ވިޔަފާރި

ފްލައިމީ އިން އަންނަ މަހު އައްޑު އާއި ފުވައްމުލަކަށް ދަތުރު ފަށަނީ

އަންނަ މަހުގެ 15 ވަނަ ދުވަހު ފްލައިމީ އިން އައްޑު އާއި ފުވައްމުލަކަށް ދަތުރު ފަށަން ތައްޔާރު ވެއްޖެ އެވެ.

ވިލާ އިން ހިންގަމުން ދިޔަ މާމިގިލި އެއާޕޯޓަށް ހަމައެކަނި އުދުހުންތައް ބާއްވަމުން ދިޔަ ފްލައިމީ އިން ފުވައްމުލަކާއި އައްޑު އަށް ދަތުރުތައް ފެށުމުގެ ގޮތުން ދަނީ ގްއުންޑް ސްޓާފުން ނަގަން އިއުލާނު ވެސް ކޮށްފަ އެވެ. އަދި އެ އެއާލައިނުން ދަނީ މި ދަތުރު ފެށުމުގެ ގޮތުން އެހެނިހެން ތައްޔާރީތައް ވެސް ވަމުންނެވެ.

ނަމަވެސް، ފުވައްމުލަކާއި އައްޑު އަށް ފަށާ ދަތުރުތަކާ ބެހޭ ގޮތުން ފްލައިމީގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ އިން ފުވައްމުލަކާއި އައްޑު އަށް ދަތުރު ފަށަން ތައްޔާރު ވަމުންދާއިރު، މީގެ ކުރިން ވެސް ފުވައްމުލަކާއި އައްޑު އަށް ދަތުރު ފަށަން އެ އެއާލައިނުން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އެ ފަހަރު ހުއްދަ ނުލިބުމުގެ ސަބަބުން ދަތުރުތައް ފެށޭގޮތް ވަނީ ނުވެފަ އެވެ.

ރާއްޖޭގެ ހުރިހާ ރީޖަނަލް އެއާޕޯޓު ތަކަށް މިހާރު އުދުހެމުން ދަނީ ހަމައެކަނި ގައުމީ އެއާލައިން މޯލްޑިވިއަން އެވެ. މި އހަރުގެ ޑިސެމްބަރު މަހު "މަންތާ އެއާ" ގެ ނަމުގައި އެތެރޭގެ އުދުހުން ތަކަށް އާ އެއާލައިނެއްގެ ދަތުރުތައް ފަށަން ދަނީ ތައްޔާރުވަމުންނެވެ. ކުޑަހުވަދޫއަކީ ސްޓޭޝަން ވެގެން ތިބެ، މަންތާ އެއާ އިން ފުރަތަމަ އުދުހެން ފަށަނީ ކުޑަހުވަދޫ އާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށި އައި ވީއައިއޭ އަށެވެ. މި ދަތުރުތައް ފެށުމުގެ ގޮތުން އޭޓީއާރް 600-72 މަރުކާގެ ފުރަތަމަ ބޯޓު އަންނަ މަހުގެ 12 ވަނަ ދުވަހު ރާއްޖެ ގެންނާނެ އެވެ. އަދި އިތުރު ބޯޓެއް އަންނަ އަހަރުތެރޭގައި ރާއްޖެ ގެންނާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.