ބާސެލޯނާ

މެސީ ނެތިވެސް ބާސާއިން ރެއާލް ލަދުގަންނަވާލައިފި

އަނިޔާގައި ހުރި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ނުލައި، ވާދަވެރި ރެއާލް މެޑްރިޑްގެ މައްޗަށް 5-1 ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި ބާސާއިން ރެއާލް ލަދު ގަންނަވާލައިފި އެވެ.

ކުލަބު ފުޓްބޯޅައިގައި ދުނިޔޭގެ އެންމެ ވާދަވެރި މެޗުގެ ގޮތިގައި މަޝްހޫރު ވެފައިވާ، ބާސާ އާއި ރެއާލްގެ މި މެޗުގެ ނަތީޖާއަކީ މިދިޔ ފަސް އަހަރު ތެރޭ ފެނުނު އެންމެ ބޮޑު އެއް ނަތީޖާ އެވެ. ‘ޢެލް ކުލެސިކޯ’ ގެ ނަން ދީފައިވާ މި ދެ ޓީމުގެ ކުރިމަތިލުމަށް ދުނިޔޭގެ ސަމާލުކަން ހުއްޓޭ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން އެ މެޗުގައި ކުޅޭތީ އެވެ.

މިދިޔަ 12 ވަރަކަށް އަހަރުގެ ކުރިމަތިލުމާ ހިލާފަށް އެންމެ މަޝްހޫރު ދެ މޫނެއް މިފަހަރު ފެނިގެން ނުދެ އެވެ. މިދިޔަ ނުވަ އަހަރުތެރޭ އެލް ކުލެސިކޯ ވެފައި ވަނީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެސީ އާ ދެމީހުންގެ ކުރިމަތި ލުމެއްގެ ގޮތުގައިވެސް މެއެވެ.

ނަމަވެސް މިފަހަރު އެ ދެތަރިން ނެތެވެ. މި ސީޒަން ފެށުމުގެ ކުރިން، ރޮނާލްޑޯ ވަނީ ރެއާލް ދޫކޮށް ޔުވެންޓަސްއަށް ބަދަލު ވެފަ އެވެ. އަނީޔާގެ ސަބަބުން މެސީ ހުންނަން ޖެހުނީ ސަޕޯޓަރުންނާއެކު މެޗު ބަލާށެވެ. 

މުޅި މެޗަށް ބަލާއިރުވެސް، ރެއާލްގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ލުކަ މޮޑްރިޗާއި އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑް ހޯދި ކެޕްޓަން ސާޖިއޯ ރާމޯސްގެ ފަރާތުން ހީކުރި ވަރުގެ ކުޅުމެއް ނުފެނުނެވެ.

މި ސީޒަންގެ އެހެން މެޗުތަކުގައި ރެއާލުން ކުޅޭ ޕާސިންގޭމް ނުފެނުނެވެ. ބާސާއިން އެޓީމުގެ ރަސްމީ ޕާސިން ގޭމް ދެމެހެއްޓުމުގެ އިތުރަށް ބޯޅަ ގެއްލުމުން ވަރުގަދަ އަށް ޕްރެސްކޮށްގެން އެޓީމުން ވަނީ ކުޅެފަ އެވެ.

ބާސާގެ ފުރަތަމަ ލަނޑު ފިލިޕޭ ކުޓީނިއޯ ކާމިޔާބު ކުރީ ޖޯޑީ އަލްބާ ދިން ހިތްގައިމު ހުރަހަކުންނެވެ. ޢަލްބާއަށް ބޯޅަ ދިނުމަށް އީވާން ރެކިޓިޗް ކުރި މަސައްކަތްވެސް ފާހަގަ ކޮށްލަން ޖެހެ އެވެ.