ބޭއިންސާފުން ޝަރީއަތްތައްކޮށް ނުހައްގުން އެތައް ބަޔަކު ޖަލަށްލާފައިވާ ކަމަށް ވިދާޅުވެ، ޝަރުއީ ދާއިރާގެ އިސްލާހު ކުރުމުގެ ވާހަކަތައް އެންމެ ފަހުން ޕީޕީއެމްގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ދައްކަވައިފި އެވެ. އެހެން ނަމަވެސް މީގެ ކުރިން އެބޭފުޅުން ގެންދެވީ އެ ކަންކަން ދިފާއު ކުރައްވަމުން އެވެ.
ހަވީރު ދަންފަޅީގައި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކުރިޔަށް ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ ގަރާރުގެ ބަހުސް މަރުހަލާ އެވެ. އެ މައްސަލައަށް ބަހުސް ކުރެއްވި ހުރިހާ އެމްޑީޕީ މެންބަރުން ކުރިއެކޭ އެއްގޮތަށް ވެސް ރައީސް ނަޝީދު ދޫކޮށްލަން ގޮވާލައި ވާހަކަދެއްކެވި އިރު ކުރިއާ ހިލާފަށް ޕީޕީއެމްގެ މެންބަރުންގެ ރާގު މުޅިން ވަނީ ބަދަލުވެފަ އެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު ވަހަކަދެއްކެވި ގިނަ ޕީޕީއެމްގެ މެންބަރުން ވެސް ގަބޫލު ކުރައްވަނީ ރައީސް ނަޝީދު މިނިވަންވާން ޖެހޭ ކަމަށެވެ. އަދި ކޯޓުތަކުގައި މައްސަލަ ހުރި ކަމާއި އަނިޔާ އާއި ބޭއިންސާފުގެ ވާހަކަތައް ޕީޕީއެމްގެ މެންބަރުން މިނިވަން ކަމާއެކު ދައްކަވަމުން ދިޔަ އެވެ.
އެގޮތުން މަޖިލީހުގައި ވާހަކަދެއްކެވި ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ރައީސް ނަޝީދު ދޫކޮށްލުމާމެދު އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިތުރުން ބޭއިންސާފުން ޝަރިއަތްކޮށްފައިވާ ކާނަލް މުހައްމަދު ނާޒިމް އާއި ޝޭހް އިމްރާން އަބްދުﷲ ވެސް ދޫކޮށްލަން ޖެހޭ ކަމަށް އައިބީ ވިދާޅުވި އެވެ. އޭގެ އިތުރުން ބޭއިންސާފުން ޝަރީއަތްކޮށްފައިވާ ހުރިހާ ފަރާތްތަކަށް ވެސް އިންސާފު ލިބެން ޖެހޭ ކަމަށެވެ. އަދި ބޭއިންސާފުން ޝަރީއަތް ހިންގާ ހުކުމް އިއްވާފައިވާ ފަނޑިޔާރުންގެ މައްސަލަތައް ވެސް ބަލަން ޖެހޭ ކަމަށް ވެސް އައިބީ ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ހިނގާފައި މިވަނީ ފަނޑިޔާރުންތަކެއް ހުކުމް ކުރެއްވި ގޮތަކުން، އެހެންވީމަ އެކަން ކުރި ފަނޑިޔާރުންގެ މައްސަލަތައް ވެސް މި ގަރާރުގެ ތެރެއިން ބެލޭނެ ގޮތަށް އޮތުމަށް އަޅުގަނޑު ހުށަހަޅަން،" އައިބީ ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ އޭނާ އެމަނިކުފާނަށް ފާޑު ވިދާޅުވި ނަމަވެސް އެއް އިރެއްގައި ވެސް ޒާތީ ނުވާ ކަމަށެވެ. އަދި ހެޔޮ ގޮތް ގަބޫލު ކުރައްވާ ކަމަށާއި ރައީސް ނަޝީދަށް ހުކުމްކޮށްފައި އެ ވަނީ ބޭއިންސާފުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒް ވަނީ 1 ފެބްރުއަރީގެ އަމުރާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަކާ ހިލާފު އެއްވެސް މީހަކަށް ނުވެވޭނެ ކަމަށެވެ. އަދި އެ ކޯޓްގެ އަމުރު ތަންފީޒު ކުރަން ޖެހޭ ކަމަށާއި އޭގެ ބައިތައް ގަރާރުގައި ހިމަނައިގެން އެ ގަރާރު ފާސް ކުރަން ޖެހޭ ކަމަށެވެ. އަދި އަދުލް އިންސާފުގެ ނިޒާމް ރަނގަޅު ކުރަން މަސައްކަތް ފަށައިގަތުމަށް ވެސް ރިޔާޒް ގޮވާލެއްވި އެވެ.
އިދިކޮޅުގައި ހުންނެވުމަށް ފަހު މިހާރު ޕީޕީއެމްގައި އިސްކޮށް އުޅުއްވާ މަހިބަދޫ ދާއިރާގެ މެންބަރު މުހައްމަދު ތޯރިގު (ޓޮމް) ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލާގައި ހުކުމް ބާތިލު ކުރުމަށް ގަރާރުގައި ބުނެވިދާނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. ނަމަވެސް ގަރާރުގައި ދެން ހުރި ވާހަކަތަކަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. ޓޮމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަން ތަހުގީގު ކުރުމަށް ފަހު އެކަން ޓެރަރިޒަމްގެ ދައުވާއަކަށް ބަދަަލު ކުރުމާކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށާއި އިޖުރާއަތްތައް ވެސް ކުރިޔަށް ގެން ގޮސްފައި ވަނީ ރަނގަޅަކަށް ނޫން ކަމަށެވެ.
ޓޮމްގެ އިތުރުން މިހާރު ވެސް ރައީސް އަބްދުﷲ ޔާމީންއަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވާ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވެސް ވަނީ އަދުލްއިންސާފު ގާއިމްވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލާގެ އިތުރުން ރާއްޖޭގެ އެތަށް ރައްޔިތުންތަކަކަށް ބޭއިންސާފުން ޝަރީއަތްކޮށް އަނިޔާ ލިބެމުންދާ ކަމަށެވެ. ނަމަވެސް އެ ރައްޔިތުންގެ ވާހަކަދައްކާނެ މީހަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރަން ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމަށް ޖަމީލް އުސްމާން ވިދަޅުވި އެވެ.
ރައީސް ނަޝީދު މިނިވަން ވާން ޖެހޭ ކަމަށް ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އާއި މަޑަވަލި ދާއިރާގެ މެންބަރު އަލީ މުހައްމަދު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އިންސާފުން ބޭރުން ކަންކަން ހިނގާފައި ހުރި ކަމަށް ޕީޕީއެމްގެ އެ ހުރިހާ މެންބަރުން ވެސް މިއަދު ގަބޫލުކޮށް ވަނީ ހިޔާލުފާޅު ކުރައްވައިފަ އެވެ.