ރައްޔިތުންގެ މަޖިލިސް

ބޮޑު ބައްޔަކަށް ފަހު، ޔާމީންގެ ސިޔާސީ ހަޔާތް ކަފުންވަނީ؟!

ބާރާއި ނުފޫޒު އޭގެ އެންމެ ފުރިހަމަ މިނުގައި އޮތް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅުން ފަހަރަކު ކަމެއް ފަހަރަކު ބާރެއް ދަނީ ދޫވެ ގެއްލެމުން އެވެ. އިންތިހާބުގެ ބޮޑު ބައްޔާއެކު، އެކަން އަނެއް އަތަށް އަނބުރާލަން ކުރި މަސައްކަތް ކޯޓްގެ ތެރެއިން ވެސް އެމަނިކުފާނަށް ކާމިޔާބެއް ނުވި އެވެ. މުއައްސަސާތައް އަތުން ވީއްލިގެން ދިޔައިރު ސިޔާސީ "ހައްޔަރީންގެ" ގޮތުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް "މިނިވަންވެ" މިއަދަކީ ވެސް ރައީސް ޔާމީންގެ ސިޔާސީ ހަޔާތް އިތުރަށް ނިކަމެތިވެގެންދާނެ ދުވަހެކެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ކިތަންމެ ކުޑަ މިންވަރެއްގެ ބިރެއް އިހްސާސްވި ނަމަވެސް އެ ބިރެއް ރައީސް ޔާމީން ނެތިކޮށްލަމުން ދިޔައީ އޮބި އަޅުވައި ބާރުގެ ބޭނުންކޮށްގެންނެވެ. އެ ކަންކަން ހާސިލް ކުރައްވަން މުއައްސަސާތަކާއި ޝަރުއީ ކޯޓުތަކާއި ރައްޔިތުންގެ މަޖިލީހުގެ ބޭނުން ވަރަށް ރަނގަޅަށް ހިއްޕެވި އެވެ. ސިޔާސީ ގޮތުން ނެގި ކޮންމެ ރާޅެއް އެމަނިކުފާނު މައިތިކުރީ އެތަންތަނުގެ އެހީގަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް ރައްޔިތުންގެ މަޖިލިސް ސިފައިންގެ އަތް ދަށުލި އެވެ. މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލައި އެހެން މެންބަރުންނަށް "ސައިޒް" ދައްކާލި އެވެ. ޕީޕީއެމް ކޯޓު ތެރެއިން އަތުލައި ބޭބޭފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމް "މަގުމަތިކޮށްލި" އެވެ.

"ރައީސް އެއް ދުވަހު ވިދާޅުވި އެމަނިކުފާނަށް ގައިގާ ޖެހި މީހަކަށް އެމަނިކުފާނު ވެސް ތަދުކޮށްލާނަމޭ، އެއީ އިންޒާރެއް، ކުރާނީ ކޮން ފަދަ ކަމެއް ކަމެއް ނޭނގޭ، މަޖިލިސް ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުން އޭރު ބައެއް މެންބަރުންގެ ސޮއި އަނބުރާ ގެންދިޔައީ ވެސް ރައީސް އިސް ކުރެއްވި ކޯފާގެ ސަބަބުން،" ޕީޕީއެމްގެ މެންބަރަކު ވިދާޅުވި އެވެ.

އެކަމަކު އެ ބިރާއި ސައިޒް މިހާރު ވަނީ އެނބުރިފަ އެވެ. މެންބަރުންގެ ގައިން ނެއްޓި، އެ މިސްރާބު ޖެހީ ރައީސް ޔާމީނާ ދިމާލަށެވެ. ރައްޔިތުން، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ބުނި ނޫނެކޭއާއެކު ކަންކަން އެނބުރި ރައީސް ޔާމީންގެ މުށު ތެރޭގައި ހުރި މުއައްސަސާތައް ވަނީ ދޫވެގެން ގޮސްފަ އެވެ. ހާއްސަކޮށް ޝަރުއީ ދާއިރާއަށް ބޮޑު ބަދަލެއް ރިޔާސީ އިންތިހާބަށްފަހު ވަނީ އައިސްފަ އެވެ. ސަރުކާރުން ބޭނުންވި ގޮތަށް އިޖުރާއަތްތަކާ ހިލާފަށް ޝަރީއަތްތައް ހިންގާފައިވާކަން މިހާރު ދަނީ ހަމާވަމުންނެވެ. ޕީޕީއެމް ކޯޓުން ރައީސް ޔާމީން ހޯއްދެވި ގޮތަށް ޕާޓީ އަލުން ރައީސް މައުމޫންގެ އަތްޕުޅަށް ކޯޓުން ދާން އުޅޭ މަންޒަރު ދަނީ ފެންނަމުންނެވެ. ރައްޔިތުންގެ މަޖިލިސްގެ އަޅުވާފައި ހުރި ކަސްދޮޅުތައް ނެއްޓި "ވީއްލެނީ" އެވެ.

