ސްރީލަންކާގެ ބޮޑު ވަޒީރަކީ އަދިވެސް ރަނިލް ވިކްރަމަ ސިންހަ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އޭނާ މިގޮތަށް ވިދާޅުވެފައިވަނީ ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އެގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމާއި ގުޅިގެންނެވެ.
ލަންކާގެ ނޫހަކަށްދެއްވި އިންޓަވިއުއެއްގައި ރަނިލް ވިދާޅުވީ، އޭނާ އަކީ އަދިވެސް އެގައުމުގެ ބޮޑު ވަޒީރު ކަމަށާއި ރާޖަޕަކްސާއަށް ބޮޑު ވަޒީރުކަން ހަވާލުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށެވެ. އަދިވެސް މެޖޯރިޓީ އޮތީ އޭނާގެ އަތުގައި ކަމަށާއި ބޮޑުވަޒީރު ކަމުގެ ޒިންމާ އަދާ ކުރުންމަތީ ދެމިހުންނާނެ ކަމަށްވެސް ރަނިލް ވިދާޅުވި އެވެ.
ލަންކާގެ ބޮޑުވަޒީރު ކަމުގެ ހުންނެވި ރަނިލް މާގަމުން ދުރުކޮށް އެމަގާމަށް ރާޖަ ޕަކްސާ އައްޔަންކޮށް ހުވާ ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ. ރާޖަޕަކްސާ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވަނީ ޕްރެޒިޑެންޝަލް ސެކްރެޓޭރިއޭޓްގައި އެވެ. ހުވާ ކުރައްވާފައިވަނީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ކުރިފުޅުމަތީގަ އެވެ.
ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވަނީ ލަންކާގައި ވެރިކަން ކުރަމުން އައި ޔޫއެންޕީ، ޔޫޕީއެފްއޭ ކޯލިޝަނުން ޔޫޕީއެފްއޭ ވަކިވެފައިވާކަމަށް އެކޯލިޝަންގެ ސެކްރެޓަރީ ޖެނެރަލް އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރު މަހިންދަ އަމަރަވީމަ ލަންކާގެ މީޑިއާތަކަށް ޔަގީންކޮށްދިންތާ މާގިނައިރު ތަކެއް ނުވަނީސް އެވެ.
ރާޖަޕަކްސާ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމާއި ގުޅިގެން ރަނިލް ސަރުކާރުގެ މިނިސްޓަރުން ދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އެގައުމުގެ ފިނޭންސް މިނިސްޓަރު މަންގާލާ ސަމަރްވީރާ ޓްވީޓް ކުރައްވައި ވިދާޅުވީ، ރާޖަޕަކްސާއަށް ބޮޑުވަޒީރުކަން ހަވާލުކޮށްފައިވަނީ ގާނޫނާ ގަވާއިދާއި ހިލާފަށް ކަމަށެވެ. އަދި އެއީ ޑިމޮކްރަސީއާ ހިލާފަށް ގެނައި ބަޣާވާތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަނިލް އެގައުމުގެ ބޮޑު ވަޒީރުކަމާއި ހަވާލުވެލެއްވީ 2015 ވަނަ އަހަރު އެވެ. އޭނާ އަށް ސަރުކާރު މެޖޯރިޓީ ގެއްލި، މިއަހަރު ވަނީ އޭނާ އާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއްވެސް ނަގާފަ އެވެ. ނަމަވެސް އެ ވޯޓް ކާމިޔާބެއްނުވި އެވެ.