ދުނިޔެ

އިންޑިއާ ޓީވީ ޗެނަލްތައް ޕާކިސްތާނުގައި ދެއްކުން މަނާކޮށްފި

Oct 28, 2018

އިސްލާމްއާބާދު (އޮކްޓޯބަރު 27) - އިންޑިއާގެ ޓީވީ ޗެނަލްތައް ޕާކިސްތާނުގައި ދެއްކުން އަނެއްކާވެސް މަނާކޮށްފި އެވެ.

ދަށު ކޯޓަކުން ކޮށްފައިވާ ހުކުމެއް ބާތިލުކޮށް، ޕާކިސްތާނުގެ ސުޕްރީމު ކޯޓުން ކުރި ހުކުމެއްގައި ބުނެފައިވަނީ، އަވަށްޓެރި އިންޑިއާގެ ޓީވީ ޗެނަލްތައް ދެއްކުން އަލުން މަނާކުރީ، ހިމާލަޔާ ފަރުބަދައިން އުފެދިފައިވާ ކޯރުތަކުގެ ފެން ޕާކިސްތާނަށް ދައުރުވިޔަ ނުދިނުމަށް އިންޑިއާ އިން ގަސްދުގައި މަސައްކަތް ކުރާކަމަށެވެ.

"ކޯރުތަކުގެ ފެން ޕާކިސްތާނަށް ދައުރުވުން ހުއްޓުވަން އިންޑިއާ އިން މަސައްކަތް ކުރޭ، އެހެންވީމަ އަހަރެމެން އެމީހުންގެ ޓީވީ ޗެނަލްތައް ދެއްކުން މަނާނުކުރަންވީ ސަބަބެއް ނެތް،" ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު ސަގީބު ނިސާރު ވިދާޅުވިކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ޕާކިސްތާނުގެ 80 ޕަސަންޓް ދަނޑުވެރި ބިންތައް ބަރޯސާވަނީ، އިންޑިއާގެ ހިމާލަޔާ ފަރުބަދައިން އުފެދޭ ކޯރުތަކަށެވެ.

އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުން އެންމެ ފުރަތަމަ މަނާކުރީ 1965 ގެ ދެގައުމުގެ ހަނގުރާމަ އާއި ގުޅިގެންނެވެ.

ނަމަވެސް، 2008 ވަނަ އަހަރު އެ ނިންމުން ބަދަލުކުރި ނަމަވެސް، ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން ބޮޑުވާ ދަނޑިވަޅުތަކުގައި، ދޭތެރެ ދޭތެރެއިން އިންޑިއާގެ ފިލްމުތައް ދެއްކުން މަނާކުރެ އެވެ.