އިދިކޮޅުން ތައްޔާރުކުރި މުހިންމު ދެ ގަރާރެއްގައި ރައީސް ޔާމީންގެ 13 މެންބަރަކު ވަނީ ސޮއި ކުރައްވާފަ އެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ އިތުރުން ރައީސް ޔާމީންގެ އެންމެ ވާދަވެރި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ގޮވާލާ ގަރާރުގައި ވެސް އެ މެންބަރުން ވަނީ ސޮއި ކުރައްވާފަ އެވެ. ރައީސް ޔާމީން އިސް ކުރައްވާނެ ކޯފާއަކަށް އެ މެންބަރުން މިފަހަރު ނުބެއްލެވި އެވެ. ކޯފާ އިސް ވެސް ކުރެއްވި އެވެ. އެކަމަކު މިފަހަރު އަދި ސޮއި އަނބުރާ ގެންދާނެ މެންބަރަކު ވެސް ނުވެ އެވެ.

އެއާއެކު، ރައީސް ޔާމީންގެ މިހާރުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވެސް ވަނީ އިދިކޮޅުން ވެއްދި މައްސަލަތަކާއެކު ޖަލްސާ ފެށުމަށް ތައްޔާރުވެފަ އެވެ. އަބުރުގެ ގާނޫނު އުވާލަން ވެސް އިދިކޮޅުން ވައްދާފައިވާއިރު އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. ސަރުކާރަށް މަދު ދުވަސްކޮޅަކަށްވެފައިވާއިރު، ސަރުކާރާ ދެކޮޅަށް މަޖިލީހަށް ވަތް މި މައްސަލަތަކާމެދު ޕީޕީއެމްއިން ވަރުގަދަ ސްޑޭންޓެއް ނެރޭނެ ކަމަށް ވަރަށް ބޮޑަށް ބެލުވުނެވެ. ނަމަވެސް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމަށްފަހު ނެރެފައިވަނީ ފްރީ ވިޕެކެވެ. އެ ޕާޓީގެ މެންބަރުންނަށް ބޭނުން ގޮތަކަށް މިއަދު ވޯޓު ލެވޭނެ އެވެ. ސަރުކާރާ ދެކޮޅަށް ވޯޓު ލިޔަސް އެއްވެސް މެންބަރަކު "ކުށްވެރި" ނުވާނެ އެވެ.

މިހާ ހިސާބަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ނިންމުންތައް ގޮސްފައިވާއިރު، ރައީސް ޔާމީންގެ ފުލް ކޮންޓޯލް ރައްޔިތުންގެ މަޖިލީހުން ގެއްލިފައިވާކަން އެއީ ޔަގީންވާ ކަމެކެވެ. ސުވާލަކީ ރައީސް ޔާމީން "ކަފުންވީ" ހެއްޔެވެ؟

"ރައީސް ޔާމީންގެ ހަތަރެސް ފައިގައި މިހާރު ވެސް އެ ހުރީ ކަސްތޮޅު އެޅުވިފަ ރައްޔިތުންގެ ވޯޓާއެކު، ބާރުތައް މުށު ތެރެއިން އެ ވަނީ ގޮސްފަ، ރައްޔިތުންގެ މަޖިލިސް އޭގެ އަސްލު ގޮތުގައި ހިނގަން ފެށުމާއެކު ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ކަފުން ވެގެން ދާނެ،" ކުރީގައި ޕީޕީއެމްގައި ހުންނެވި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވި އެވެ.

