އީޕީއޭ

ވަގުތު ފާއިތުވެއްޖެ! ޖޫރިމަނާއިން ވާނެ ކަމެއް ނެތް!

ސިނަމާލެ ބްރިޖާ ގުޅުވައި ހައުސިން މިނިސްޓްރީއިން ތަރައްގީކޮށް ހުޅުވާލި ރިންގް ރޯޑަކީ ޔަގީނުން ވެސް ފަސޭހައަކެވެ. ހަލާކުވެ އަޑިގުޑަންތަކުން ފުރިފައި އޮތް މާލޭގެ މަގުތަކަށް ފަސޭހަކަން ގެނެސްދޭނެ ކަމުގެ އުންމީދެކެވެ. އެކަމަކު އެންމެ ބޮޑު މައްސަލައަކީ އެ މަގު ތަރައްގީ ކުރުމުގައި ހައުސިން މިނިސްޓްރީގެ އިހުމާލުތައް ބޮޑުވުމެވެ. ހާއްސަކޮށް ތިމާވެށީގެ ގޮތުން ބަލަން ޖެހޭ އެއްވެސް ކަމަކަށް ބެލުމެއް ނެތި އެ މަގުގެ މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ، މަގުގައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް ނަގައި އުކާލުމެވެ. އެގަސްތައް ނެތުމުން ބޮޑު ތަކުރުފާނު މަގު މިހާރު ފަޅެވެ. އެހާ ހޫނެވެ. ކިތަންމެ ރީއްޗަސް، އެމަގުގައި ދިރުމެއް ނެތެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ނަމުގައި އެމަގުގައި ހުރި ހިޔާދޭ ބިޔަ ރީތި ގަސްތައް ހައުސިން މިނިސްޓްރީން ވިސްނާލުމެއް ނެތި ކަނޑައި އެއްލައިލީ އެތައް ބަޔަކު އެކަމާ ޝަކުވާ ކުރަނިކޮށެވެ. އެ ޝަކުވާތައް ހިންދާލުމަށް މިނިސްޓަރު މުއިއްޒު ކުރެއްސި މަންޒަރަކީ، ތާރު އަޅައި މަގު ހުޅުވާއިރު މަގުގެ ދެ ފަރާތުގައި ކުރިއަށް ވުރެ ގިނައިން ގަސް އިންދުމުގެ ވައުދެވެ. އެއީ މުސްތަގުބަލުގެ ބޮޑުތަކުރުފާނު މަގުގެ ގޮތުގައި ސިފަކޮށްދިނެވެ. އެކަމަކު އެމަގު ހުޅުވިތާ މަސްތަކެއްވީ އިރުވެސް އެ މަގު ހަމަ އެ އޮތް ގޮތަށް އަދިވެސް އެ އޮތީއެވެ. ކަނޑައި އެއްލައިލި ބިޔަ ގަސްތަކުގެ ބަދަލުގައި އެއިން މަގެއްގެ އަރިމަތީގައި ޅަ ކުރިއެއްވެސް އަދި އިންދާނުލަ އެވެ.

ލ ލިންކު ރޯޑުވެސް ތަރައްގީ ކުރީ އެހެން އެވެ. އޭގެ ފަހުން ފުވައްމުލަކު ރިންގު ރޯޑުވެސް ތަރައްގީ ކުރީ އެހެންނެވެ. އެއިން ކޮންމެ މަސައްކަތެއް ކުރީ ވެށި ގުރުބާންކޮށްލައިގެންނެވެ. ސުވާލަކީ އެ މަސައްކަތްތައް ކުރަން އެހާ ގިނަ ގަސްތައް ނައްތާލަން ކޮންމެހެން މުހިއްމު ހެއްޔެވެ؟ ބައެއް ގަސްތައް ކަނޑާލަން ޖެހުނަސް އެ ހުރިހާ ގަސްއެކީ އުފުރާނުލާވާނެ ގޮތްތައް ޔަގީނަށްވެސް ހުންނާނެ އެވެ.

ފަހަރަކު ގަހެއް ކަނޑަމުން ގޮސް އެ ހުރިހާ ގަހެއް ކަނޑާލައި، މަގުތައް ހަދައި ނިންމާލި އިރު އެންވަޔަރަމަންޓް މިނިސްޓްރީ އޮތީ ކުޅި ބަލާށެވެ. މަގުތައް ނިމިގެން އެތައް މަސްވި އިރު އީޕީއޭއަށް ރެއަކާ ވެސްނުލި އެވެ. ނަމަވެސް ފެހިކަން ގެއްލި ހަނަފަސް ވެފައި އޮތް މަގުތައް ކުއްލިއަކަށް އީޕީއޭއަށް ފެނުނީ މީގެ ދެ ހަފްތާކުރިން އެވެ.

ހައުސިން މިނިސްޓްރީ އިން ވެށި ހަލާކުކުރިކަމަށް ބުނެ ބޮޑު ޖޫރިމަނާއެއް ތިމާވެށީގެ މިނިސްޓްރީއިން ވަނީ ހައުސިންގެ ބޮލަށް ވައްޓާލައިފަ އެވެ. ސުވާލަކީ އެ މަސައްކަތް ހިނގަމުން ދިޔައިރު، އެނަވަޔަރުމަންޓް ޕްރޮޓެކްވަން އެޖެންސީ، އީޕީއޭގެ ޒިންމާ ކޮބައި ހެއްޔެވެ؟ ހަދާނެ އެއްޗެއް ހެދިފަހުން އެއް ވުޒާރާއިން އަނެއް ވުޒާރާއަށް ފައިސާއަށް ގޮވުމުން ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލެއް ހޯދައި ނުދެވޭނެ އެވެ. ހައުސިން މިނިސްޓްރީން ވެއްޓަށް އެވަރުގެ ހިޔާނާތެއްވީ އީޕީއޭގެ އިހުމާލު އޮތީމަ އެވެ. ޒިންމާ އަދާ ނުކުރެވުނީމަ އެވެ. އީޕީއޭ "ފެއިލް" ވެފައި އޮތީމަ އެވެ. ވަގުތު ފާއިތުވާ ފަހުން ކުރާ ޖޫރިމަނާ އަކުން ކުރާނެ ފައިދާއެއް ނޯންނާނެ އެވެ.

ދުނިޔޭގެ ބޮޑެތި މެޓްރޯ ސިޓީތަކުގައި ވެސް ތިމާވެއްޓަށް އަޅާލުމަށް ހާއްސަ އުސޫލުތައް ވަނީ ހަދައިފަ އެވެ. ވެށި ފެހިކޮށް، ވިހަ ގޭސްތައް ބޭނުންކުރާ ކުރުން މަދުކުރުމަށް ދަނީ އެކި ފެންވަރުގައި މަސައްކަތް ކުރަމުންނެވެ. ސިޓީތަކަށް އީކޯ އިންފްރާ ޑިވޮލެޕްމަންޓް ކޮންސެޕްޓްތަކުގެ ދަށުން ވެއްޓަށް ދޭ ގެއްލުންތަކުގެ ބަދަލު އަތް ނުފޯރާ މިންވަރަށް ބޮޑުކޮށް އެފަދަ އަމަލު ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބުދީ، ގުދުރަތީ ތިމާވެއްޓަކަށް އަބަދު ގޮވަމުންދާއިރު މި ކުޑަކުޑަ ރާއްޖެއިން ދަތުރު ކުރަނީ އެ އުސޫލުތަކާ ދުރަށެވެ.