ރެއާލް މެޑްރިޑް

ލޮޕެޓެގީ ކުރިމަގު ބަނަ، ރެއާލުގެ ރާޑަރު ކޮންޓޭއަށް

ރޭ ކުޅުނު، އެލެކްލެސިކޯ މެޗުގައި، 5-1 އިން ވާދަވެރި ބާސެލޯނާ އަތުން ރެއާލް މެޑްރިޑް ބަލިވުމުން، އެ ޓީމުގެ މިހާރުގެ ކޯޗު ހުލެން ލޮޕެޓެގީ ވަކިކޮށް، އެ ޓީމުގެ ކޯޗަކަށް ޗެލްސީގެ ކުރީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ގެންނަން އުޅޭ ކަމުގެ ވާހަކަތައް ގަދަ ވެއްޖެ އެވެ.

ރޭގެ މެޗުގައި ލަދުވެތި ނަތީޖާއަކުން ރެއާލް ބަލިވުމުން، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ކުޅުންތެރިންނާ ބައްދަލުވެސް ނުކޮށް ދަނޑުން ނިކުމެފަ އެވެ. ސްޕެއިންގެ ކުޅިވަރު ނޫސްތަކުން މިއަދު އާންމު ކުރަމުންދާ ރިޕޯޓްތައް ބުނާ ގޮތުން، ރެއާލުގެ ކޯޗިން ސްޓާފުންނާ މެދު ގޮތް ނިންމުމަށް ޕެރޭޒް މިއަދު އޭނާގެ ޑިރެކްޓަރުންނާ ބައްދަލު ކުރާނެ އެވެ.

ސްޕެއިންގެ ކުޅިވަރު ޓެބްލޮއިޑް ނޫހެއް ކަމަށްވާ 'މާކާ' އިން ބުނީ، ލޮޕެޓެގީގެ ކުރިމަގާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށެވެ. އަދި ކޮންޓޭ ކޯޗު ކަމަށް ހަމަޖެއްސުމަށް ހޭދަވާ މުއްދަތުގައި ރެއާލުގެ ސީނިއާ ޓީމުގެ ކޯޗުކަން ވަގުތީ ގޮތުން ޒުވާން ޓީމުގެ ކޯޗު ސެންތިއާގޯ ސޮލާރީ އާ ހަވާލު ކުރާނެ ކަމަށްވެސް މާކާއިން ބުނެ އެވެ. އެހެން ވެއްޖެ ނަމަ ސްޕެނިޝް ކަޕުގައި ބުދަ ދުވަހުގެ ރޭ މެލީލާއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭނީ ސޮލާރީ އެވެ.

މި ސީޒަން ފެށެން ވަގުތު ކުޑަތަން ވެފައި ވަނިކޮށް ޗެލްސީގެ ކޯޗު ކަމުގެ މަސްއޫލިއްޔަތުން ކޮންޓޭ ދުރު ކުރި ނަމަވެސް، އޭނާއާ އެކު އޮތް ކޮންޓްރެކްޓު ޗެލްސީން އުވާލާފައެއް ނުވެ އެވެ. ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން އިސްވެ ކޮންޓްރެކުޓް އުވާލާނަމަ އަގެއް ދައްކަން ޖެހޭނެ އެވެ. އިތުރު ޓީމަކާ ހަވާލުވުމުގެ ކުރިން، ކޮންޓްރެކްޓް މައްސަލަ ހައްލު ކުރަން ކޮންޓޭއަށް ޖެހޭނެ އެވެ.

އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން، ރެއާލު މޮޅުވީ އެންމެ މެޗަކުންނެވެ. ސީޒަންގެ ފެށުން ރަނގަޅަށް ދިޔަ ނަމަވެސް ލެޕޮޓެގީ މިހާރު ހޯދަމުންދާ ދަށް ނަތީޖާ ތަކުގެ ސަބަބުން، ރެއާލުގެ ފުރިހަމަ އިތުބާރު އޭނާއަކަށް ނެތެވެ. ނަމަވެސް ރޭގެ މެޗަށް ފަހު އޭނާ ބުނީ، ރެއާލުގެ ކޯޗުކަމުގައި ދެމިހުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށެވެ.

ރެއާލުގެ ކޯޗު ކަމަށް ކޮންޓޭ އައުމުގެ ފުރުސަތު ބޮޑު ކަމަށާއި އެކަމާ ބެހޭގޮތުން ދެކެނީ ކޮންގޮތަކަށްތޯ ސުވާލު ކުރުމުން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ ޓީމުގެ މެނޭޖުމެންޓުން ނިންމާ ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށެވެ. އަދި އޭނާ އަކީ ކޮންމެ ކޯޗެއް ހުއްޓަސް އެ މީހަކަށް އިހުތިރާމު ކުރާނެ މީހެއް ކަމަށް ރާމޯސް ބުންޏެވެ.