އަމީތު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ މަޖިލިސް އޭގެ އަސްލު މިނިވަންކަމާއެކު ހިނގައިގަނެ މަޖިލީހުގެ ކޮމެޓީތައް އަލހުން އަތުރާލެވި، ފުރިހަމަ ނިޒާމްގެ ތެރެއިން މަޖިލީހުގެ މަސައްކަތްތައް ބައްޓަން ވެގެން ދިޔުމުން ރައީސް ޔާމީންނަށް އިންސާފަށް "ފިއްލަވައިގެން" ނޫޅެވޭނެ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ "ޖަރީމާ"ތަކާއި ކޮރަޕްޝަނާއި ފަސާދަތައް މަޖިލީހުގެ ކޮމެޓީތަކުން ބަލާނެ އެވެ. މުއައްސަސާތައް ޖަވާބުދާރީކުރުވައި ފިޔަވަޅުތައް ވެސް އަޅާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ އެހެން ބައެއް މެންބަރުން ވެސް ނަން ހާމަނުކޮށް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ނިމުނީ އެވެ. އޭގައި ސިއްކަ ޖެހެނީ އެވެ. އެމަނިކުފާނާއެކު ކުރިއަށް ދާނެ އެއްވެސް މީހަކު ދެން ނުފެންނާނެ އެވެ.

"އެންމެން ބަލާތި!! ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއް ނުތިބޭނެ ރައީސް ޔާމީންއާއެކު، އެންމެ ގިނަ ވެގެން ވެސް ތިބޭނީ ހަތަރު މެންބަރުން، އެ މެންބަރުން ވެސް ތިބޭނީ ޕީޕީއެމްގެ ބާރުތަކާމެދު ކޯޓުން ގޮތެއް ނިމެންދެން،" މެންބަރަކު ވިދާޅުވި އެވެ.

އެހެން މެންބަރަކު ފާހަގަ ކުރެއްވި ގޮތުގައި ރައީސް ޔާމީން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ "އަން ޕޮޕިއުލާ" އެއް ބޭފުޅާ އެވެ. ރައީސް ޔާމީނަށް ދެން ސިޔާސީ މައިދާނުގައި އެ ހުންނެވި ހިސާބަށް ވަޑައިގެންނެވުމަކީ ނާދިރު ކަމެކެވެ. ރިޔާސީ އިންތިހާބެއްގައި ވާދަކޮށްލެވޭނެ ވަރު ވެސް ރައީސް ޔާމީނަށް ދެން ނުވާނެ ކަމަށް އެ މެންބަރު ލަފާކުރައްވަ އެވެ.

ރައީސް ޔާމީން ސިޔާސީ ގޮތުން ނިކަމެއްޗަކަށްވީ ސަބަބު އެ މެންބަރު ކިޔައިދެއްވީ މިހެން އެވެ؛ "ރައީސް ޔާމީންއަށް އިހްލާސްތެރި، ވަފާތެރިވާނެ ބޭފުޅުން ކުރީ ދުރު، ގާތްކުރީ މަގުމަތިން ފެނުނު ސިޔާސީ ގޮތުން އޮށްޓަރެއް ނެތް ތައުލީމެއް ތަޖުރިބާއެއް ނެތް ގާބިލް ބައެއް ނޫން، އެމީހުން ރައީސް ޔާމީނަށް މަންޒަރު ދެއްކީ އޮޅުވާލާފަ، އިންތިހާބުގައި 80 ޕަސެންޓް ލިބޭނެ ކަމަށް ބުނެ ދޮގު ރިޕޯޓް ގެންގޮސް ދިން،"

"އެމަނިކުފާނުގެ އިހްލާސްތެރިންގެ އަޑެއް ނޭހިތާ ގެންގޮސްލީ ޖަލަށް، ހެޔޮ އެދުނު މީހުންނަށް ކުރީ ތުހުމަތުތައް، އެއް ބަޔަކު ބޭރަށް ދާން މަޖުބޫރުވި،"

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ބާރުތައް ގެއްލި ވެރިކަމުން ފޭބުމުން އެމަނިކުފާނުގެ ފަހަތަށް އަރާނެ މީހަކު ނުވާނެ އެވެ. އެންމެ ކައިރިކޮށް ގެންގުޅުނު މީހުން ވެސް ދެން ނުތިބޭނެ އެވެ.

"މީހަކު ނުތިބޭނޭނުން؟ ވެރިކަމުގައި ހުރެ ކަމެއް ނުކޮށްދިންއިރު ވެރިކަމުން ފައިބާފަ ވަކި ކޮން ކަމެއް ކޮށް ދޭނީ، ވަރަށް ސާފުކޮށް ތިލަކޮށް މި ބުނީ،" އެ މެންބަރު ވިދާޅުވި އެވެ.

