 ވަނަ ދުވަހު ގާނޫނީ ވަކީލެއްގެ އެހީތެރިކަން ރައީސް ނަޝީދަށް ފޯރުކޮށްނުދީ ޓެރަރިޒަމްގެ ދައުވާ އުފުލާ 19 ދުވަސް ތެރޭގައި އެ މައްސަލައިގެ ޝަރީއަތް ހިންގާ ހުކުމްކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު ވެސް ހައި ކޯޓުން ދީފައި ނުވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
ރައީސް ނަޝީދުގެ މައްޗަށް ބޭއިންސާފުން ޝަރީއަތެއް ހިންގައި ނުހައްގުން ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އދ. ގެ ވޯކިން ގްރޫޕަށް ހުށަހަޅާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ. އަދި 4 ސެޕްޓެމްބަރ 2015 ވަނަ ދުވަހު އދ. ގެ ވޯކިން ގްރޫޕުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ރައީސް ނަޝީދުއާ އެއްކޮޅަށް އެމައްސަލަ ނިންމާފައިވާ ކަމަށެވެ. އެގޮތުން ނަޝީދު ވަގުތުން ޖަލުން ދޫކުރުމަށާއި އަދި ބަންދުކޮށްފައިވާތީ، އެކަމަށްޓަކައި ލިބިދޭންޖެހޭ ގެއްލުމުގެ ބަދަލު ލިބިދިނުމަށް ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ނިންމުން ގަބޫލު ނުކޮށް، ރާއްޖެ ސޮއިކޮށް، ބައިވެރިވެފައިވާ އދ. ޗާޓާ އާއި UDHR އާއި ICCPR އިން ދިވެހި ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ނެގެހެއްޓުމަށް މަތިކޮށްފައިވާ ޒިންމާއާ ކަނޑައެޅިގެން ހިލާފަށްކަމަށް އެ ގަރާރުގައިވެ އެވެ.
ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެހައި ހައްގުތަކާއި މިނިވަންކަން އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާނޭ ގޮތުގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށާއި އަސާސީ ހައްގުތަކާއި މިނިވަންކަން އިއުތިބާތީ ގޮތުން ނިގުޅައިގަތުމުގެ ބާރެއް ދިވެހި ސަރުކާރަށްވެސް ލިބިގެންނުވާ ކަމަށް އެ ގަރާރުގައިވެ އެވެ.
"...ގާނޫނުއަސާސީން ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަ ކުރަންވާނެކަމަށާއި އަދި ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއްކަމަށްވެސް ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ބުނެފައި އޮންނައިރު، ދިވެހި ދައުލަތުން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ރައްކާތެރިކޮށްދޭ ބައިނަލްއަގުވާމީ މުއާހަދާތަކުންނާއި ދިވެހިރާއްޖެ މެންބަރު ގައުމެއްގެ ގޮތުގައިވާ އދ. ޖަމާއަތުގެ ޗާޓަރުން ލާޒިމުކުރާ ކަންތައްތަކާ އެއްގޮތަށް އަމަލުކުރުން ދިވެހި ސަރުކާރަށް ލާޒިމުވާނެ،" އެ ގަރާރުގައިވެ އެވެ.
ކްރިމިނަލް ކޯޓުގައި ރައީސް ނަޝީދުގެ މައްޗަށް ހިންގާފައިވާ ޓެރަރިޒަމްގެ މައްސަލާގައި، އދ. ގެ ICCPR އަދި UDHR އިން ރައީސް ނަޝީދަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް ރިއާޔަތްކޮށްފައި ނުވާތީ، ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް ސާބިތުކޮށްފައިވާ ހުކުމް ބާތިލް ކުރަންޖެހޭ ކަމަށް ގަރާރުގައިވެ އެވެ. އަދި އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހއްގާއި އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިހުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވެ އުޅުމުގެ ހައްގު ރައީސް ނަޝީދުގެ ލިބިދޭންޖެހޭނެ ކަމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެ މުއާހަދާތަކުން ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ރައީސް ނަޝީދަށް ވެސް ލިބިދެވުމުގެ ގާނޫނީ އުންމީދު ހާސިލުކޮށްދީ، އެ ހައްގުތަކާއި މިނިވަންކަން އެއްވެސް އުނިކަމެއް ނެތް ގޮތުގައި ހޯދައިދިނުމަކީ، ސަރުކާރުގެ މައްޗަށް އޮތް ބަރީއަވުމެއްނެތް އިލްތިޒާމެއްކަމަށާއި އެކަމަކަށް މަގުފަހިކޮށްދިނުން ދިވެހި ސަރުކާރުގެ މައްޗަށް ވާޖިބުވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކުރި ކަމަށް ބުނެ ރައީސް ނަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ސާވިތުކޮށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ ތާއިދުކޮށްފަ އެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާ އިރު އެމްޑީޕީ އިން ބުނަމުން އަންނަނީ އޭގެ ކުރިން އެމަނިކުފާނު މިނިވަން ވެވަޑައިގަންނަވާނެ ކަމަށެވެ. އެކަމަށްޓަކައި އެމްޑީޕީއިން ކުރަންޖެހޭ ސިޔާސީ މަސައްކަތްތައް ކުރަމުންދާ ކަމަށް ޕާޓީއިން ވަނީ ބުނެފަ އެވެ.