ހަބަރު

އަދީބު ބޭރަށް ނުފޮނުވަން ގޮވާލާ އަޑުތައް ގަދަވަނީ!

ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ސާބިތުވެ، ދިގު މުއްދަތަކަށް ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމާމެދު ހިޔާލުތަފާތުވެ، އެކަން އެގޮތަށް ނުކުރުމަށް އެދި، ބައެއް ފަރާތްތަކުން ހިޔާލުފާޅު ކުރަން ފަށައިފި އެވެ. އެކަމަކީ އޭނާ ފިއްލަވަން ފުރުސަތު ދިނުން ކަމަށްބުނެ ގިނަ ބައެއްގެ ކަންބޮޑުވުން އެކަމާ މެދު އެބައޮތެވެ.

އަދީބުގެ ލޮލުގެ ހާލަތު ގޯސްވެފައިވަނީ ލޮލުގެ ނުރައްކާތެރި މައްސަލައެއް ކަމަށްވާ ގުލޮކޮމާ ޖެހިފައިވާތީ އެވެ. އެކަން އައިޖީއެމްއެޗްގެ ޑޮކްޓަރުން އަދީބަށް އެންގިތާ މިހާރު އެތައް މަހެއް ވަނީ ވެފަ އެވެ. ލޮލުގެ ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އަދީބުގެ ބޭސްފަރުވާގެ މައްސަލަ އެންމެންގެ ސަމާލުކަމަށް އައީ، އަދީބުގެ ހާލު ގޯސްވެ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް އިދިކޮޅު އިސް ސިޔާސީ ފަރާތްތަކުން ގޮވާލުމުން އެވެ. އަދީބަށް ބޭސްފަރުވާ ފޯރުކޮށް ދިނުމަކީ މުހިންމު ކަމެއް ކަމަށާއި އޭނާއަށްވެސް އެހެން ފަރާތްތަކެކޭ އެއްގޮތަށް ބޭސްފަރުވާ ފޯރުކޮށްދޭން ޖެހޭނެ ކަމަށް އެބޭފުޅުން ގޮވާލާފައިވެ އެވެ. އަދި ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް އަދީބަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ލިބޭނެގޮތް ހަމަޖެއްސުމަށް އިދިކޮޅު ބައެއް ސިޔާސީ ލީޑަރުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އަދީބު ޖަލުގައި ބަންދު ކުރިތާ ތިން އަހަރުވެފައިވާ ކަމަށެވެ. ހުރިހާ ގައިދީންނެކޭ އެއްގޮތަށް އަދީބަށްވެސް ބޭސްފަރުވާ ކުރުމަށް ފުރުސަތުދީ ޑޮކްޓަރުން ލަފައާއެއްގޮތަށް ބޭރަށް ފޮނުވަންޖެހޭ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫންވެސް ވަނީ އަދީބަށް ބޭސްފަރުވާއަށް ގޮވާލާފަ އެވެ. މީގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އަދީބުގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެންމެނަށްވެސް ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތް ފޯރުކޮށް ދެވެން ޖެހޭނެ ކަމަށާއި އަދީބަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ގޮވާލައި ވަރަށް ބޮޑަށް ބާރު އަޅަމުން ގެންދާއިރު، އިދިކޮޅަށް ބައެއް ސަޕޯޓަރުން ދަނީ އަދީބު ބޭރަށް ބޭސްފަރުވާ އަށް ފޮނުވައި ފިއްލަވަން ފުރުސަތު ނުދިނުމަށް ގޮވާލަމުންނެވެ. އެކަމާ ގުޅިގެން ޓްވިޓާގައިވަނީ ބޮޑު ކޯޅުމަކަށް ގޮސް އެ ޒުވާބު ހޫނުވެފަ އެވެ.