ޕީޕީއެމްގައި މިހާރު ވެސް ހުންނެވި މެންބަރު ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން މީހެއްގެ ފަހަތުން ބަޔަކު ދަނީ އެމީހެއްގެ ސިފަތަކެއް ހުރެގެންނެވެ. އެއީ އޯގާތެރިކަމާއި އިހްސާންތެރިކަން ހުރެ ވަރުގަދަ ލީޑަޝިޕެއް ހުރި މީހަކަށް ވާން ޖެހެ އެވެ. ރައީސް ޔާމީނަކީ އެ ސިފަތައް ނެތް ސިޔާސީ ލީޑަރަކަށް ކުފޫ ހަމަނުވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިންނަކީ ވަރަށް ފާޑެއްގެ ބައެއް، އެމީހުން ކޮންމެ ހާލެއްގަ އުޅެން ޖެހުނަސް އަނިޔާވެރިކަމަށް ސަޕޯޓެއް ނުކުރާނެ، އިހްސާންތެރިވާނެ، ހަމްދަރުދީވާނެ، އެފަދަ މާތް ސިފައެއް ރައީސް ޔާމީންގެ ފަރާތުން ނުފެނި އަނިޔާވެރިކަން އިހްސާސްވާނަމަ ރައްޔިތެއްގެ އެހީއެއް ނުލިބޭނެ،" މެންބަރު ވިދާޅުވި އެވެ.

"މީހަކަށް ހަމްދަރުދީނުވިއިރު އިންތިހާބު ގާތްވެފައިވަނިކޮށް ރައީސް ޖަލްސާތަކުގައި ދެއްކި ވާހަކައިން މީހުން ގަތީ އިތުރަށް ބިރު، ކުރަން ފެށީ އިތުރަށް ނަފްރަތު، ވިދާޅުވި އަސްލު ސިފަ ފެންނާނީ އިންތިހާބަށްފަހު، ހަމަ ތެދަށް މި ބުނަނީ އެކަމާ ބިރު ނުގަތް އެންމެ މަޖިލިސް މެންބަރަކު ވެސް ނުހުންނާނެ، އޭރު ވެސް އެތައް ބަޔަކު ތިބީ ޖަލުގަ، ވާނެ ގޮތާމެދު ހުރިހާ މެންބަރުން ވެސް ޖެހިލުންވި،"

ނަން ހާމަނުކޮށް ވާހަކަ ދެއްކެވި އިތުރު މެންބަރަކު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ނިކަމެތިވުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭނީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ. ކެމްޕެއިން މުށު ތެރެއަށް ލައްވައިގެން ފާތުން މަސައްކަތް ކުރެއްވި ކަމަށާއި މަޖިލިސް މެންބަރުން ކެމްޕެއިން ދުވަސްވަރު ބޭތިއްބީ ވަރަށް ބޮޑަށް ބާކީކޮށްފަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދާއިރާގެ މެންބަރު ނުހިމަނާ ކޮމެޓީތަކެއް ހަދައި އެ ކޮމެޓީގެ ކޯޑިނޭޓަރުން މެޑަމްއަށް ރިޕޯޓް ކުރާ ގޮތަށް މުޅި ކެމްޕެއިން ބައްޓަންކުރީ، މެންބަރުން އުޅޭނީ 2019 އަށް ކަމަށް ބުނެ މެންބަރުން ގެންގޮސްލީ ގުޅުން ނެތް ދާއިރާތަކަށް، އެންމެ ދެރަވެގެން އިންތިހާބީ މަރުކަޒުތަކަށް ވަންނަން ފާސްގަނޑެއްހާ ހިސާބު ވެސް ނުދިން،" އޭނާ ވިދާޅުވި އެވެ.

"ޕާޓީ އާއި މެންބަރުން ބޭނުންވި ގޮތާއި ހިޔާލު އެއްކައިރިކޮށް އިސް ކުރެއްވީ ރައީސްގެ ދެކަނބަލުންގެ ހިޔާލާއި ގޮތް، އެ ހާލު ޖެހުނީ އެހެންވެ، ދެން ކުރިމަގެއް ނެތް، އެއްކޮށް ބަންދު، މި ޖެހެނީ ދެކަނބަލުންގެ ސިޔާސީ ހަޔާތުގައި ސިއްކަ،"

ރައީސް ޔާމީން ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަންނަވަން ކޮއްޓަވަމުން ގެންދެވި މަގުތައް ގޯސްވެ، ފޯރީ ބޮޑު އަނދަވަޅަކާ ހަމައަށެވެ. އެ އަނދަވަޅުން ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ގާތުގައި ތިއްބެވި ބޭފުޅުން ވެސް ވިދާޅުވާއިރު މިއީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ކަފުންވީ ކަމަށް ބެލެވެ އެވެ. އެ ވަޅުގަނޑުން އެރުމުގެ ހިތްވަރު އެމަނިކުފާނުގެ ހުންނެވިނަމަ ސާބަހެވެ!