ހަބަރު

ސަމާލުވޭ! ހޭންޑް ފުޓް އެންޑް މައުތް ބަލި ފެތުރެނީ

އަނގަތާފައި ބަލި ނުވަތަ ހޭންޑް ފޫޓް މައުތު ބަލި ފެތުރޭ މިންވަރު ގިނަވަމުން އަންނާތީ ސަމާލުވުމަށް މައި ހޮސްޕިޓަލް އައިޖީއެމްއެޗް އިން އިލްތިމާސްކޮށްފި އެވެ.

ވައިރަސްތަކެއްގެ ސަބަބުން ޖެހޭ ހޭންޑް ފޫޓް މައުތު ބައްޔަކީ ހުން އައުމާއެކު ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ހަރު ބިހިތަކެއް ނަގާ ބައްޔެކެވެ. ހާއްސަކޮށް އަނގަޔާއި އަތާއި ފައިގައި ބިހިތައް ނަގާލެއް ގިނަ ވާނެ އެވެ. ތުއްތު ކުދިންނަށް ޖެހުން ގާތް މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ އަހުމަދު ފައިސަލް، "އަވަސް" އަށް ވިދާޅުވީ، ހޭންޑް ފުޓް މައުތް ގެ ކޭސްތައް މިދިޔަ ހަފްތާއިން ފެށިގެން އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިދުވަސްވަރު ކުދިންގެ ކިބައިން ބަލިކަމެއް ފެންނަ ނަމަ އެކަމަށް ސަމާލުވެ، މި ބަލީގެ އެއްވެސް އަލާމާތެއް ފާހަގަވާނަމަ ކުދިން މީހުން ގިނަ ތަންތަނަށް ނުނެރުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ. ހާއްސަކޮށް ބަލި ޖެހިފައިވާ ކުއްޖަކު ސްކޫލަށް ފޮނުވުމަކީ އޭގެ ސަބަބުން އެހެން ކުދިންނަށް އެ ބަލި ފެތުރޭ ކަމަށް ވުމުން، އެކަމަށް ދޭ ސަމާލުކަން އިތުރުކުރުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ހޭންޑް ފުޓް މައުތު ބަލި އެންމެ ގިނައިން ޖެހެނީ ކުޑަ ކުދިންނަށެވެ. ހާއްސަކޮށް 10 އަހަރުން ދަށުގެ ކުދިން މި ބަލި ޖެހިގެން ޑޮކްޓަރަށް ދައްކާ މިންވަރު އިތުރެވެ.
ކުދިންނަށް މި ބަލި ޖެހުމުގެ ސަބަބުން އަނގައިގައި ނަގާ ބިހިތަކާ ހެދި ކެއުމަށް ވެސް އުނދަގޫވެ އެވެ. އެހެންކަމުން ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ، ސަމާލުވެ ތިބުމަކީ މުހިއްމު ކަމެކެވެ.

"ބަލި ޖެހިދާނެ، ބަލި ކުއްޖަކު ގެންގުޅޭފައި އޮންނަ ކުޅޭ އެއްޗެއް އަނެއް ކުއްޖާ ބޭނުންކުރުމުން ވެސް. އެހެންވީމަ މި ބަލީގެ އަލާމާތެއް ގޭގެ ކުއްޖެއްގެ ފަރާތުން ފާހަގަވެ، އެއީ ހޭންޑް ފޫޓް މައުތް ކަން ޔަގީންވެއްޖެނަމަ، ގޭތެރޭގައި އުޅޭ އެހެން ކުދިންނާއި ބަލިކުއްޖާ ދުރުކޮށްގެން، ކުޅޭތަކެތިވެސް ވަކިން ގެންގުޅުމަކީ ރައްކާޓެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް،" ޑރ ފައިސަލް ވިދާޅުވި އެވެ.