ހަބަރު

އައިޔޫއެމްގެ ޓެސްޓް ޕޭޕަރުތައް ހުރި ލެޕްޓޮޕްތައް ވަގަށް ނަގައިފި

އިސްލާމިކް ޔުނިވަސިޓީގެ ލެކްޗަރާއިން ބޭނުންކުރާ ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވަގަށް ނަގާފައިވަނީ، އެ ޔުނިވަސިޓީ އިން ހިންގާ ބައެއް ކޯސްތަކުގެ ޓެސްޓު ޕޭޕަރުތަކެއް ވެސްހިމެނޭ ލެޕްޓޮޕްތަކެކެވެ.

ނަމަވެސް އައިޔޫއެމް އިން އެކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވަގަށް ނެގި ލެޕްޓޮޕްތަކުގައި ހުރި އެއްވެސް މައުލޫމާތެއްގެ ސަބަބުން އެ ޔުނިވަސިޓީ އިން ދޭ އެއްވެސް އިމްތިހާނެއްގެ ސައްހަކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ. ދަރިވަރުންނަށް ޕޭޕަރު ދޭނީ އޭގެ ސައްހަކަން ޝައްކެއްނެތް މިންވަރަށް ކަށަވަރުކުރުމަށްފަހު ކަމަށާއި އެހެންކަމުން އެ ޔުނިވަސިޓީން ދޭ އިމްތިހާނުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ގޮތަށް ހަބަރު ނުފެތުރުމަށް ވެސް އައިޔޫއެމް އިން ވަނީ ގޮވާލާފަ އެވެ.

"ދަރިވަރުންނަށް އިމްތިހާން ދޭނީ، އިމްތިހާނުގެ ކަންކަން ކަށަވަރުކުރުމަށްފަހު، ދަރިވަރުން އިމްތިހާންކުރުމާއި ފެންވަރު ވަޒަންކުރުމުގެ ގަވާއިދުގައިވާ ގޮތަށް ކަމުގައި ޔަގީންކޮށްދެމެވެ،" އައިޔޫއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ލެޕްޓޮޕްތައް ވަގަށް ނެގި މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.