އަދީބު ބޭރަށް ފޮނުވުމާއި ދެކޮޅަށް ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ އާއިލާއިން ވަނީ ތެދުވެފަ އެވެ. ރިލްވާންގެ އާއިލާއިން ބުނީ، އަދީބަކީ ރިލްވާން ގަދަކަމުން ގެއްލުވާލާފައިވާ މައްސަލައިގައި ސުވާލުކޮށް ތަހްގީގު ހިންގަން ޖެހޭ މީހެއްކަމަށް ދެކޭ ކަމަށެވެ. އަދި މީގެ ކުރިންވެސް ހާމަވެފައިވާ ބައެއް މައުލޫމާތަކަށް ބަލާއިރު، ރިލްވާން ވަގަށްނެގުމުގައި ބައިވެރިވީ ކަމަށް ތުހުމަތުވާ ބަޔަކާ އަދީބާ ގުޅުންތަކެއް އޮތް ކަމަށް ގަބޫލުކުރެވިފައިވާއިރު، ބޭރަށް ފޮނުވައިފި ނަމަ މައްސަލައިގެ ތަހުގީގު އަލުން ކުރާއިރު އެކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ނުދީ ފިލުމަށް އަދީބު މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން އޭނާއާށް ތަހުގީގަށް ފިލުމުގެ ފުރުސަތު ލިބޭ ގޮތަށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަކީ އެއާއިލާއިން ނުރުހޭ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ރިލްވާންގެ އާއިލާގެ އިތުރުން އިދިކޮޅު ބައެއް މެންބަރުން ޓްވިޓާގައިވެސް ދަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. އެކަމާ ގުޅިގެން މުހައްމަދު ބުޝްރީ ކިޔާ ބޭފުޅަކު ކުރެއްވި ޓްވީޓެއްގައި ވަނީ، އަދީބަށް ބޭސްފަރުވާ ދިނުމަށް ދެކޮޅު ނަހަދާ ކަމަށާއި ނަމަވެެސް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ދެކޮޅު ކަމަށެވެ. އެކަމަކީ އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ އެތައް ކުށަކުން ސަލާމަތްވާން ލިބޭ ފުރުސަތެއް ކަމަށާއި އޭނާގެ ތަހްގީގްތައް އިންސާފުވެރިކޮށް ގެންގޮސް ރާއްޖޭގައި ފަރުވާ ކުރެވޭނެ ގޮތް ހެދުން މުހިންމު ކަމަށްވެސް އޭނާ ބުންޏެވެ.

ޝިފްޒާން ކުރި ޓްވީޓެއްގައި ވަނީ، އަދީބަށްވެސް ބޭސްފަރުވާ ހައްގު ކަމަށާއި ސަރުކާރުން އަދީބަށް ރާއްޖެއިން ބޭސްފަރުވާ ކުރުމުގެ އިންތިޒާމް ހަމަޖައްސާދޭން ޖެހޭނެ ކަމަށެވެ. އަދީބު ފިއްލަވަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި ކޮށްފައިވާ ތުހުމަތު ތަކަށް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

އަދީބު ބޭރަށް ފޮނުވުމާއި ދެކޮޅަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ ރައީސާ އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ކުރީގެ ރައީސާ ޝަހިންދާ އިސްމާއިލް ކުރި ޓްވީޓެއްގައި ވަނީ، އަދީބަށް ރާއްޖެއިން ބޭސްފަރުވާ ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. އަދީބަށް ބޭސްފަރުވާ ފޯރުކޮށް ދިނުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށާއި ނަމަވެސް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރި އާންމު ފަރާތެއް ކަމަށްވާ ހައްވާ ލުބްނާ ކުރި ޓްވީޓެއްގައި ބުނީ، ރާއްޖޭގައި ހުކުމް އިއްވި ސިޔާސީ ބޮޑެތި ބޭފުޅުން ބޭސްފަރުވާއަށް ބޭރަށް ގޮސްފައިވަނީ ފިލަން ކަމަށެވެ. އެ ފުރުސަތު އަދީބަށް ދީގެން ނުވާނެ ކަމަށާއި އޭނާ އަށް ފަރުވާ ކުރަން ޖެހޭނީ ރާއްޖޭގައި ކަމަށެވެ. އަދި އޭނާ އަށް ފަރުވާކުރަން ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނެސްގެން ނަމަވެސް ރާއްޖޭގައި ފަރުވާދޭންޖެހޭ ކަމަށް ލުބްނާ ބުންޏެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމާއި ދެކޮޅަށް ބޮޑު ކޯޅުން ގަނޑަކަށް ސޯޝަލް މީޑިއާގައި ގޮސްފައިވާއިރު، އިދިކޮޅުގެ އިސް ފަރާތްތައް އަދީބު ބޭރަށް ފޮނުވަން ގޮވާލާތީ ގިނަ ފަރާތްތަކުން ދަނީ އެކަން ކުށްވެރި ކުރަމުންނެވެ. އަދި އަދީބު ބޭރަށް ފޮނުވުމަކީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކުން ބަރީއަތްވުމަށް ލިބޭ ފުރުސަތެއް ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށް ގޮވާލާފައި ވެއެވެ.

އަދީބުގެ ސިއްހީ ހާލަތު ދަށްވެ ރާއްޖެއިން ބޭރަށް ފޮނުވުމަށް ޑޮކްޓަރުންވެސް ލަފާދީފައި ވެއެވެ. ނަމަވެސް ރައީސް އަބުދުﷲ ޔާމީން ވެސް ވަނީ އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ ފިއްލަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދައްކަމުން ގެންދާއިރު، އޭނާގެ ބޭސްފަރުވާއާމެދު އެއްވެސް
މުއައްސަސާއަކުން ގޮތެއް ނިންމާފައެއް ނުވެ އެވެ.