ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް މަގާމުން އެއްފަރާތްވުން ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވެއްޖެ އެވެ.
ކުނޫޒުގައި މިއަދު ބޭއްވި ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމަށް ފަހު، ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ހުންނެވީ ގަވާއިދުގައި ބުނާ ގޮތަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވުމަށް އެއްބާރުލުން ދެއްވުމަށް ކަމަށެވެ. އެގޮތުން ކޮންމެ ހަފްތާއަކު މަދުވެގެން ތިން ދުވަހުގެ ޖަލްސާތައް ބޭއްވުމަށް މޫސަ އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ދެން އޮންނަ ޖަލްސާއެއްގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގޮސް، އެކަން ފާސްވާނެ އެވެ. އަދި ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުވެސް މަޖިލީހުގެ ތެރެއިން ފާސްވެގެން އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"މީގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ މަސީހު އަމިއްލަފުޅަށް މަގާމުން ދުރަށް ވަޑައިގަތުން. އެހެން ނޫނީ އިތުބާރު ނެތް ކަމުގެ ވޯޓެއް އެމަނިކުފާނުގެ މައްޗަށް ނެގިގެންދާނެ،" އިބޫ ވިދާޅުވި އެވެ. މަސީހުގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓް ހުށަހަޅާފައި ވަނީ، 51 މެންބަރުންގެ ސޮޔާ އެކު އެވެ. އަދި އެ މައްސަލަ އަންނަ މަހުގެ އަށް ވަނަ ދުވަހަށް ވަނީ މިހާރު އެޖެންޑާކޮށްފަ އެވެ.
އެމަނިކުފާނު ވިދާޅުވީ، މަޖިލިސް ހުޅުވައި ޖަލްސާތައް ފެށުމާ އެކު އެންމެ ބޮޑު އިސްކަމެއް ދޭނީ އަބުރުގެ ގާނޫނު އުވާލުމަށެވެ. އަދި އެއްވެސް ހަމައެއް އުސޫލެއްނެތި މަޖިލީހުގެ ގަވާއިދަށް ގެނެވިފައި ހުރި އިސްލާހުތައް ބަލައި އެ ކަންކަން ރަނގަޅު ކޮށް ޑިމޮކްރަޓިކް ހަމަތަކުގެ ތެރެއަށް އެކަން ގެނައުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
މީގެ އިތުރުން އިބޫ ވިދާޅުވީ، އެމަނިކުފާނުވެރިކަމުގެ ހުވާ ކުރައްވަންދެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި ރައްޔިތުން އެމަނިކުފާނާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި މަޖިލީހުގެ މަސައްކަތްތައް ކުރެއްވުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.