ހަބަރު

އެންމެ އުނދަގޫ ވަގުތުތަކުގައިވެސް ދުންޔާ ހުންނެވީ އެކުގައި: މައުމޫން

އާއިލާއަށް ދިމާވި އެންމެ ހިތްދަތި އުނދަގޫ ދުވަސްތަކުގައިވެސް ދުންޔާ މައުމޫން ހުންނެވީ އާއިލާއާއެކު ސާބިތުވެ ކަމަށާއި މިހާރުވެސް އެގޮތުގައި ހުންނެވި ކަމަށް އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިގޮތަށް ވިދާޅުވީ "އަވަސް" އިން އަލަށް ފެށި ހުކުރު ދުވަހުގެ ޝޯ، "އަވަސް ހުކުރު"ގެ ޓޯކް ޝޯގެ ފުރަތަމަ މެހެމާންގެ ގޮތުގައި ދުންޔާ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.

މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އަވަސް އަށް ދެއްވި އިންޓަވިއުގައި ދުންޔާ ދެއްކެވި ވާހަކަތަކަށް ފުރިހަމަ އަށް އެއްބަސްވާ ކަމަށެވެ. އާއިލާއަށް ދިމާވި އެންމެ ދަތި އުނދަގޫ ދުވަސްތަކުގެ ކުރިންނާއި ފަހުންވެސް ދުންޔާ ހުންނެވީ ވަރަށް ކެތްތެރިކަމާއެކު އާއިލާއާއެކު ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައާއި ގޭގެގައި ހުންނަވައި ދުންޔާ ދިޔައީ އެކި ގޮތްގޮތުން އާއިލާއަށާއި އެމަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް މައުމޫން ވިދާޅުވި އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުގައި ދުންޔާ ވިދާޅުވީ، އިސް ސަފުން ނުފެނު ނަމަވެސް ރައީސް މައުމޫން މިނިވަން ކުރުމަށް އޭނާއަށް ކުރެވުނު މަސައްކަތެއް ވިއްޔާާ ކުރެއްވި އެވެ. އެގޮތުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފާޅުގަ އާއި ސިއްރުން އެކަމަށްޓަކައި މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރެއްވި އެވެ. އެގޮތަށް އަމަލު ކުރެއްވީ ކީއްވެގެން އޭނާ ކޮން ކަމެއް ކުރައްވާފައިވާތީތޯ ވަރަށް ގިނަ މީހުން ސުވާލު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދުންޔާ އަނގައިން ނުބުނެ ފަހަތަށް ޖެހި ތިހުންނަނީ ކީއްވެހޭ ވަރަށް ގިނަ މީހުން ސުވާލު ކުރޭ، އަޅުގަނޑުގެ ޖަވާބަކީ ކުރިމަތީ ފެންނަމުން ދިޔަ ކަންތައްތަކުންނޭ، މީހަކު ކަމެއް ކޮށްގެންތޯއޭ ބައެއް ބޭފުޅުން ޖެހިލުންވެފަ، ނޫނީ އާއިލާގެ ކުދިންނަށްޓަކައި ނުވަތަ އެމީހުންގެ ފިރިން އާމްދަނީ ހޯދުމަށްޓަކައި ކުރާ މަސައްކަތްތަކަށް ރައްކާތެރިކުރުމަށްޓަކައި ތިއްބެވީ، ނުތިބެ ކުރިމަތިލާ މީހުންނަށް ވަމުންދާ ގޮތް އެބަ ފެނޭ، ވަރަށް ގިނަ މީހުން ޖަލަށްލާ ތަން ފެނުނީ،" ދުންޔާ ވިދާޅުވި އެވެ.

"އެ ހަގީގަތް އެހެން އޮތްއިރު އަޅުގަނޑަށް އިހްސާސް ކުރެވުނީ އަޅުގަނޑުގެ ޒިންމާތަކެއް އެބަ ހުއްޓޭ، ދަރިންނަށް، މައިންބަފައިންނަށް، ހާއްސަކޮށް އަޅުގަނޑުގެ ފިރިމީހާއަށް، އެހެންވެ އަޅުގަނޑު ތަންކޮޅެއް ފަހަތަށް ޖެހިލާފަ، އެކަމަކު އަޅުގަނޑު ހުރީ އާއިލާއާއެކު، އެކަމަށް ޔުމްނާ ވެސް ފާރިސް ވެސް އަދި އަޅުގަނޑު މަންމަ ވެސް ހެކިވާނެ، އަޅުގަނޑަށް ދެވެން އޮތް ގޮތަކުން ހަމަ ސަޕޯޓް ދެމުން ދިޔައީ، އެ ހުރިހާ ޕެއިންއެއް އަޅުގަނޑަށް ފީލްވާނެ،"

ކުރީގެ ފޮރިން މިނިސްޓަރު ކަންވެސް ކުރެއްވި ދުންޔާ ވިދާޅުވި ގޮތުގައި، ރާއްޖެއަށް ވަޑައިނުގަންނަވާ ބޭރުގައި ދުވަސްތަކު ހުންނެވި ކަމަށާއި އެ ދުވަސްތަކުގައި ތަފާތު އިހުސާސްތަކެއް ކުރެވުނު ކަމަށެވެ. އަނބުރާ ގައުމަށް ނުދެވިދާނެ ކަމުގެ ބިރު އޭރު އޮތް ކަމަށެވެ. މައިންބަފައިން ދުށުމުގެ ނަސީބު ދެން ނުލިބިދާނެ ކަމަށް ވެސް ހީވި ކަމަށް ދުންޔާ ވިދާޅުވި އެވެ. އޭރު ޔުމްނާ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓާފައި އޮވެ، މާލެއިން ބޭރުވެވެން ނެތް ކަމާއި އޭނާ ބޭރުގައި ރާއްޖެ ނާދެވިފަ ހުންނަން ޖެހުނު ހާލަތްވީ ވަރަށް ފުން އަސަރުތަކެއް ކުރެވުނު ހާލަތަކަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އޭރު ހިތަށް އެރީ ބައްޕައަށް ވެސް އަދި މި މަގުސަދު ހާސިލްކުރަން ވެސް މަސައްކަތް ކުރެވޭނީ އަޅުގަނޑު ބޭރުގައި ހުރެގެންނޭ، ރާއްޖޭގައި ހުރިއްޔާ އަޅުގަނޑު ވޮއިސް އެކީ ސައިލެންސް ވާނެ، ބޭރު ދުނިޔެއަކަށް ހަބަރެއް ވެސް ނުކުރެވޭނެ، ވަރަށް ބިރުވެރިކޮށް ދިޔަ ދުވަސްތަކެއް އެއީ، ހާއްސަކޮށް ވޯޓުލީ ދުވަސް،" ދުންޔާ ވިދާޅުވި އެވެ.