ވިޔަފާރި

ދައުލަތުގެ ހަރަދަށް ތިން ބިލިއަން ރުފިޔާ އިތުރުވެއްޖެ

މި އަހަރު ފުރަތަމަ ހަ މަހު ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް، ޖުމްލަ ހަރަދު އޭގެ ކުރީއަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.1 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭއިން ނެރޭ، ކުއާޓްލީ އިކޮނޮމިކް ބްލެޓިން ރިޕޯޓްގައި ހިމަނާފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި ދައުލަތުގެ ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު ވަނީ އިތުރުވެފަ އެވެ. ރިކަރަންޓް ހަރަދު އިތުރުވެގެން ދިޔުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ އިދާރީ އަދި ހިންގުމުގެ ހަރަދުތައް މިއަހަރުގެ ތެރޭގައި މައްޗަށް ދިޔުމެވެ. ކެޕިޓަލް ހަރަދު އިތުރުވީ، ތަރައްގީގެ މަޝްރޫއުތަކަށް ކޮށްފައިވާ ހޭދަ އިތުރުވުމުން އެވެ. އެގޮތުން 3.1 ބިލިއަން ރުފިޔާ ދައުލަތުގެ ހަރަދަށް ވަނީ އިތުރުވެފަ އެވެ.

ދައުލަތުގެ އާމްދަނީ ވެސް މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި ވަނީ އިތުރުވެފަ އެވެ. އެގޮތުން އާމްދަނީއަށް 760.1 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ އިތުރުވެފައިވަނީ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން އެވެ.

އެމްއެމްއޭ އިން ބުނީ މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގައި ބަޖެޓް ޑެފިސިޓް މައިގަނޑުގޮތެއްގައި
ފައިނޭންސްކޮށްފައިވަނީ ދަރަންޏަށް ބޭރުން ފައިސާ ނަގައިގެން އެވެ.