ކޮލޮމްބޯ (އޮކްޓޯބަރު 27) - ސްރީލަންކާގެ ބޮޑު ވަޒީރުކަމުން ވަކިކޮށްފައިވާތީ، ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު އާދިއްތަ ދުވަހު ދޫކުރެއްވުމަށް ރަނިލް ވިކްރަމަސިންހައަށް އަންގައިފި އެވެ.
ރަނިލް ލަންކާގެ ބޮޑުވަޒީރު ކަމުން ވަކިވެފައިވާ ކަމަށް ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ހުކުރު ދުވަހު ވަނީ ނިންމަވާފަ އެވެ. އަދި އާ ބޮޑުވަޒީރަކީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ކަަމަށް ވެސް ސިރިސޭނާ ވަނީ ނިންމަވާފައެވެ. ނަމަވެސް ރަނިލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އޭނާއަކީ އަދިވެސް ބޮޑުވަޒީރު ކަމަށެވެ. އަދި ބޮޑުވަޒީރު ހުންނެވުމަށް ހާއްސަކޮށްފައި ހުންނަަ ގެކޮޅު ދޫކުރައްވައި ވަޑައިގަތުމާ އޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ.
މަޖިލީސް މެމްބަރެއް ކަމުގައި ވިމާލް ވީރަވަންސަ ވިދާޅުވީ، އިއްޒަތްތެރިކަމާއެކު އާދީއްތަ ދުވަހު ހެނދުނު 8.00 ގެ ކުރިން ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު "ޓެމްޕަލް ޓްރީސް" ހުސްކުރައްވައި ވަޑައިގެންނެވުމަށް ރަނިލް އަށް އަންގާފައިވާ ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހައްދަވާނަމަ، ރާޖަޕަކްސަގެ ސަޕޯޓަރުން އިމާރަތަށް ވަންނަނޭކަމަށް ވިދާޅުވެ، ވީރަވަންސަ ވަނީ ނުސީދާކޮށް ރަނިލް އަށް އިންޒާރު ދެއްވައިފަ އެވެ.
ސިރިސޭނާ ވަނީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް ލަންކާ ޕާލަމެންޓް ސަސްޕެންޑްކުރައްވާފަ އެވެ. ނަމަވެސް، މަޖިލީހުގެ ތާއީދު އޮތްކަން ކަށަަވަރުކުރުމަށް ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް ރަނިލް ވިކްރަމަސިންހައަށް ވަނީ ގޮވާލައްވައިފަ އެވެ.
ލަންކާގައި ސިޔާސީ ގޮތުން މިފަދަ ނުތަނަވަސްކަމެއް އުފެދިފައި ވާތީ ހުރިހާ ފަރާތަކުން ވެސް ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ގޮވާލާފަ އެވެ. ލަންކާގައި ހުންނަވާ އީޔޫގެ ސަފީރު ހޮނިހިރުދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިނިވަން މުއައްސަސާތަކަށް އިހުތިރާމްކުރުމަށާއި ހަމަނުޖެހުމުން ދުރުހެލިވެ ތިބުމަށް ލަންކާގެ ހުރިހާ ފަރާތްތަކަށް ވެސް ގޮވާލައްވާ ކަމަށެވެ.
ލަންކާގެ ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ މައި ދެޕާޓީ ކަމަށްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އާއި ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އާ ދެމެދު ކޯޅުމެއް ފެށުނީ އިންޑިއާ ކުންފުންޏަކާއި ޖަޕާނުގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާ ލަންކާގެ ކޮންޓެއިނާ ޓާމިނަލްއެއް ހަވާލުކުރުމުގެ މައްސަލައިގަ އެވެ. ޔޫއެންޕީއަކީ ރަނިލް އިސްކޮށް ހުންނަވާ ޕާޓީ އެވެ. އަދި އެސްއެލްއެފްޕީއަކީ ސިރިސޭނާގެ ޕާޓީ އެވެ.