ހަބަރު

ރަނިލް ވަކިކޮށް ލަންކާގެ ބޮޑު ވަޒީރުކަމަށް ރާޖަޕަކްސަ

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އެގައުމުގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ ހުންނެވި ރަނިލް ވިކްރަމް މާގަމުން ދުރުކޮށް އެމަގާމަށް ރާޖަ ޕަކްސާ އައްޔަންކޮށް ހުވާ ކުރައްވާފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. ރާޖަޕަކްސާ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވަނީ ޕްރެޒިޑެންޝަލް ސެކްރެޓޭރިއޭޓްގައި އެވެ. ހުވާ ކުރައްވާފައިވަނީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ކުރިފުޅުމަތީގަ އެވެ.

ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވަނީ ލަންކާގައި ވެރިކަން ކުރަމުން އައި ޔޫއެންޕީ، ޔޫޕީއެފްއޭ ކޯލިޝަނުން ޔޫޕީއެފްއޭ ވަކިވެފައިވާކަމަށް އެކޯލިޝަންގެ ސެކްރެޓަރީ ޖެނެރަލް އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރު މަހިންދަ އަމަރަވީމަ ލަންކާގެ މީޑިއާތަކަށް ޔަގީންކޮށްދިންތާ މާގިނައިރު ތަކެއް ނުވަނީސް އެވެ.

ރާޖަޕަކްސާގެ ޕާޓީ އަކީ އެސްއެލްފީޕީ އެވެ. އޭނާގެ ޕާޓީން ވަނީ މިއަހަރު ކުރީކޮޅު އެގައުމުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު ކާމިޔާބީއެއްވެސް ހޯއްދަވާފަ އެވެ.

ރަނިލް އެގައުމުގެ ބޮޑު ވަޒީރުކަމާއި ހަވާލުވެލެއްވީ 2015 ވަނަ އަހަރު އެވެ. އޭނާ އަށް ސަރުކާރު މެޖޯރިޓީ ގެއްލި، މިއަހަރު ވަނީ އޭނާ އާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއްވެސް ނަގާފަ އެވެ. ނަމަވެސް އެ ވޯޓް ކާމިޔާބެއްނުވި އެވެ.