ވިޔަފާރި

ސަތޭކަ އެމްބީ ސްޕީޑުގައި އުރީދޫ ސުޕަނެޓު މުޅި އައްޑުއަށް

ސަތޭކަ އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫ އިން މި އުފާވެރި ހަބަރު އިއުލާންކޮށްފައިވަނީ، އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު، އުރީދޫގެ ސީއީއޯ ނަޖީބް ޙާން، ސީސީއޯ ބާލާޖީ ސްރިނިވާސަން އަދި ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒުގެ ބައިވެރިވުމާއި އެކު، އައްޑޫގައި މިއަދު ބޭއްވުނު ހާއްސަ ހަފްލާއެއްގަ އެވެ.

މި ހިދުމަތާބެހޭ ގޮތުން އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން މަގުފަހިކޮށްދިނުމުގައި ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ކުޅެމުންދާ މުހިއްމު ދައުރު އަޅުގަނޑުމެންނަށް މި ދަނީ ފެންނަމުން ކަމަށެވެ.

"ފިކްސްޑް އިންޓަނެޓްގެ ލައިސަންސް ލިބުމާއި އެކު، އަޅުގަނޑުމެންނަށް އެންމެ މުހިއްމު އެއް އަމާޒަކަށް ވެގެންދިޔައީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް. މިއަދު، އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައިވެސް ރާއްޖޭގެ އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް،" ނަޖީބު ވިދާޅުވި އެވެ.

މުޅި ރާއްޖެ އަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތައާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައިސްފައިވާ މި އުފާވެރި ދުވަހުގެ މުނާސަބަތުގައި، އެ ކުންފުނިން ވަނީ ސުޕަރނެޓް ހިޔާރު ކުރަށްވާ އައްޑޫ ސިޓީގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފަ އެއް ތައާރަފް ކޮށްފަ އެވެ. ހަމައެހެންމެ އައްޑޫގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް އެކްޓިވޭޝަން ފީ އެއް ނުވަތަ ޑެޕޮސިޓެއް ނުހިމެނުމަށްވަނީ ހަމަޖައްސާފަ އެވެ.

ދޭއް އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެ އެވެ. ހަމައެހެންމެ މި ޕެކޭޖުތަށް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފަ އެވެ. މި ހިދުމަތާއި އެކު، އައްޑޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. ސުޕަރނެޓްގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފަ އެވެ.