ހަބަރު

މަހުލޫފް އެމްޑީޕީއަށް ގުޅެން އުޅޭ ކަމުގެ އިޝާރާތެއް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އެމްޑީޕީއަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ.

މަހުލޫފް އަކީ 2015 ވަނަ އަހަރުގެ ޕީޕީއެމްއިން، އޭނާ އެޕާޓީގެ މެންބަރުކަމުން ވަކިކުރި ހިސާބުން މިހާތަނަށް، އަމިއްލަ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީސް ގައި ތަމްސީލުކުރައްވާ މެންބަރެކެވެ. ޕީޕީއެމުން މަހުލޫފް ވަކިކުރަން ނިންމީ، އެ ޕާޓީގެ އިންތިހާބީ ރައީސް މައުމޫން އަބްދުލްގައްޔޫމާ މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ އަގުވެއްޓޭ ގޮތަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ވާހަކަ ދެއްކެވި ކަމަށް މަހުލޫފްގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެންނެވެ. ޕީޕީއެމުން ވަކިވުމަށްފަހު މަހުލޫފް މިއަދާ ހަމައަށް ވެސް ގެންދަވަނީ އިދިކޮޅު އިއްތިހާދުގެ އިސް ސަފުގައި އަމިއްލަ ގޮތުން ހަރަކާތެރިވަމުންނެވެ.

މަހުލޫފް އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ގަދަވެފައިމިވަނީ އޭނާ މިއަދު ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ. އޭނާގެ ޓުވީޓުގައި، ކުލަ އަކީ ކޮން ކުލައެއްތޯ ސުވާލެއް ކުރައްވައި، ކުލަ އަކީ ރީނދޫ ކުލަ ކަމަށް ވިދާޅުވެފައިވެ އެވެ. އެއާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ދަނީ މަހޭގެ ޓުވީޓު ރީޓުވީޓްކޮށް އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

މަހުލޫފް މިރޭ ކުރެއްވި ޓުވީޓް--

މިއީ މަހުލޫފް އެމްޑީޕީއާ ގުޅެން އުޅޭ ކަމުގެ އިޝާރާތެއް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

"އެމްޑީޕީގެ ބިޔަ ލަޝްކަރު މަނިކުފާނަށް މަރުހަބާކިޔަން މިތިބީ ތައްޔާރަށް،" މަހުލޫފްގެ ޓުވީޓަށް ކޮމެންޓު ކުރި މީހަކު މަރުހަބާގައި ލިޔެފައިވެ އެވެ. އޭނާގެ ޓުވީޓަށް އެމްޑީޕީއާއި އިދިކޮޅު ފިކުރަށް ތާއީދުކުރާ އެތައް ބަޔަކު ދަނީ ތައުރީފު އޮއްސަމުންނެވެ.